29 އެޕްރީލް 2017 - 19:52

އިންޑިއާގެ އަމިއްލަ ޔުނިވާސިޓީއަކުން ރައީސް އަބްދުﷲ ޔާމީނަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އެ ޝަރަފް އަރުވަނީ އިންޑިއާގެ މަޝްހޫރު ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީ (އެލްޕީޔޫ) އިން ކަމަށެވެ. މިއީ މުޖުތަމައަށް ރައީސް ޔާމީން ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަރުވާ ޝަރަފެއް ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
މި އެވޯޑު ހަފުލާ އޮންނަ ތާރީހެއް އަދި ރައީސް ޔާމީން މި ހަފުލާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
ޕަންޖާބުގައި ހުންނަ އެ ޔުނިވާސިޓީއަކީ ދިވެހިން ވެސް ތައުލީމް ހާސިލްކުރާ ޔުނިވަސިޓީއެކެވެ. އެއީ 3،500 މުވައްޒަފުން އުޅޭ އަދި 45،000 ދަރިވަރުން ކިޔަވަމުން އަންނަ ޔުނިވަސިޓީއެކެވެ.