30 އެޕްރީލް 2017 - 06:15

ސައިންޓިފިކް ރިޕޯޓްސްގައި ދާދިފަހުން ޝާއިއުކޮށްވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ބަލިވެއިންނަ މީހެއްގެ މަންމަ ފަރާތު މާމަ އަކީ މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރި މީހަކަށްވާ ނަމަ، އެ މީހެއްގެ ދަރިފުޅު އޮޓިސްޓިކް ކުއްޖަކަށް ވުމުގެ ފުރުސަތު ބޮޑުވެ އެވެ.
އޮޓިޒަމް ހުންނަ ކުދިން މިހާރު މާ ގިނަ ކަމަށް ހީވަނީ މި ބައްޔަށް މީހުން ހޭލުންތެރިވެފައިވާލެއް ބޮޑުކަމުން، ބަލި ހުންނަ ކުއްޖެއް ނަމަ ފަސޭހައިން ދެނެގަނެވޭތީ އެވެ. ނަމަވެސް ގިނަ ސައިންވެރިން ގަބޫލުކުރާ ގޮތުގައި ކުދިންނަށް މި މައްސަލަ ދިމާވުމުގައި ތިމާވެއްޓާއި ދިރިއުޅުމުގެ އާދަތައް ވަރަށް ބޮޑު ރޯލެއް ކުޅެ އެވެ.
އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ބްރިސްޓޯލްގައި ސައިންސްވެރިން ވަނީ 1990ގެ ކުރީކޮޅުން ފެށިގެން އެ ޔުނިވަސިޓީން އެއްކޮށްފައިވާ، މައިންނާއި ދަރިން ހިމެނޭ ތިން ޖީލެއްގެ މައުލޫމާތުތަކެއް ދިރާސާ ކޮށްފަ އެވެ.
މި ދިރާސާގައި ސައިންސްވެރިން ބައިވެރިކުރީ މާބަނޑު އަންހެނުންނެވެ. އަދި ދެ މީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާއި އާދަތަކާއި ސިއްހީ ހާލަތު އަދި ދުންފަތުގެ އިސްތިއުމާލު ކުރޭތޯ ބަލާފައިވެ އެވެ. މި ޕްރޮޖެކްޓް ފެށީއްސުރެ އެމީހުންގެ ހާލަތު އަބަދުވެސް ބަލަމުން ގެންގޮސްފައިވެ އެވެ.
މައިމީހާ ދުންފަތުގެ އިސްތިއުމާލުކުރުމާއި އޮޓިޒަމް އާ ހުރި ގުޅުން ސައިންސްވެރިން ކުރިން ވެސް ވަނީ ތަހުލީލުކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ކަނޑައެޅިގެން މިކަން ވަނީ މިވެނި ގޮތަކަށޭ ބުނެވޭ ވަރުގެ ނަތީޖާއެއް ނުފެނެ އެވެ. ބައެއް ދިރާސާތައް ބުނަނީ ކޮންމެވެސް ކަހަލަ ނުބައި އަސަރުތަކެއް ކުރާކަން ހޯދުނު ކަމަށެވެ. ނަމަވެސް އެހެން ބައެއް ދިރާސާތަކުން އެ ވަރުވެސް ނުވި އެވެ.
އެހެންކަމުން މިފަހަރު ކޮށްފައިވާ ދިރާސާގައި ސައިންސްވެރިން ވަނީ ކުރިޔަށް ވުރެ ފުނަށް ދަތުރުކޮށްގެން މިކަންވާ ގޮތް ބަލަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މާމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުން އޭނާގެ އަންހެންދަރިއަކު ބަލިވެ އިނުމުން ބަނޑުގައި އޮންނަ ކުއްޖާއަށް ކޮށްފާނެތޯ ވެސް ބެލި އެވެ.
މި ދިރާސާގައި 14،500 މީހުން ބައިވެރިކުރި އެވެ. މި ހުރިހާ އެންމެންގެ މައުލޫމާތުތައް އެއްކޮށް ނިމުމަށްފަހު އެ މައުލޫމާތުތައް ދިރާސާ ކުރުމުން ހައިރާންވާ ވަރުގެ ނަތީޖާއެއް ފެނިފައިވެ އެވެ.
ސައިންސްވެރިންނަށް ހޯދިފައިވާ ގޮތުގައި އަންހެންކުއްޖެއްގެ މާމަ އަކީ ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރި މީހެއް ނަަމަ އެ ކުއްޖަކަށް އޮޓިޒަމްގެ އަސަރުތައް ކުރުމުގެ ފުރުސަތު 67 ޕަސެންޓަށް އޮވެ އެވެ.
އަދި މަންމަފަރާތު މާމަ ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ އޭނާގެ މާމަ ދަރިންނަށް އޮޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވެސް 53 ޕަސެންޓަށް އިތުރުވެ އެވެ.
މިކަން ދިމާވަނީ މިހެންކަން މާ ބޮޑަށް ސާފުވާ ގޮތްވީ ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު މާމަ ދުންފަތުގެ އިސްތިއުމާލު ކުރި ނަމަވެސް ކުއްޖާގެ މަންމަ އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށް ނުވާތީ އެވެ. ނަމަވެސް އޮޓިޒަމް އާއި އޮޓިޒަމް ފާޑުގެ އެހެނިހެން ބަލިތަކާއި ބައްޕަ ފަރާތު މާމަ ދުންފަތުގެ އިސްތިއުމާލު ކުރުމާ އެއްވެސް ގުޅުމެއް ނެތެވެ.
ޖީލެއް ހުރަސްކޮށްފައި ކުއްޖާއަކަށް މިކަން އަންނަ ސަބަބެެއް ކަމަށް ސައިންސްވެރިން ބުނަނީ ދަރިފަނި ހެދިބޮޑުވަމުން އަންނަ އިރު އުފެދެމުންދާ ބިސްތައް ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން އުފެދޭ ކެމިކަލްތަކަށް ވަރަށް ސެންސިޓިވް ވުމެވެ. މި ގޮތަށް ލިބޭ ގެއްލުންތައް އެ ކުއްޖާ ބޮޑުވެ އުމުރުން ދުވަސްވާއިރު ވެސް ހުންނަނީ އެވެ. އަދި އޭނާއަށް ލިބޭ ދަރިންނަށް އޭގެ ނޭދެވޭ އަސަރު ކުރަނީ އެވެ.