30 އެޕްރީލް 2017 - 06:08

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
މަނާރަތު ދެ ލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރީއެވެ. ހަމްދާ ބުނާ އެއްޗެއްގެ މާނަ ނުވިސްނޭތީއެވެ. މަނާރަތު ކުރީ ކޮންކަމެއް ހެއްޔެވެ؟ ހިތުގައި އޮތް އެއްޗެއް ހާމަ ކުރާނެ ނަމަ މަނާރަތު ބުނީހެވެ. ކުރި ކަމެއް ކޮށްގެން އުޅެނީ މަންމައާއި ބައްޕަ ނޫން ހެއްޔެވެ؟ އެހެން މީހުންގެ ބޮލުގައި ކޮން ބަދުނާމެއް އަޅުވާކަށް ހެއްޔެވެ؟ އެކަމަކު، އަނގައިން ބަހެއް ގެއްލުވާލުމުގެ ބޭނުމެއް މަނާރަތަކަށް ނުވިސްނުނެވެ. އެއް އިރެއްގައި ވެސް މަންމައަކީ މަނާރަތު ދެކެ ލޯބިވި މީހެއް ނޫނެވެ. އަނގައިން ބަހެއް ބުނެލަން ބޭނުންވި މީހެއް ނޫނެވެ.
"އަހަރެން މި ކިޔަނީ ކީކޭކަން ނޭނގިގެން ބަލާ ގޮތަށް ބަލާނެކަމެއް ނެތް،" ނުކުންނަމުން ހަމްދާ ބުނެލިއެވެ. "މަ ނުޖެހޭ ހުރިހާ ކަމެއް އަކުރުންއަކުރަށް ކިޔައިދޭކަށް."
ފައުޒީއާއި ހަމްދާއަކީ ދެ ލޯބިވެރިން ހެއްޔެވެ؟ ނުވަތަ ހަމްދާގެ ހިތުގެ ކޮންމެވެސް ކަނެއްގައި ފައުޒީގެ ނަން ލިޔެވިފައި އޮތީ ހެއްޔެވެ؟ މަނާރަތުގެ ހިތަށް އެހެން އެރިޔަސް، ދުލާ ހަމައަށް އެ ސުވާލުތައް ގެނައުމަކީ މަނާރަތު ކުރާނެކަމެއް ނޫނެވެ. މަންމަ ވާނީ މަންމައަށެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް، މަންމަގެ މަޤާމު އެހެން މީހަކަށް ނުދެވޭނެއެވެ. އެ ވަގުތު ފައުޒީ އުޅުނީ ޖެހިގެން ހުރި ކޮޓަރީގައެވެ. ފައުޒީއާއި ބައްޕަ ވާހަކަދައްކާ އަޑު މަނާރަތަށް ވަރަށް މަޑުމަޑުން އިވެއެވެ.
"ވަރަށް އުފާވެއްޖެ މަ ބުނި ގޮތަށް ކަންތައް ކުރީމަ،" އާމިރު ބުނި އަޑު އިވުނެވެ. "ބަލިވެނީންނަނީސް އޭނަ މާލެ ގެނައި ނަމަ ވަރަށް ސަކަރާތް ވީސް."
މަނާރަތު އެންމެ ދެރަވަނީ މައިންބަފައިންނަށް މަނާރަތު ދަސްނުވާތީއެވެ. ބައްޕަ ކުރި އެއްވެސް ކަމަކަށް މަނާރަތު ބަދަލުހިފި ހެއްޔެވެ؟ ކިޔެވުމުން މަޙްރޫމު ކުރިއެވެ. ލޯބިވެރިޔާއާ ދުރުކުރިއެވެ. ކޮޓަރިން ނެރުނެވެ. ލޯބި ނުވާ މީހަކާ ދެވިއެވެ. އެއްވެސް އެކުވެރިއަކު ނެތް ރަށަކަށް ފޮނުވައިލިއެވެ. ވީއިރު، މާބަނޑު ނުވެ ހުއްޓައި ގެއަށް ގެނަޔަސް މަނާރަތު ގެއިން ފިލައިގެނެއް ނުދާނެއެވެ. ލޯބިވެރިޔާއަކާ އަލަކުން ނުގުޅޭނެއެވެ. ބައްޕަ ދިން ތަރުބިއްޔަތުގެ މަތިން ބައްޕަ ހަނދާން ނެތުނީ ކީއްވެބާއޭ މަނާރަތު ހިތަށްއެރިއެވެ. އަދިވެސް މަނާރަތު ދަސްނުވަނީ ކީއްވެ ހެއްޔެވެ؟ ކޮޓަރިތެރޭގައި ހިނގަމުން ގޮސް މަނާރަތަށް ހުއްޓެވުނީ ލޯގަނޑު ކައިރީގައެވެ. އަދި ބަނޑުގައި ފިރުމައިލިއެވެ. އެ ދަރިފުޅުދެކެ ރުޅިއައުމުގެ ޙައްޤެއް މަނާރަތަކަށް ނެތެވެ. ދަރިފުޅުގެ ކުށެއް ނެތެވެ. މަނާރަތަކީ ހަމްދާއެއް ނޫނެވެ. ތިމާއަށް ލިބުނު ހިތްދަތިކަން ދަރިފުޅަށް ދޭކަށް މަނާރަތު ބޭނުމެއް ނޫނެވެ. ބަދަލުގައި މަނާރަތު ދޭނީ ހިމާޔަތެވެ. މަނާރަތުގެ ބައްޕަ ފަދަ ބައްޕައަކަށް ފައުޒީ ވިޔަނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މަނާރަތު ކުރާނެއެވެ. ދަރިފުޅުގެ ހުވަފެންތައް ފުނޑުފުނޑު ކޮށްލުމަކީ މަނާރަތު ނުކުރާނެކަމެކެވެ. އެއީ ކިހާ ހިތްދަތިކަމެއް ހެއްޔެވެ؟ ލޮލަށް ޖަމާވި ކަރުނަ ބޭކާރުވެގެން ބިމަށް އޮހޮރުމުގެ ކުރިން މަނާރަތު ކަރުނަ ފުހެލިއެވެ. ފުން ނޭވައެއް އެތެރެއަށް ދަމައިލިއެވެ. ފިރިހެނުންގެ ނުފޫޒު ގަދަ ދުނިޔޭގައި އަންހެނުން އުޅެންޖެހެނީ ކޮންފަދަ ބިކަ ހާލެއްގައި ހެއްޔެވެ؟
މަނާރަތުގެ ގެއިން ނެރެގެން ރަށަށް ގެންދިޔަ ދުވަހު ހިތަށްއެރިއެވެ. ދުވަހަކު ވެސް ދެން ގެއަށް އާދެވޭނެ ހެއްޔެވެ؟ މާލެ ފެންނާނެ ހެއްޔެވެ؟ ގެއަށް އާދެވެމުން ހިތަށްއެރިއެވެ. ނާދެވުނު ނަމަ މާ ރަނގަޅުވީހެވެ. މަނާރަތުގެ ލޯ ކުރިމަތީގައި ނިއުޅިވެގެންދިޔައީ މުޅީން އާ ބާބެކެވެ. މަންމައަށް ނުފެންނަނީ މަނާރަތު އެކަންޏެއް ނޫނެވެ. ފައުޒީ ވެސް ގެއްލުނީއެވެ. އަނގައިން ނުބުނާތަނުގައި ހަތަރުކަޅި ހަމަކޮށް ބަލައިވެސް ނުލިއެވެ. ކިތަންމެ ގާތުން ދިޔަސް، ނުވަތަ ގާތުގައި އިނަސް ވެހެވެ. ކުރިން ވެސް ގިނަ ވަގުތު ގޭގައި ނޫޅޭ އާމިރަކަށް އެކައްޗެއް ވެސް ނުވިސްނެއެވެ. އަޅައެއް ވެސް ނުގަތެވެ. އެ ކަމުން ފައުޒީއަށް އަސަރެއް ކުރި ތަނެއް ވެސް މަނާރަތަކަށް ނުފެނުނެވެ. އާންމު ހާލަތުގައި އެހެނެއް ނުވާނެއެވެ.
"ވިހައިގެން ކިތައް މަސް ވީމަ ރަށަށް ދާނީ؟" ފައުޒީ ސުވާލުކުރިއެވެ.
"މަ ފުރާ ދުވަސް އެނގެނީ މަށަށްތަ؟" ފުނާއަޅަން ހުރި މަނާރަތު ބުންޏެވެ. "މަށަކަށް ނޭނގޭނެ މަ ނޭވާލާންވީ ކޮން ވަގުތެއްގަ ކަމެއް ވެސް. އެ ވަރުގެ މީހެއް މަށަކީ. މަންމަ ގާތުގަ ފައުޒީ އަހަންވީނު."
