30 އެޕްރީލް 2017 - 10:46

ޓިއުރިން (އޭޕްރިލް 30) – ޔުވެންޓަސްގެ ލެޖެންޑް އަލެސަންޑްރޯ ޑެލް ޕިއޭރޯއާ އޭނާ އަޅާކިޔޭނީ ގިނަ ގޯލްތަކެއް ޖަހައިގެން ކަމަށް ޔުވެންޓަސްގެ ޒުވާން ފޯވާޑް ޕައޮލޯ ޑީބަލާ ބުނެފި އެވެ.
ރެއާލް މެޑްރިޑާއި ބާސެލޯނާ ފަދަ ކްލަބްތަކުން ވަރަށް ބޮޑަށް ޝައުގުވެރިވި ކުޅުންތެރިޔާ ވަނީ ދާދި ފަހުން ޔުވެންޓަސްއާ އެކު ކޮންޓްރެކްޓް އާކޮށްފަ އެވެ. ބައެއް ފަރާތްތަކުން އަންނަނީ ޑީބަލާއާ، ޔުވެންޓަސްގައި 19 އަހަރު ހޭދަކުރި ޑެލް ޕިއޭރޯއާ އަޅާކިޔަމުންނެވެ.
"ޑެލް ޕިއޭރޯ އަކީ ނަމޫނާއެއް. އޭނާ ހިނގި މަގުން ހިނގުމަކީ އުނދަގޫކަމެއް، ދަނޑުމަތީގައި ވެސް އަދި ދަނޑު ބޭރުގައި ވެސް. އޭނާ އަހަންނަށް ވުރެ މާގިނައިން ގޯލް ޖަހާ. ޑެލް ޕިއޭރޯ ފަދަ ކުޅުންތެރިއަކަށް ވާން އަހަރެންގެ ބައިވަރު ކަންތައް މަދު،" ޑީބަލާ ބުންޏެވެ.
ޕައޮލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން، އޭނާ ބޭނުންކުރި، ޑެލް ޕިއޭރޯގެ 10 ނަމްބަރު ޖާޒީ އަށް ޑީބަލާ ކަޅި އެޅި ކަމަށް ދެކެވޭ ވާހަކަތައް ޑީބަލާ ދޮގުކުރި އެވެ. އެކަމަކު ޔުވެންޓަސްގެ ތަރިއަކަށްވާން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
"ޑެލް ޕިއޭރޯގެ 10 ނަމްބަރު ޖާޒީ ބޭނުންކުރުމަކީ އުނދަގޫކަމެއް. އަހަރެން 21 ނަމްބަރަށް އިހުތިރާމްކުރަން އަދި އެ ނަމްބަރު ބޭނުންކުރަން ބޭނުންވަނީ. އަހަރެން 10 ނަމްބަރު ޖާޒީ ހޯދަން ނޭދޭނަން އެކަމަކު ކްލަބުން އޮފާކޮށްފި ނަމަ ވާހަކަދެއްކިދާނެ. އަހަރެން ބޭނުންވޭ ޔުވެންޓަސްގެ ރަމްޒަކަށްވާން،" ޑީބަލާ ބުންޏެވެ.
ޔުވެންޓަސް އަށް 1993 އިން 2012 އަށް ކުޅުނު ޑެލް ޕިއޭރޯ ވަނީ 705 މެޗުން 290 ގޯލް ޖަހައިދީފަ އެވެ. އަދި އެ ކްލަބާ އެކު އިޓާލިއަން ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ.