މަސައްކަތުގެ ރޫހު ގެންނަން ކޮފީއަކަށް ވުރެ ރަނގަޅީ ސިޑިން އެރުން
މަސައްކަތުގެ ރޫހު ގެންނަން ކޮފީއަކަށް ވުރެ ރަނގަޅީ ސިޑިން އެރުން

މަސައްކަތްކުރުމުގެ ރޫހު ގެއްލި، ހަކަތަ ނެތް ކަމުގެ އިހްސާސްވާ ނަމަ ކޮފީއެއް ބޯލައިގެން ނުވަތަ ކެފެއިން ހުންނަ ކޮންމެވެސް އެއްޗަކުން ހައްލު ހޯދަމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް އާ ދިރާސާއެއްގައި ބުނަނީ މި މައްސަލައަށް ކޮފީއަކަށް ވުރެ ރަނގަޅީ ސިޑިން އެރުން ކަމަށެވެ.

މި ދިރާސާ ކުރުމަށް ބޭނުންކޮށްފައި ވަނީ ނިދި މަދުވުމުގެ މައްސަލަ ދާއިމީކޮށް ދިމާވެފައިވާ އަންހެނުންނެވެ. އެއީ ރޭގަނޑު 6.5 ގަޑިއިރުގެ ނިންޖަށް ވުރެ މަދުން ނިދި ލިބޭ މީހުންނެވެ.

އެކި ދުވަސްމަތިން މި މީހުންނަށް ވަނީ އެއިން ކޮންމެ ދުވަހަކު ވެސް 50 މިލިގްރާމްގެ ކެފެއިން ދީފަ އެވެ. އެއީ ސޮޑާ ދަޅެއްގައި ވެސް ކެފެއިން ހުންނަ މިންވަރެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން ބައެއް މީހުންނަށް ކެފެއިން ކެޕްސޫލްގެ ގޮތުގައި ދިނީ، ކެފެއިން ނުހިމެނޭ (ޕްލަސީބޯ) އެވެ. އަދި ބައެއް މީހުންނަށް ވަނީ ސިޑިން އަރައި ފޭބުމުގައި 10 މިނެޓް ހޭދަކުރުމަށް ބުނެފަ އެވެ. އެއީ މުޅި ދުވަހަށް ބަލާ ނަމަ އާދައިގެ ސްޕީޑެއްގައި، 30 ބުރީގެ އިމާރާތަކަށް އަރައި ފޭބުމެވެ.

"ދިރާސާއިން އެނގުނީ ކެފެއިން ބޭނުންކުރި މީހުންނާއި ޕްލަސީބޯ ދިން މީހުންނަށް ކުރެވުނު އިހްސާސްގައި މާބޮޑު ތަފާތެއް ނެތްކަން. އެކަމަކު ސިޑިން އަރައި ފޭބުމުން ކަސްރަތު ލިބުނު މީހުންނަށް ހަކަތަ ލިބުނު ކަމުގެ އިހްސާސް މާބޮޑަށް ކުރެވުނު ކަމަށް ދެއްކި،" ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ އޮފް ޖޯޖިއާގެ ޑިޕާޓްމަންޓް އޮފް ކައިނެސޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ޕެޓްރިކް އޯކޯނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަސްރަތު ލިބުމުން ހަށިގަނޑަށް ހަކަތަ އަންނަނީ ހަމަ އެ ވަގުތު ކަމަށާއި އެކަމަކު އެ ހަކަތަ އެހާ ގިނަ ވަގުތަށް ނުހުންނަ ކަމަށެވެ.

ދިރާސާ ޓީމުން ވަނީ އޮފީސް މާހައުލުގައި އުޅޭ މީހުންނަށް، ފަސޭހަކަމާ އެކު ހަރަކާތްތެރިކޮށް އުޅެވޭނެ ގޮތްތައް ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އެގޮތުން، ވަރަށް ކުޑަ ތަންކޮޅަކަށް އަރައި ފޭބުމަކީ ވެސް މަސައްކަތުގައި އުޅޭ މީހަކަށް ފައިދާވާ ކަމެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

މި ދިރާސާ ފިޒިއޮލޮޖީ އެންޑް ބިހޭވިއާ ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.