"އާނ ދެން އަޅާނުލާ!" ހިތްހަމަނުޖެހިފައި ފައުޒީ ބުންޏެވެ.
ކޮންމެވެސް ކަމެއް ވެއްޖެއެވެ. މަނާރަތުގެ ހިތް ބުނަނީ އެހެންނެވެ.
"އަހަންނާ ވާހަކަދައްކާކަށް މަންމަ ބޭނުމެއް ނުވާނެ،" ފުނާ ބާއްވާފައި ބޯއައްސާ އެތިކޮޅު ނަގަމުން މަނާރަތު ބުންޏެވެ. "މަ މިހާރު އެ ކަމަށް އާދަވެއްޖެ! އެކަމަކު ފައުޒީއާ ވާހަކަނުދައްކަނީ.."
"ބޮޑެތި މީހުންގެ ކަންތައްތަކާ މަނާރަތު ވިސްނާކަށް ނުޖެހޭނެ،" ފައުޒީ ހިތްހަމަނުޖެހިފައި ބުންޏެވެ. "އަދިވެސް ތައްޔާރުވެ ނުނިމޭތަ؟ ހިނގާ ނުކުންނަން އުޅެމާ. ޑޮކްޓަރު ބުނާ ގަޑިއަށް ދާންވާނެ."
މާބަނޑުވުމަކީ މަނާރަތަށް މުޅީން އާ ތަޖުރިބާއެކެވެ. އަނގަ ހިތިވެއްޖެއެވެ. އެތައް ވަހަކަށް މޭނުބައި ކުރެއެވެ. އިރުއިރުކޮޅާ ހޮޑުލެވެއެވެ. އޭގެ އިތުރަށް، ދެ އެކުވެރިންގެ ބީރައްޓެހިކަން މަނާރަތު ހައިރާންކުރުވިއެވެ. ސަބަބު ނޭނގޭތީއެވެ. ފުރަތަމަ ދަރިފުޅު ލިބުނެވެ. ދެވަނަ ދަރިފުޅު ވެސް ލިބުނެވެ. ދެ އަންހެންކުދިންނެވެ. ވެދިޔަ ތަން ހަނދާންނައްތައިލައިފައި، ކުރިޔަށް ވިސްނަން މަނާރަތު ވަރަށް މަސައްކަތްކުރިއެވެ. އުނދަގުލެވެ. އެހެންނަމަވެސް، ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ކުރަންޖެހުނުހާ ވެސް ކަމަކީ މަނާރަތުގެ ވިސްނުން ބަދަލުކުރުމެވެ. އެއްބަނޑުއެއްބަފާ ކުދިންނަށްޓަކައި މަނާރަތުގެ ހިތަކު ގާތްކަމެއް ނެތެވެ. މައިންބަފައިންނަށް ދޭނެ ކުލުނެއް ނެތެވެ. ފިރިމީހާއަށް ދޭނެ ލޯތްބެއް ވެސް ނެތެވެ. ކައިވެންޏަށް އެހާ ދުވަސްވީއިރު ވެސް، މަނާރަތު ގައިގައި ފައުޒީ އިނގިލި ކުރި ޖައްސާލާކަށް ވެސް މަނާރަތުގެ ހިތެއް ނުރުހެއެވެ. ހުރަހެއް ނުމެ އަޅާ ވެސް މެއެވެ. މަނާރަތުގެ ނަޒަރުގައި އޭނައަކީ ޗާބީދީފައި ހުންނަ ބުދެކެވެ. ބުނި ކަމެއް ބުނި ގޮތަކަށް ކޮށްދިނީމައި ނިމުނީއެވެ. އަމިއްލަ އިހުސާސްތައް ކަފުންކޮށްފައި ވަޅުލީއެވެ.
