ޗެމްޕިއަން ސްޕެއިން ދެ ވަނަ ބުރަށް
ޗެމްޕިއަން ސްޕެއިން ދެ ވަނަ ބުރަށް

ނީސް، ފްރާންސް (ޖޫން 18) - ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ ޖެހި ދެ ލަނޑާ އެކު ތުރުކީ 3-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑީ އިން ދެ ވަނަ ބުރުގެ ޖާގައެއް އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ސްޕެއިން ކަށަވަރުކޮށްފި އެވެ.

ދެ މެޗުން ހޯދި ހަ ޕޮއިންޓާ އެކު ސްޕެއިން ދެ ވަނަ ބުރަށް ދިޔައިރު ގްރޫޕުގެ ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތް ކްރޮއޭޝިއާ އަށް ވަނީ ގްރޫޕުގެ ގަދަ ތިން ޓީމުގެ ތެރޭ ހިމެނޭނެކަން ކަށަވަރުވެފަ އެވެ. ތިން ވަނައިގައި އެއް ޕޮއިންޓާ އެކު ޗެކް ރިޕަބްލިކް އޮތްއިރު ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ތުރުކީ އަށް ގަދަ ދެ ޓީމުގެ ތެރޭ ހިމެނުމުގެ ފުރުސަތެއް ނެތެވެ. ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް އޮޓަމެޓިކުން ދެ ވަނަ ބުރަށް ދާއިރު، ހުރިހާ ގްރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.

ސްޕެއިނުން މިރޭ މޮޅު ކުޅުމެއް ދައްކައި ތުރުކީގެ މައްޗަށް ހުރިހާ ގޮތަކުން ކުރި ހޯދިއިރު އެ ޓީމު ވެފައިވަނީ މި ފަހަރުގެ މުބާރާތުގައި އެއްް މެޗެއްގައި ދެ ލަނޑަށް ވުރެ ގިނައިން ލަނޑު ޖެހި ފުރަތަމަ ޓީމަށެވެ.

ތުރުކީ އަތުން ބަލިނުވާތާ 62 އަހަރުވެފައިވާ ސްޕެއިނަށް މެޗުގެ ކުރީކޮޅު ވެސް ލީޑު ނަގަން ފުރުސަތު ލިބުނެވެ. އެގޮތުން ޖޯޑީ އަލްބާގެ ހުރަހަކުން މޮރާޓާ އަށް އޭރިއާ ތެރެއިން ރަނގަޅު ފުުރުސަތެއް ލިބި ބޭނުންނުކުރެވުނު އިރު ކޯނަރަކުން ހުރަސްވި ބޯޅަ އޭރިއާ ތެރެއިން ޖެރާޑް ޕީކޭ ބޮލުން ޖެހުމުން ދިޔައީ ގޯލް މަތިންނެވެ

ސްޕެއިނަށް ލީޑު ނަގައިދިނީ 34 ވަނަ މިނެޓުގައި މޮރާޓާ އެވެ. އޭރިއާ ބޭރުން ނޮލީޓޯ ނެގި ހުރަސް ޔުވެންޓަސްގެ ފޯވާޑް މޮރާޓާ އޭރިއާ ތެރެއިން ބޮލުން ޖަހައި ވަނީ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ.

އޭގެ ދެ މިނެޓު ފަހުން ސްޕެއިނަށް ލީޑު ފުޅާކޮށްދިނީ ނޮލީޓޯ އެވެ. ސެސް ފެބްރިގާސް އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ ތުރުކީގެ މެހްމެތު ޓޮޕާލްގެ ބޮލުގައި ޖެހިފައި ވެއްޓުނީ ގޯލް ކުރިމަތީ ހުހަށް ހުރި ނޮލީޓޯ ފައި ބުޑަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި މޮރާޓާ ވަނީ ސްޕެއިނުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު މި ލަނޑަކީ މުޅި ޓީމުގެ ލަނޑެކެވެ. އެ ޓީމުގެ މޮޅު ޕާސިން ގޭމުގެ ތެރެއިން އުފެއްދި ހަމަލާއެއްގައި އޭރިއާ ތެރެއިން އަލްބާ އަށް ލިބުނު ބޯޅަ އޭނާ ޖައްސާލީ ގޯލް ކުރިމަތީ ހުހަށް ހުރި މޮރާޓާ އަށެވެ. އޭނާ ވަނީ ފަސޭހަކާ އެކު އެ ބޯޅަ ގޯލް ތެރެއަށް ވައްދާލައިފަ އެވެ.