ދަންވަރު ގެޔަށް އައީ ހަތް އަހަރު ކުރިން "މަރުވި" ދަރިފުޅު
ދަންވަރު ގެޔަށް އައީ ހަތް އަހަރު ކުރިން "މަރުވި" ދަރިފުޅު

ކައިލާޝް ޔާދަވް އިންޑިއާގެ ކުރީގެ ސިފައިންގެ މީހެކެވެ. މިދިޔަ ހަފުތާގައި އެއް ރޭ ދަންވަރު އޭނާގެ ގޭގެ ދޮރުގައި މީހަކު ވަރަށް ބާރަށް ތަޅަން ފެށި އެވެ. ހީކުރީ މަސްތުވެފައި ހުރި މީހަކު ކުރާ އުނދަގުލެއް ކަމަށެވެ. ރުޅި ގަދަވެފައި ހުރެ ދޮރު ހުޅުވާލީ އެމީހާއާ ރަނގަޅަށް ކުރިމަތިލުމުގެ ނިޔަތުގަ އެވެ. ނަމަވެސް ދޮރު ހުޅުވާލުމާ އެކު އޭނާއަށް ލިބުނީ ބޮޑު ޝޮކެކެވެ. ކުރިމަތީގައި ހުރީ މީގެ ހަތް އަހަރު ކުރިން މަރުވި އޭނާގެ ދަރިފުޅު ދަރަމްވީރް ސިންގް އެވެ.

ދަރަމްވީރް މަރުވި ކަމަށް ނިންމީ ކީއްވެހެއްޔެވެ؟

ދަރަމްވީރް، 39، އަކީ ދެހެރާދޫން ރެޖިމެންޓްގައި މަސައްކަތްކުރާ ސިފައިންގެ މީހެކެވެ. އޭނާ ގެއްލުނީ 2009 ވަނަ އަހަރު އެވެ. ގަވާއިދުގައި އޮންނަ ގޮތުން ތިން އަހަރު ވަންދެން އޭނާ ފެނޭތޯ ބެލުމަށްފަހު ނުފެނުމުން ނިންމީ އޭނާ މަރުވެފައިވާ ކަމަށެވެ.

ދަރަމްވީރްގެ ކޮއްކޮ ޓައިމްސް އޮފް އިންޑިޔާއަށް ކިޔައިދީފައިވާ ގޮތުގައި ދެހެރާދޫންގެ ޗަކްރާތާ ރޯޑުން މިލިޓަރީ ވެހިކަލެއްގައި އޭނާގެ ބޭބެ ދަތުރުކުރަނިކޮށް އެ ވެހިކަލް އެކްސިޑެންޓްވީ އެވެ. އެކްސިޑެންޓް ހިނގިއިރު ބޭބެއާ އެކު ސިފައިންގެ އެހެން ދެ މީހަކު ވެސް ތިއްބެވެ. ވެހިކަލް އަނބުރާލަން އުޅުނު ވަގުތު އަނެއްފުށަށް ޖެހި އޭގައި ތިބި މީހުން ވިއްސައިގެން ގަސްތަކެއްގެ ތެރެއަށް ގޮސް ވެއްޓުނީ އެވެ. ދަރަމްވީރު ފިޔަވައި އަނެއް ދެ މީހުން ސަލާމަތްވެ ޑިއުޓީ އަށް ދިޔަ އެވެ. ދަރަމްވީރަށް ވީގޮތެއް ނޭނގެ އެވެ.

އަސްކަރިއްޔާ އިން ވަނީ ދަރަމްވިރު ފެނޭތޯ ތިން އަހަރު މަސައްކަތް ކުރުމަށް ފަހު އޭނާ މަރުވީ ކަމަށް ނިންމައި އޭނާގެ އާއިލާ އަށް ޕެންޝަން ފައިސާ ދޭން ފަށައިފަ އެވެ.

ދަރަމްވީރުގެ އާއިލާގެ މީހުންނަށް ކިޔައިދިން ގޮތުގައި 2009 ގައި އެކްސިޑެންޓް ވީ ވަގުތު ވީ އެއްވެސް ކަމެއް އޭނާގެ ހަނދާނަކު ނެތެވެ. ހަނދާން ހުރީ ހަނދާންތައް އެނބުރި އައި ދުވަހު ހަރިދްވާރުގެ މަގެއް މަތީގައި ސަލާންޖަހަން އުޅުނު ކަމެވެ. ސަލާންޖަހަމުން ހިނގަނިކޮށް އޭނާގެ ގައިގައި ބައިސްކަލަކުން ޖެހި ހޭނެތުނީ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބައިސްކަލް ދުއްވި މީހާ އެވެ. ދަރަމްވީރް ހޭ އެރީ ހޮސްޕިޓަލުގައި އޮއްވަ އެވެ. ހޭއެރުމާ އެކު އޭނާގެ ހަނދާންތައް އެނބުރި އައިސްފައިވާކަން ދަރަމްވީރަށް އެނގުނެވެ.

ބައިސްކަލް ދުއްވި މީހާ ދަރަމްވީރަށް 500 ރުޕީސް ދިނުމުން އަވަހަށް ޓިކެޓެއް ގަނެގެން އޭނާގެ އާއިލާގެ ކައިރިއަށް އެނބުރި އައީ އެވެ.

ދަރަމްވީރު ގެއްލިގެން އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އޭނާގެ އަންހެނުން މަނޯޖް ދޭވީ ހުރީ ކޮންމެވެސް ދުވަހަކުން ފިރިމީހާއާ ދިމާވާނެ ކަމުގެ އުންމީދުގަ އެވެ. ދަރަމްވީރަށް އޭނާގެ އަންހެން ދެ ދަރިފުޅު ފެނިފައި ވަކިކުރަން ވެސް ނޭނގުނެވެ. ހަތް އަހަރު ކުރިން އޭނާއަށް ފެނުނު ތުއްތު ކުދިންތައް ބޮޑެތި އަންހެންކުދިންނަށް ވެފައި ތިބީމަ އެވެ.