އާމިރު ކުރިން ހީކުރީ، އާމިރަށް ކުރެވުނީ ރަނގަޅުކަމެއް ކަމަށެވެ. ގަދަކަމުން ކައިވެނި ކުރުވިޔަސް، އާމިރުގެ ނިންމުމަށް މަނާރަތު ފަހުން ތާއީދު ކުރާނެކަމަށެވެ. ތަޢުރީފު ކުރާނެކަމަށެވެ. އެހާ ވެސް ބޮޑު ހިތްހަމަޖެހުމެއް މަނާރަތަށް ފަހުން ލިބޭނެއެވެ. ލޯބިވި ޒުވާނާ މަގުން އެއްފަރާތް ކުރެވުނީތީ މަނާރަތު ޝުކުރުވެރި ވާނެއެވެ. ވީ އެހެނެއް ނޫނެވެ. ދަރިފުޅުގެ ލޮލަކުން އާމިރަކަށް އުފަލެއް ނުފެނުނެވެ. އެ ލޮލުން ފެނުނީ މާޔޫސްކަމެވެ. މަނާރަތުގެ ތުންފަތުން ހިނިތުންވުން ޖަހައިގަތްކަމުގެ އިހުސާސް އާމިރަށް ކުރެވުނެވެ. އާމިރަށް އެނގެއެވެ. މަނާރަތަކީ ކިޔަމަންތެރި ދަރިއެކެވެ. އޭނަ ޒުވާބެއް ނުކުރާނެއެވެ. އެކަމަކު، އާމިރަށް ދެވުނީ ވަރަށް ބޮޑު ދެރައެކެވެ. އެ އަނދިރިކަމުގެ ތެރެއިން ދަރިފުޅަށް ނުކުމެވުނު ތަނެއް އާމިރަކަށް ނުފެނުނެވެ. ދަރިން ތަރުބިއްޔަތުކުރަމުން، ފައުޒީގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށްދިނީ ވެސް މަނާރަތެވެ.
"ދަރިފުޅު އުފަލެއް ނުވޭދޯ؟" އެންމެ ފަހުން އާމިރު އެ ވާހަކަ ދެއްކިއެވެ.
ކޮންމެ ޖަވާބެއް ދިނަސް އެ އިން ކުރާނެ ފައިދާއެއް ނެތެވެ. މާޒީއަކީ އަލުން އަނބުރައި ލިބޭނެ އެއްޗެއް ނޫނެވެ. ވީމާ، ކޮންމެހެން ބައްޕަގެ ހިތުގަޖައްސާކަށް މަނާރަތު ބޭނުމެއް ނޫނެވެ. އެހެންވެ، އެއްވެސް ޖަވާބެއް ނުދިނެވެ. އާމިރުގެ ސުވާލު ތަކުރާރުކުރިއެވެ.
"ދަރިފުޅު ކޮންމެ ޖަވާބެއް ދިނަސް ބައްޕަ އަޑުއަހާނަން." އާމިރު އިޒުނަ ދިނެވެ.
"ކޮބައިތޯ ބޭނުމެއް؟" އެ ހިސާބަށް ބުނެވުނުއިރު މަނާރަތަށް ރޮވިއްޖެއެވެ. "އަޅުގަނޑު ކިހާ ވަރަކަށް އާދޭސްކުރިންތޯ؟ އަޑުއައްސަވާ! އަޅުގަނޑު އެއްވެސް އުފަލެއް ނުވޭ! އަދިވެސް ފައުޒީދެކެ އެއްވެސް ލޯތްބެއް ނުވޭ. ކުރިން ވާ ވަރަށް ފޫހިވޭ!"
"ދަރިފުޅު ބޭނުންތަ ވަރިވާން؟" އާމިރު ސުވާލުކުރިއެވެ.
ބައްޕައަށް ހެޔޮ ގޮތް ވިސްނުނީތީ މަނާރަތު އުފާވިއެވެ. އެހެންނަމަވެސް، މާ ލަސްވީއެވެ.
"ދެ ކުދިން ލިބުނީމަތޯ؟ ކޮބައިތޯ ބޭނުމެއް؟" މަނާރަތު ޖަވާބުދިނެވެ. "އޭނަ ނެތް ދުވަހަކު ވެސް ދެނެއް އެހެން ކައިވެންޏެއް ނުކުރާނަން. އަޅުގަނޑުގެ ހުރިހާ އުފަލެއް މިހާރު ކަފުންކޮށްފިން."
