01 މެއި 2017 - 07:22

ލަފާކުރެވޭ ގޮތުން މި އަހަރަކީ މިދިޔަ އަހަރަށް ވުރެ ގިނަ ފިލްމްތައް ސްކްރީނަށް އަންނާނެ އަހަރެކެވެ. އަހަރުގެ ފުރަތަމަ ކުއާޓަރު ނިމިގެން ދިޔަ އިރު ހަތަރު ފިލްމެއް ބެލުންތެރިންނާ ހަމައަށް އަތުވެއްޖެ އެވެ. އެއީ ކޮންމެ މަހަކަށް ފިލްމެކެވެ.

އަހަރުގެ ފުރަތަމަ ފިލްމަކަށްވީ މާޗް ދޭއްގައި އެޅުވި "މަލިކާ" އެވެ. ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް ހެދި މި ފިލްމަކީ އާއިލީ ލޯބީގެ ފިލްމެކެވެ.

ގިނަ ބަޔަކަށް ކަމުދިޔަ "މަލިކާ" އަކީ މުސްތޮފާ (ސެމީ) ޑައިރެކްޓް ކުރި ފިލްމެކެވެ.

އެ ފިލްމް އޮލިމްޕަހުގައި ދައްކަމުން ދަނިކޮށް، ދެން ރިލީޒްވީ މާޗް އަށެއްގައި އެޅުވި ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" އެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހެދި މި ފިލްމަކީ ކްރައިމް ތުރިލާއެކެވެ. ޝްވެކް ސިނަމާގައި އެޅުވި މި ފިލްމް ވެސް ވެގެން ދިޔައީ ބެލުންތެރިންނަށް ކަމުދިޔަ ފިލްމަކެވެ.

އަހަރުގެ ތިން ވަނަ ފިލްމް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އޮލިޕަސް ސިނަމާ އަށް އައީ އެޕްރީލް މަހުގެ ފަހެއްގަ އެވެ. ފިލްމުގެ ހައުސްފުލް 17 ޝޯ ދެއްކުމަށް ފަހު، އޮލިމްޕަސް ކުރިމަތިން މަގު ހަދާތީ މި ފިލްމުގެ ޝޯތައް މި ވަގުތަށް އޮތީ މަޑުޖައްސާލައިފަ އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން "މީ ލޯތްބަކީ" ގެ ޝޯތައް އަނެއްކާ ވެސް ފަށާނެ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސިނަމާ އައި ފަހު ފިލްމަކީ ތިއޭޓަ މިރާޖާއި އޯކޭޒް އިންކްގެ "އިލް ނޮއިސް" އެވެ. މުޅިން ތަފާތު ކޮންސެޕްޓަކަށް، މުޅިން އާ ބަޔަކު ހަދާފައި އޮތް މި ފިލްމް ޝްވެކް ސިނަމާގައި ދައްކަން ފެށީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. މި ސައިކޮލޮޖިކަލް ތުރިލާގެ ޝޯތައް ކުރިއަށް ހުރީ އެވެ.

މިހާތަނަށް ރިލީޒްވި ފިލްމްތަކަށް ބަލާ އިރު، ހަތަރު ފިލްމަކީ ވެސް ތަފާތު ޖޯންރާތަކަށް ހަދާފައި ހުރި ފިލްމުތަކެވެ. އެހެންވެ އެއީ ބެލުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މި ފިލްމްތަކުގެ ހަނދާން އާކޮށްލުމަށް ފަހު، އަހަރުގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލައިލަމާ ހިނގާށެވެ. ބައެއް ފިލްމްތައް ރިލީޒް ކުރާ ތާރީހުތައް ވެސް އިއުލާންކޮށްފައިވާ އިރު، ރިލީޒް ވާނެ ކަމަށް ބެލެވޭ ގިނަ ފިލްމްތަކެއް ކުރިއަށް އެބަ ހުއްޓެވެ.

