ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ބަޔާން ލީގު ކާމިޔާބުކޮށްފި
ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ބަޔާން ލީގު ކާމިޔާބުކޮށްފި

މިއުނިކް (އޭޕްރިލް 30) – ވޮލްފްސްބާގް 6-0 އިން ބަލިކޮށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ބަޔާން މިއުނިކް ރޭ ކާމިޔާބުކޮށްފި އެވެ.

ބާކީ ތިން މެޗު އޮއްވާ ބަޔާން ލީގު ކަށަވަރުކުރީ 73 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 63 ޕޮއިންޓާ އެކު އޮތް އާރްބީ ލީޕްޒީގް ބާކީ ތިން މެޗުން މޮޅުވޮޔަސް 72 ޕޮއިންޓެވެ. މިއީ ބަޔާން ލީގު ކާމިޔާބުކުރި ޖުމްލަ 25 ވަނަ ފަހަރެވެ.

ބަޔާނުގެ މި ކާމިޔާބީއާ އެކު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ވަނީ ބޮޑު ޝަރަފެއް ލިބިފަ އެވެ. އެއީ ޔޫރަޕުގެ އެންމެ ވަރުގަދަ ހަތަރު ލީގު ކާމިޔާބުކުރެވުމެވެ. އޭސީ މިލާނާ އެކު އިޓާލިއަން ލީގު، ޗެލްސީއާ އެކު އިނގިރޭސި ލީގު އަދި ރެއާލް މެޑްރިޑާ އެކު އޭނާ ވަނީ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.

އަންޗެލޮޓީ ބުނީ މިއީ ވަރަށް ހާއްސަ ތަޖުރިބާއެއް ކަމަށާއި އަދި މި ކާމިޔާބަށް ބަޔާނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި މުޅި އަހަރު ޓީމަށް ފުރިހަމަ ސަޕޯޓްދޭ ސަޕޯޓަރުންނާއި މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކަށް ކޯޗުކޮށްދެވުމަކީ އޭނާގެ ނަސީބު ކަމަށް އަންޗެލޮޓީ ބުންޏެވެ.

ރަށުން ބޭރުގައި ބަޔާން ކުޅުނު މެޗުގައި ރޮބަޓް ލެވޮންޑޮސްކީ ދެ ލަނޑު ޖެހި އެވެ. އަނެއް ހަތަރު ލަނޑު ޖެހީ ޑޭވިޑް އަލަބާ އާއި އާޔެން ރޮބެން އާއި ތޯމަސް މުލާ އަދި ޖޯޝުއާ ކިމިޗެވެ. މި މެޗުގެ 78 ވަނަ މިނެޓުގައި ވޮލްފްސްބާގުގެ ކެޕްޓަން ލުއިސް ގުސްޓާވޯ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.