އާމިރަށް ވަރަށް އަސަރުކުރިއެވެ. ހަމްދާގެ ވިސްނުމެއް ބަދަލެއް ނުވިއެވެ. މާޒީ އަލުން އަތުނުޖެހޭނެކަން އާމިރަށް އެނގެއެވެ. އެ ކަން ކުރާކަށް އާމިރު ނޫޅެއެވެ. އެކަމަކު، މުސްތަޤުބަލު އުޖާލާ ކުރެވޭތޯ އާމިރު މަސައްކަތް ފެށިއެވެ. ދަރިފުޅަށް ކުރިން ދިން ލޯބި އަލުން ދޭން ފެށިއެވެ. ކުރިން ދިން ދަރަޖައާއި، އިތުބާރާއި، ސަމާލުކަން ވެސް ދޭން ފެށިއެވެ. ވިޔަފާރިތެރެއަށް ނެރެ، ހުނަރުތަކާއި އުކުޅުތައް ދަސްކޮށްދިނެވެ. އާމިރު ނެތް ދުވަހަކުން މަނާރަތަށް އެ ވިޔަފާރި ކުރެވޭ ފެންވަރަށެވެ. އިންޑިޔާއާއި ލަންކާއަށް ކުރާ ދަތުރުތަކުގައި މަނާރަތު ބައިވެރި ކުރިއެވެ. ބައެއް ކަންކަމާ މެދު ފައުޒީ ހިތްހަމައެއް ނުޖެހެއެވެ. އާމިރު ކުރިމަތީގައި އެ ހިތްހަމަނުޖެހުން ފާޅުކުރަން ނުކެރެނީއެވެ.
އާ ކަންތައްތަކެއް ހަޔާތަށް އައުމުން، ފިކުރުތަކާ ދުރަށް ދާން މަނާރަތަށް ދަސްވާން ފެށިއެވެ. ފައުޒީދެކެ ވާ ފޫއްސަށް ބަދަލު ނަޔަސް، ތިމާއަކީ ޒިންމާދާރު ދަރިއެއްކަން އިހުސާސް ކުރެވުނެވެ. މަނާރަތާ އެއްމޭޒުމަތިން ނޫނީ އާމިރަކަށް ނުކެވެއެވެ. މަނާރަތުގެ އެހީތެރިކަން ލިބުމުން ވިޔަފާރިއަށް އިތުރު ދިރުމެއް އައެވެ. މަނާރަތުގެ ދެ ކުދިން ވީ ތޫނުފިލި ކުދިންނަށެވެ. ކިޔެވުމުގައި މަތީ މާކުސް ހޯދިއެވެ. ހަމްދާއަކަށް އެ ކަން ވެސް ކަމަކުނުދިޔައެވެ. ހަމްދާގެ އެހެން މާމަދަރިންގެ ކިޔެވުން ވަރަށް ދަށެވެ. އެ ކަން ރަނގަޅުކުރަން ކުރި މަސައްކަތް ވީ ބޭކާރެވެ. މަނާރަތުގެ ދަރިންގެ ތަޢުލީމީ ވިދުވަރު ދިޔައީ ގަދަވަމުން، ބަބުޅަމުންނެވެ. ކެތްތެރިކަމުގެ ހަދިޔާއެއްކަމުގައި މަނާރަތު އެ ކަން ބަލައިގަތެވެ.
"އައި ރުޅިއެއްގަ ކުރެވުނު ކަންތަކާ ހެދި ވަރަށް ދެރަވޭ މިއަދު،" އާމިރުގެ މަރުބަލީގައި މަނާރަތު ކިބައިން އެތައް ފަހަރަކު މާފަށް އެދުނެވެ. "ބައްޕައަށް މާފުކުރައްޗޭ އިނގޭ ދަރިފުޅާ! ބައްޕައަށް އެނގޭ ދަރިފުޅު އުފާނުވާކަން. ބައްޕަ ހީކުރީ ފައުޒީކަމަށް ދަރިފުޅު ބަލާނީ. އެކަމަކު ދަރިފުޅަށް މި ޖެހުނީ އޭނަ ބަލަން ވެސް."
ބައްޕަ ނިޔާވީ ވިޔަފާރީގެ ހުރިހައި ކަމެއް މަނާރަތާ ހަވާލުކޮށްފައެވެ. ގެއްލުނު އިތުބާރާއި ލޯބި ވެސް ދީފައެވެ. އޭގެ އަގު ކިހާ ބޮޑުވާނެކަމެއް މަނާރަތަކަށް ކުޑަކޮށް ވެސް އޭރަކު އިހުސާސެއް ނުކުރެވެއެވެ.
ނުނިމޭ