މި ކޮމެޑީ ފިލްމް ސިނަމާ އަށް އަންނާނީ އޮގަސްޓް ދޭއްގަ އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅޭ "ނޯޓީ 40" އަކީ އަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ ފިލްމެކެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުން އަލީ ސީޒަން، ނިއުމާ މުހައްމަދު، މުހައްމަދު މަނިކު، އަހުމަދު ސައީދު، މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ)، ފާތުމަތު އާޒިފާ (އަޒޫ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފަދަ ތަރިން ފެނިގެން ދާނެ އެވެ.
މިއީ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ޑްރީމް ޕްރޮޖެކްޓެކެވެ. ސެޕްޓެމްބަރު މަހުގެ ހައެއްގައި ޕްރިމިއާ ކުރަން ހަމަޖެހިފައިވާ "ހައްދު" އަކީ ވަރަށް ތަފާތު ލޯބީގެ ހާދިސާތަކެއް ފެނިގެން ދާނެ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަހުދީ އަހުމަދެވެ.
މަރިޔަމް އައްޒަ އާއި ފާތުމަތު ރިޝްފާއާ އެކު ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ އަހުމަދު ޝިބާން ލީޑް ރޯލުން ފެނިގެންދާ "ހައްދު" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މިއީ 2014 ގައި ގެނެސް ދިން "އާދޭސް" އަށް ފަހު، ފައްތާހު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.
މުހައްމަދު އަބޫބަކުރު (މާއެބޫ) ޑައިރެކްޓް ކުރާ މި ފިލްމަކީ އަނެއްކާ ވެސް މަހުދީގެ ސްކްރީންޕްލޭއެކެވެ.
ޔޫއްޕެ އާއި އަޒޫ އަދި ފިލްމަކުން އަލަށް ފެނިގެންދާ ނެށުންތެރިންތެރިޔާ/ފެހުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) ލީޑް ރޯލުން ފެނިގެންދާ "ނޭދެން ވަކިވާކަށް" ސިނަމާ އަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 27 ގަ އެވެ.
ލޯބީގެ ހާދިސާތަކެއް ފެނިގެންދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސައީދު، އަހުމަދު އަޒްމީލް (އަޒޭ) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) ވެސް ހިމެނެ އެވެ.
މިއީ ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސް ކުރާ ލޯބީގެ އަސަރު ގަދަ ފިލްމެކެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި ރިލީޒް ކުރަން ޕްލޭންކޮށްފައިވާ "ބޮސް" ގެ ޑައިރެކްޓަރަކީ އައިޝަތު ރިޝްމީ އެވެ.
ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ މި ފިލްމުގެ ބަތަލާއަކީ ރިޝްމީގެ ކޮއްކޮ އައްޒަ އެވެ.
އަދި ކާސްޓުން މުޅިން ފައިނަލް ނުވާ މި ފިލްމުން އިބްރާހީމް (ޖިމީ) ވެސް ފެނިގެން ދާނެ އެވެ. އަދި ފިލްމީ ދާއިރާ އަށް އާ އެކްޓަރަކު "ބޮސް" އިން ތައާރަފު ކުރާނެ އެވެ.
ނަހުލާގެ ލީބީގެ ފިލްމްތަކަށް އިންތިޒާރު ކުރާ މީހުންނަށް މި ފިލްމަކީ ހެޔޮވަރު ފިލްމަކަށް ވާނެކަމާ ދޭތެރޭ ޝައްކެއް ނެތެވެ.
މިއީ އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ޑައިރެކްޝަނެވެ. އަދި މިއީ 2015 ގައި ރިލީޒް ކުރަން ކުރިން ޕްލޭބް ކުރި ފިލްމެކެވެ. އެހެން ނަމަވެސް ބައެއް ސަބަބުތަކާ ހެދި އެކަން ކާމިޔާބު ނުވިޔަސް، މި އަހަރު "ގިލަން" ރިލީޒް ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
މުހައްމަދު ގާސިމް ލިޔެފައިވާ ވާހަކަ "ގިލަން" އަށް ބިނާކޮށް ހަދާފައިވާ ފިލްމުގެ ތަރިންނަކީ ޔޫއްޕެ، މަރިޔަމް ނޫރާ، އަލީ އާޒިމް (ދޮން އައްޔަ)، އަޒޫ، މަރިޔަމް ޝަކީލާ ސައީދު އަދި މުހައްމަދު ރަޝީދު (ދަރާ) އެވެ.
