30 އެޕްރީލް 2017 - 06:10

އަންނަ މަހު 25 ގައި "ބޭވޮޗް" ފިލްމް ސިނަމާ އަށް އަންނަ އިރު ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވެސް ވަރަށް ވަރުގަދަ ރޯލެއް ކުޅެފައިވާތީ، އޭނާގެ އިންޑިއާ ފޭނުންނަށް ފިލްމް ވަރަށް ހާއްސަ އެވެ. އެއާ އެކު "ބޭވޮޗް" ޕްރިމިއާ ކުރަން އެ ފިލްމުގެ ޓީމް އިންޑިއާ އަށް ދާނެތޯ މިހާރު އެބަ ސުވާލު އުފައްދަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ދީޕިކާ ޕަދްކޯން ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ވަރަށް ކުލަގަދަކޮށް އިންޑިއާގައި ޕްރިމިއާކޮށްފަ އެވެ. ފިލްމުގެ ޑައިރެކްޓަރު ޑީޖޭ ކަރޫސޯ އާއި އެކްޓަރު ވިން ޑީސަލް މުމްބާއީ އަށް އޭރު ދިޔަ އެވެ.
އެހެންވެ ޕްރިޔަންކާގެ ފޭނުން ވެސް ތިބީ ހަމަ އެކަހަލަ އިވެންޓަކަށް އުންމީދުކޮށްގެންނެވެ. އެކަމަކު "ބޭވޮޗް" ޓީމް އިންޑިއާ ދާނެ ކަމާ ދޭޔެރޭ ޕްރިޔަންކާ ވެސް ހުރީ ސުވާލެއްގެ ތެރޭގަ އެވެ.
"ތިކަމާ ބެހޭ ގޮތުން އަހަންނަކަށް ވެސް ނޭނގޭ އެއްޗެކޭ ބުނާކޮށް،" ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ހޮލީވުޑްގައި ވިދާލި ބަތަލާ ބުންޏެވެ.
އޭނާ ބުނީ "ބޭވޮޗް" މާކެޓިން ކުރިއަށް ގެންދާނީ ޕެރަމައުންޓުން ކަމަށްވާތީ އެ މީހުންގެ ޕްލޭން އޮތް ގޮތެއް އަދި ސާފު ނޫން ކަމަށެވެ.
"ހީވަނީ ދެތިން ގައުމަކަށް ދަތުރުކޮށް ޕްރިމިއާ ބާއްވާނެހެން. އެކަމަކު އެ މީހުން އިންޑިއާ އަށް ދާނެ ކަމެއް ނޭނގޭ،" ޕްރިޔަންކާ ބުންޏެވެ.
އޭނާ ބުނީ ފިލްމުގެ މައިގަނޑު ކާސްޓާއި ޑައިރެކްޓަރާ އެކު އިންޑިއާގައި ކުލަގަދަ ޕްރިމިއާއެއް ބޭއްވޭތޯ އަމިއްލަ ގޮތުން މަސައްކަތް ކުރާނެ ކަމަށެވެ.
"ހަމަ ޔަގީނުން ވެސް ފިލްމް ޕްރޮމޯޓްކުރަން އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޕްރިޔަންކާ ބުންޏެވެ.
ސެތު ގޯޑެން ޑައިރެކްޓްކޮށް، ޑްވޭން ޖޯންސަން (ރޮކް) އާއި ޒެކް އެފްރޯން، އެލެގްޒެންޑާ ޑަޑާރިއޯ ފަދަ ތަރިން ފެނިގެންދާ "ބޭވޮޗް" ގައި ޕްރިޔަންކާ ކުޅެފައި ވަނީ ވިކްޓޯރިއާ ލީޑްސް ކިޔާ ވިލަންއެއްގެ ރޯލެވެ.