ބޮލީވުޑްގެ އެންމެ ވަރުގަދަ ދެ ތަރިންނަކީ ވަރުން އާއި އާލިއާ
ބޮލީވުޑްގެ އެންމެ ވަރުގަދަ ދެ ތަރިންނަކީ ވަރުން އާއި އާލިއާ

ފިލްމީ ތަރިން ގިންތިކުރާ، ޓައިމްސް ސެލެބެކްސްގެ މާޗް މަހުގެ ރޭންކިން މިހާރު ނެރެފައިވާ އިރު މި ލިސްޓުގެ އެންމެ ކުރި ހޯދާފައި ވަނީ ބޮލީވުޑްގެ ވަރަށް ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް އެވެ.

ވަރުން އަށް މިހާ ބޮޑު ކުރިއެރުމެއް ލިބުނީ އޭނާގެ އެންމެ ފަހުން ރިލީޒްވި "ބަދްރީނާތު ކީ ދުލްހަނިޔާ"ގެ ކާމިޔާބާއި މިހާރު ކުޅެމުންދާ "ޖުޅްވާ 2"ގެ ޚަބަރުތައް ނޫސްތަކުގައި ވަރަށް ގިނައިން ލިޔަމުންދާތީ އެވެ.

ދެ ވަނައިގައި އޮތީ އަކްޝޭ ކުމާރެވެ. ތިން ވަނަ އަމީތާބު ބައްޗަން އަށެވެ. ޝާހްރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން، ޝާހިދު ކަޕޫރު، ރިތިކް ރޯޝަން އަށް މި ތަރުތީބުން ދެން ހުރި ވަނަތައް ލިބިފައިވެ އެވެ.

މާޗް މަހު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް އެކްޓަރަކީ ކޮމޭޑިއަން ސުނިލް ގްރޯވަރެވެ. ކުރީ މަހު ލިސްޓުގެ 50 ވަނައިގައި އޮތް ސުނިލް އަށް މިމަހު 23 ވަނަ ލިބިފައިވެ އެވެ. އެއީ އޭނާ ބައިވެރިވަމުން ދިޔަ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ހޯސްޓް ކަޕިލް އާއި ސުނިލްގެ މެދުގައި ހިނގި ވަރުގަދަ އަރާރުންގަނޑަކަށްފަހު އެމީހުންގެ ޚަބަރުތައް މާގިނައިން ޓީވީ އާއި ނޫސްތަކުން ފެނިފައިވާތީ އެވެ.

ބަތަލާއިންގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އާލިއާ ބަޓް އެވެ. އާލިއާ ގެ "ބަދްރީނާތު ކީ ދުލްހަނިޔާ" ވަނީ ސުޕަހިޓް ވެފަ އެވެ. އަދި އޭނާ ސޮއިކޮށްފާނެ ކަމަށް ބެލެވޭ ގިނަ ފިލްމުތަކެއްގެ ވާހަކަ އަބަދު ކަހަލަ ގޮތަކަށް ދަނީ ދެކެވެމުންނެވެ. ޚާއްސަކޮށް އެކްޓަރު ސިދާރްތު މަލްހޯތުރާ އާއި އާލިއާގެ ލޯބީގެ ވާހަކަ އަބަދުވެސް ނޫސް މަޖައްލާތަކުން ކެނޑިނޭޅި ގެންނަމުންދާތީ އާލިއާގެ މަގްބޫލުކަން އެހެން ބަތަލާއިންނަށް ވުރެ މާ ކުރިއަށް ދިޔައީ އެވެ.

މި ލިސްޓުގެ ދެ ވަނައިގައި އުޅެނީ އަނުޝްކާ ޝަރުމާ އެވެ. އަދި ތިން ވަނައިގައި ދީޕިކާ ޕަދުކޯން އެވެ. ދިހަ ވަނައިގައި ހިމެނުނު ބަތަލާއިންނަކީ ޕްރިޔަންކާ ޗޯޕްރާ، ސޮނާކްޝީ ސިންހާ، ސޯނަމް ކަޕޫރު، ޕަރިނީތީ ޗޯޕްރާ، ޖެކްލީން ފެނާންޑިސް، ޝްރައްދާ ކަޕޫރު އަދި ޔާމީ ގޯތަމް އެވެ.

ޓައިމް ސެލެބެކްސް ސެޕްޓެމްބަރު 2012 ގައި ލޯންޗުކޮށް ކޮންމެ މަހަކު ވެސް އެ މަހެއްގައި ތަރިންގެ މަގުބޫލުކަން ހުރި މިންވަރު ކަނޑައަޅައި ތަރުތީބުކުރެ އެވެ. މި އިންޑެކްސް ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަމަށް ބަލަ އެވެ. އޭގެ ތެރޭގައި ބޮކްސް އޮފީހުގައި އެ ތަރިއެއްގެ ފިލްމެއް ހިނގާފައިވާ މިންވަރާއި ޕްރިންޓް މީޑިއާ، ޓީވީ އަދި އޮންލައިންގައި އެ އެކްޓަރެއްގެ ޚަބަރުތައް ދައުރުވެފައިވާ މިންވަރު ވެސް ބަލަ އެވެ. މީގެ އިތުރުން އެމީހުންގެ ބްރޭންޑް އެންޑޯސްމަންޓްސް، ސޯޝަލް މީޑިއާ އާއި އިންޓަނެޓު ބޭނުންކުރާ ފޭނުންގެ މެދުގައި އެ އެކްޓަރެއްގެ މަގްބޫލުކަން ހުރި މިންވަރަށް ވެސް ބަލަ އެވެ. މި މައުލޫމާތު ހޯދަނީ 60 އަށް ވުރެ ގިނަ ނޫހާއި 250 އަށް ވުރެ ގިނަ ނޫސްމަޖައްލާއިންނެވެ.