30 އެޕްރީލް 2017 - 12:50

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ސްޓޭޑިއަމް، ވެމްބްލީ އަށް ރޭ 90،000 މީހުން ވަދެ ފުރާލީ ފުޓްބޯލަ މެޗެއް ބަލާކަށެއް ނޫނެވެ؛ ދުނިޔޭގެ ހެވީވެއިޓް ބޮކްސިން މެޗުގައި އިނގިރޭސި ވިލާތުގެ އެންތަނީ ޖޮޝުއާ އާއި ޔުކްރެއިންގެ ވެލްޑަމީރު ކްލިޗްކޯގެ ތެޅުން ދެކިލާށެވެ.

ބޮކްސިންގެ އެންމެ މަތި އަދި އެންމެ ވަރުގަދަ ކެޓެގަރީގެ މި ތެޅުން ތާރީޚުގެ ތެރެއަށް ވަދެގެން ދިޔައީ ވެސް މޮޅު ވާދަވެރިކަމެއްގެ ގޮތުގަ އެވެ. އުމުރުން 41 އަހަރުގެ ކްލިޗްކޯ އާއި 27 އަހަރުގެ ޖޮޝުއާގެ މި ތެޅުން 11 ރައުންޑްގައި ނިމުނީ، ކްލިޗްކޯގެ ބޮލަށް އަމާޒުކޮށްލި ހަމަލާ އިން އޭނާ އަށް ކޮޅަށް ނުހުރެވޭވަރު ވެގެންނެވެ.

މިއީ އަގުގެ ގޮތުން ބަލާއިރު ވެސް ކުޑަ ތެޅުމެއް ނޫނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޮންމެ ތެޅުންތެރިޔަކަށް 20 މިލިއަން ޕައުންޑް ލިބޭނެ އެވެ.
ޕްރޮފެޝަނަލް ބޮކްސް ތެޅުންތެރިޔަކަށް ބަދަލުވި ފަހުން ޖޮޝުއާ ތެޅި 18 ތެޅުމުގައި އޭނާ ބަލިވެފަައެއް ނުވެ އެވެ. އެކަމަކު ރޭ ހަ ވަނަ ބުރުގައި، ކްލިޗްކޯގެ ހަމަލާއެއްގައި އޭނާ ވެއްޓުނެވެ. މިއީ 19 ތެޅުމުގައި އޭނާ އަށް ކުރިމަތިވި އެންމެ ބޮޑު ޝޮކެވެ.
ފަސް ވަނަ ބުރުގައި ކްލިޗުކޯ ވެސް ވެއްޓި، ބުރާންތި އެރި އެވެ. އެކަމަކު އޭނާ އަށް ނާކާމިޔާބީއާ ކުރިމަތިވީ ޖުމްލަ 12 ބުރު ހިމެނޭ ތެޅުމުގެ 11 ވަނަ ބުރުގައި، ޖޮޝުއާގެ އެތައް ހަމަލާތަކަށް ފަހު، ބޮލަށް ބޭލި އެތިފަހަރުންނެވެ. ވެއްޓުނު ގޮތަށް އިރުކޮޅެއް ވަންދެން އޭނާ އަށް އިނދެވުނެވެ. އެހާ ހިސާބުން މެޗު ނިންމާލި އެވެ.
ބޮކްސިންގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ވަރަށް ވާދަވެރި އަދި ކުޅިބަލަން ވަން މީހުން ހޭދަކުރި ފައިސާގެ އަގު ލިބުނު ތެޅުމެކެވެ. ދެ ތެޅުންތެރިން ވެސް މަޝްހޫރުވެފައި އޮތީ ވަރުގަދަ ހަމަލާތަކުގައި ވާދަވެރިން ވައްޓާލައިގެން މެޗު ނިންމާ ބައެއްގެ ގޮތުގަ އެވެ. އެހެންކަމުން އެއް ބަޔަކު ލަފާކުރީ ރޭގެ މެޗު ވަރަށް އަވަހަށް ވެސް ނިމިދާނެ ކަމަށެވެ. ނަމަވެސް 11 ބުރަށް ދެމިގެން ދިޔައީ ދަނޑަށް ވަދެ ތިބި މީހުންނާއި ޓީވީން ވަގުތުން ބެލި އެތައް މިލިއަން ބައެއްގެ މުނިފޫހިފިލުވައިދީފަ އެވެ.