ރޮކް 27 އަހަރު ފަހުން މެޓާ ކައިފި
ރޮކް 27 އަހަރު ފަހުން މެޓާ ކައިފި

ޑްވޭން ޖޯންސަން ނުވަތަ މަޝްހޫރު ނަމުން ނަމަ ރޮކްއަކީ ހޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ވަރުގަދަ އެންމެ ބިޔަ ހަށިގަނޑު ލިބިފައިވާ އެއް އެކްޓަރެވެ. އޭނާ ކަހަލަ ފިޓްނެސް ފްރީކުންނަކީ އަތުގައި ޖެހޭ ކޮންމެ އެއްޗެއް ކައި ބައެއް ނޫނެވެ.

އެކަން ޔަގީންވީ ކެންޑީއެއްގެ ރަހަ އެންމެ ފަހުން ބަލާލެވުނީ މީގެ 27 އަހަރު ކުރިން ކަމަށް ރޮކް ބުނުމުންނެވެ. އެއީ ކަނޑައެޅިގެން ތެދެއް ކަމެއް ނޭނގެ އެވެ.

އެކަމަކު "ޓްނައިޓް ޝޯ" ގައި ރޮކް ބުނީ އޭނާ އެންމެ ފަހުން ކެންޑީއެއް ކެއީ މީގެ 27 އަހަރު ކުރިން 1989 ގައި ކަމަށެވެ. އަދި އެއީ ފިލްމެއް ބަލަން ގޮސް އުޅުމުގެ ތެރޭގައި ކަމަށް ބުންޏެވެ.

އެހެންވެ ކެންޑީއެއްގެ ރަހަ ނުބަލާތާ އެހާ ޒަމާންވެފައި ވާތީ، އޭގެ ރަހަ ބުނެދޭން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ޝޯގެ ހޮސްޓް ޖިމީ ފެލަން ވަނީ ރޮކް އަށް ކެންޑީތަކެއް ކާން ދީފަ އެވެ. އެގޮތުން ރިންގް ޕޮޕްސް އާއި ނާޑްސް ރޯޕް ކާންދީ ޝޯގައި ރޮކްގެ އަނގަ ފޮނިކޮށް ދިނެވެ. އަދި ޕޮޕް ރޮކްސް ކާން ދޭން އުޅުމުން ރޮކް ވަނީ އަނގަ ފިއްތައިފަ އެވެ.

އޭނާ ބުނީ އެއީ މާ ގިނަ އިން ހަކުރު އެކުލެވޭ އެއްޗެއް ކަމަށެވެ. އެހެންވެ އެ ނުކާނެ ކަމަށެވެ.

ފެލަން ކާން ދިން ކެންޑީތަކުގެ ރަހަ ކިހިނެއްތޯ އެހުމުން ރޮކް، 44، ބުނީ "ވަރަށް މީރު" ކަމަށެވެ. އަދި ޝޯގައި އޭނާގެ ފެވަރިޓަކަށްވީ ބޮޑު ޓްވިޒްލާސްއެކެވެ.