މިއީ ފިލްމީ މަސައްކަތްތަކަށް އަލަށް ނިކުތް އިމޭޖިނޭޝަން ރިއަލިޓީގެ ރޮމޭންޓިކް އެކްޝަން ތުރިލާއެވެ. އަހުމަދު ޔާސިރު ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ވެސް ކުރާ "ދަޅަ" މިހާރު އޮތީ ޝޫޓިން ފެށުމުގެ މަރުހަލާގަ އެވެ.
ފިލްމްގެ ބަތަލާ ސިއްރެއްގެ ގޮތުގައި އޮތް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އިބްރާހީމް ސޮބާ އާއި މުހައްމަދު ޝައްމޫން ހިމެނެ އެވެ. އަދި ފިލްމުން ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ އެވެ.
އިމޭޖިނޭޝަނުން ބުނި ގޮތުގައި ޓާގެޓަކީ ޖުލައި މަހުގެ ފަހުކޮޅު "ދަޅަ" ސިނަމާ އަށް ގެނައުމެވެ.
މިއީ އަނެއްކާ ވެސް އަމްޖޭގެ ފިލްމެކެވެ. ލޯބީގެ އަނިޔާވެރި ހާދިސާތަކެއް ދައްކުވައިދޭ "ދޭތީ އަނިޔާ" ގެ ބޮޑު ބައި ޝޫޓްކޮށް ނިމިފައިވާ އިރު، ފިލްމް އަޅުވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެކަމަކު ވެސް މި ވެސް މި އަހަރު ބެލުންތެރިންނަށް ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ފިލްމެކެވެ.
"ދޭތީ އަނިޔާ" ގެ ލީޑް ރޯލުން ފެންނާނީ ރިޝްފާ އާއި އަހުމަދު އީސަ (އާނަންދް) ގެ އިތުރުން ހާމިދު އަލީ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ޝަކީލާ، ފައުޒިއްޔާ ހަސަން، ރޯނު ހަސަން މަނިކު އަދި ހުސައިން ޝިބާހް ހިމެނެ އެވެ.
"ލޫތު" އަކީ ވެސް އިމޭޖިނޭޝަން ރިއަލިޓީގެ ބިރުވެރި ފިލްމެކެވެ.
އެ ސްޓޫޑިއޯ އިން ހަދަން ނިންމި ފުރަތަމަ ފިލްމަކީ މިއެވެ. އެހެން ނަމަވެސް ވަރަށް ބޮޑަށް ސްޕެޝަލް އިފެކްޓްސް ހަދަން ޖެހޭ ފިލްމަކަށްވުމާ އެކު "ލޫތު" ގެ މަސައްކަތް ތަންކޮޅެއް ފަސްކޮށްލި ނަމަވެސް، މި ފިލްމަކީ މި އަހަރު ފަހުކޮޅު ސްކްރީނަށް ގެންނަން އަމާޒު ހިފާފައިވާ ފިލްމެކެވެ.
ކުޑަކުއްޖަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއް ފެނިގެންދާ "ލޫތު" ގެ ކާސްޓުންގެ ތެރޭގައި ސޮބާ، ޝަކީލާ އަދި ދަރާ ރަޝީދު ފަދަ އެކްޓަރުން ހިމެނެ އެވެ.
މިއީ "ވިޝްކާ" އިން ފެނިގެން ދިޔަ ތަފާތު ޓެކްނިކަލް މަސައްކަތުގެ ފަހަތުގައި އޮތް ސްޓޫޑިއޯ މަދޮށިޕުން ހަދާ ފިލްމެވެ. ޒުވާން ފިރިހެން ކުއްޖަކަށް ދިމާވާ ވާހަކަތަކެއް ކިޔައިދޭ "ބަގަޅޭ" މި އަހަރު ސިނަމާ އަށް ގެންނަން މަދޮށިޕުން ފޫގަޅާފައިވާ އިރު، އެ މީހުން ބުނީ ފިލްމުގެ މަސައްކަތް ކުރިން ރޭވި ޕްލޭނާ އެއްގޮތަށް ކުރިއަށް ނުގޮސް އޮތީ މާލީ ދަތިތަކަކާ ހެދި ކަމަށެވެ.
އެކަމަކު ވަރަށް އަވަހަށް މަސައްކަތް ފަށައި، ވަރަށް ތަފާތު ފިލްމެއް މި އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަކީ މަދޮށިޕްގެ ހުވަފެނެކެވެ.
"ބަގަޅޭ" ލިޔެ، ޑައިރެކްޓް ކުރަނީ ފީޗާ ފިލްމެއްގެ މަސައްކަތަށް މުޅިން އާ މީހެކެވެ. އެއީ އަހުމަދު ސައީދު (އަންދު) އެވެ.
މި ފިލްމުތަކުގެ އިތުރަށް މިހާރު ވެސް ކުރިން މަސައްކަތް ނިމި އެކަމަކު ބައެއް ކަންކަމާ ހެދި ސްކްރީނަށް ނައިސް ހުރި ފިލްމްތަކެއް އެބަ ހުއްޓެވެ.
އޭގެ ތެރޭގައި މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" އާއި މަހުދީގެ "މާޔޫސް" އާއި މުހައްމަދު ފުއާދު (ފޯޑް) ގެ "ހަތަރު ހަޅަ" އިގެ އިތުރުން ހުސައިން ސޮބާހްގެ "އިންތިހާ" ފާހަގަކޮށްލެވެ އެވެ.
އެހެންވެ މިއިން ފިލްމެއް މި އަހަރު ސްކްރީނަށް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.