ޑައިރެކްޓަރު މަދުރް މަރާލަން އުޅުމުގެ ކުށުގައި މޮޑެލް އަކު ތިން އަހަރަށް ޖަލަށް
ޑައިރެކްޓަރު މަދުރް މަރާލަން އުޅުމުގެ ކުށުގައި މޮޑެލް އަކު ތިން އަހަރަށް ޖަލަށް

ބޮލީވުޑް މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ މަދުރް ބަންޑާރްކަރް މަރާލަން ރޭވި ކަމުގެ ތުހުމަތުގައި މޮޑެލް ޕްރިތީ ޖެއިން ތިން އަހަރަށް ޖަލަށް ލާން އިންޑިޔާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

އަކްޝޭ ކުމާރު، ސުނިލް ޝެޓީ، ޝަތުރޫގަން ސިންހާ، ޕަރޭޝް ރާވަލް، ޖެކީ ޝްރޮފް، ރަވީނާ ޓަންޑަން އިރްފަން ޚާން އަދި ލާރާ ދައްތާ މުހިއްމު ބައިތަކެއް ކުޅެފައިވާ، 2004 ގައި ރިލީޒްކުރި "އާން: މެން އެޓް ވޯކް" އަކީ މަދުރް ބަންޑާރްކަރް ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމު ރިލީޒްކުރި އަހަރު، މޮޑެލްކުރާ މީހެއް ކަމަށްވާ ޕްރީތީ ޖެއިން ވަނީ އޭނާ ރޭޕްކުރި ކަމަށް ބުނެ މަދުރްއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

މި ހުށަހެޅި މައްސަލައިގައި ޕްރީތީ ބުނެފައި ވަނީ 1999 އިން ފެށިގެން 2004 އާ ހަމައަށް އެތައް ފަހަރަކު މަދުރް އޭނާ ރޭޕްކުރި ކަމަށެވެ. އެކަން ކުރީ ކައިވެނި ކުރާނެކަމުގެ ދޮގު ވައުދުތަކާއި މަދުރް އުފައްދާ ފިލްމެއްގެ ލީޑް ރޯލު ދޭނެކަމަށް ބުނެ އޭނާއަށް މަކަރު ހަދައި އޮޅުވާލައިގެން ކަމަށް ބުނެފައިވެ އެވެ. އަދި މަދުރް އޭނާއަށް ލިޔެފައި ހުރި އެސްއެމްއެސްތަކެއް ވެސް ހެކީގެ ގޮތުގައި ޕްރީތީ ދެއްކި އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އެންމެ ފަހުން މައްސަލަ ނިންމިއިރު މަދުރްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

މި މައްސަލަ ފައިލްކުރިތާ އަހަރެއްހާ ދުވަސް ފަހުން މަދުރް ޑައިރެކްޓްކުރި، ކޮންކަނާ ސެން ޝަރުމާ އާއި އަތުލް ކުލްކަރްނީ ލީޑް ރޯލުތައް ކުޅެފައިވާ "ޕޭޖް 3" ކިޔާ ފިލްމެއް 2005 ގައި ރިލީޒްވި އެވެ. މި ފިލްމު ވަނީ އެންމެ މޮޅު ފީޗާ ފިލްމުގެ ނެޝަނަލް އެވޯޑު ވެސް ހާސިލު ކޮށްފަ އެވެ. ނަމަވެސް އެ ދުވަސްވަރު ނޭނގި އޮތް އެއް ކަމަކީ މަދުރް މަރާލުމަށް އެދި ގޭންގްސްޓާރެއް ކަމަށްވާ އަރުން ގޯލީ އަށް ޕްރީތީ ފައިސާ ހުށަހެޅި ކަމެވެ. ބުނެވޭ ގޮތުގައި މިކަމަށްޓަކައި ގޯލީގެ އެހީތެރިއެއް ކަމަށްވާ ނަރޭޝް ޕަރްދޭޝީ އަށް ޕްރީތީ 75،000 ރުޕީސް ވެސް ދިނެވެ.

ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން ޑައިރެކްޓަރު މަދުރް މަރާލުމުގެ ކަންތަކާ ހަވާލުވެގެން އުޅުނީ ނަރޭޝް އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ޝިވްރަމް ދާސް އެވެ. ނަމަވެސް މި މީހުންނަކަށް އެކަން ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ ޕްރީތީ އެ މީހުންނަށް ދިން ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރަން ފެށި އެވެ. މި ޚަބަރު ގޯލީ އަށް ލިބުމުން ފުލުހުންނަށް މި ކަން އެންގީ އޭނާ ކަމަށްވެ އެވެ.

އެއާއެކު ޕްރީތީ އާއި މިކަމުގައި އޭނާއަށް އެހީތެރިވެދޭން މަސައްކަތްކުރި ދެމީހަކު ހައްޔަރު ކުރި އެވެ. ޕްރީތީ ހައްޔަރުކުރިތާ ކުރީކޮޅު ޚަބަރު ފެތުރިފައިވަނީ މި މައްސަލަ އަވަސް ނިޔާކޯޓެއްގައި ކުރާ ކަމަށެވެ. ނަމަވެސް ފަހުން މި މައްސަލަ އާންމު އުސޫލުން ބަލައި ނިޔާއެއް ކަނޑައެޅުމަށް 10 އަހަރަށް ވުރެ ގިނަ ދުވަސް ނެގީ އެވެ.