17 މެއި 2016 - 13:42

ސެމްސަންގުގެ ނޯޓް ސީރީޒްގެ، ގެލެކްސީ ނޯޓް 6 ޖޫން މަހުގެ މެދަކާ ހިސާބުގައި ތައާރަފްކުރަން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.
މި ވާހަކަ މިގޮތަށް ދެކެވެން ފަށާފައި ވަނީ މޯބައިލް ފޯނާ ބެހޭ މައުލޫމާތު އެހެން މީހުންނަށް ވުރެ ކުރިން ލީކު ކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ ބްލޮގަރެއް ކަމަށްވާ އީވާން ބްލާސްގެ ޓްވީޓަކާ އެކުގަ އެވެ. އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ އެމެރިކާގައި ގެލެކްސީ ނޯޓް 6 ނެރެން ނިންމާފައި ވަނީ އޯގަސްޓް 15 އާ ދިމާވާ ހަފުތާގައި ކަމަށެވެ.
މި ޓްވީޓްގައި ބުނެފައި ވަނީ ނޯޓް 6 އެމެރިކާ އަށް ތައާރަފްކުރާ ދުވަސް ކަމަށް ވާތީ، މީގެ ކުރީގެ ތާރީހެއްގައި އެހެން ގައުމުތަކަށް ތައާރަފްކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
އީވާން އަކީ ފޯނާ ބެހޭ މައުލޫމާތުގައި އިތުބާރު ހުރި މީހަކަށް ވިޔަސް މިއީ ފޯނު ނެރޭ ތާރީހު ކަމެއް ޔަގީނެއް ނޫނެވެ. މިކަމާ ބެހޭ ގޮތުން ސެމްސަންގުން ވެސް ވެސް ވާހަކައެއް ނުދައްކާނެ އެވެ.
ނޯޓް 6 ގެ ފީޗާތައް ކަމަށް ބުނެ ކުރިން ލީކުވެފައިވާ މައުލޫމާތާ ގުޅިގެން އެތައް ބަޔަކު ދަނީ އެ ފޯނަށް އިންތިޒާރު ކުރަމުންނެވެ. މި ފޯނަށް ފެން ނުވަންނާނެ ކަމަށާއި 4000 މިލިއެމްޕިއާގެ ބެޓެރީއެއް ހިމަނާފައިވާ ކަމަށް ބުނެ އެވެ. އަދި 6 ޖީބީގެ ރޭމް ހިމަނާނެ ކަމަށް ވެސްވެ އެވެ.
ފޯނު ނެރޭނެ ކަމަށް ބުނާ ތާރީހަކީ އައިފޯން 7 ނެރޭނެ ކަމަށް ބުނާ ތާރީހުގެ ކުރި އެވެ. ވާދަވެރިކަން ބޮޑު އެޕަލް އާއި ސެމްސަންގުން އަބަދުވެސް އެއްބަޔަކަށް ވުރެ ކުރިން އަނެއް ބައެއްގެ އުފެއްދުން ދައްކާލުމުގެ ސަގާފަތެއް އޮވެ އެވެ.