30 އެޕްރީލް 2017 - 06:14

އިންޑިއާގެ ގްރޭޓް-ނޮއިޑާގައި 25 އަހަރުގެ ފިރިހެނަކު އޭނާގެ އަންހެނުން މަރާލުމަށް ބަޑި ޖެހުމަށް ފަހު އެއީ މަގު ފޭރޭ ބަޔަކު ކުރި ކަމެއް ކަމަށް ދައްކަން ކުރި މަސައްކަތް، ކޯމާގައި އޮތް އަނބިމީހާ ހޭ އެރުމަށް ފަހު ފަޅާއަރުވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އަންހެންމީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ އޭނާ މަރާލަން މަސައްކަތްކުރީ ފިރިމީހާ ކަމަށެވެ. ސަލީމް ނަމަކަށް ކިޔާ ފިރިހެންމީހާ އޭނާގެ އަންހެނުންގެ ގަޔަށް ބަޑި ޖެހި ކަމަށް ވަނީ ކާރުގައި އޭނާ ގޮވައިގެން ތަނަކަށް ދަމުން، މީހުން ނޫޅޭ ހިސާބެއްގަ އެވެ. އަދި ވަގުތުން ފުލުހުންނަށް ގުޅާފައި މަގުމަތިން ފޭރެން އުޅުނު ބަޔަކު އޭނާގެ އަންހެނުންގެ ގަޔަށް ބަޑިޖަހާ ޒަޚަމްކޮށްލި ކަމަށް ބުންޏެވެ.
މި ފިރިހެންމީހާ ހީކުރީ އޭނާގެ އަންހެނުން ޝަބާނާ، 23، އޮތް ސީރިއަސް ހާލަތުން އޭނާ ހޭ ނާރާ އޮވެ މަރުވާނީ ކަމަށެވެ. ނަމަވެސް އަންހެންމީހާ ހޭ އަރައި ފިރިމީހާއާ ދެކޮޅަށް ބަޔާން ދިނީ އެވެ.
ޝަބާނާ ހޭ އެރީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު އެވެ. އަދި އޭނާގެ ބަޔާން ނަގަން ދިޔަ ފުލުހުން ގާތު ބުނީ އޭނާގެ ގަޔަށް ދެ ވަޒަން ފޮނުވާލީ ފިރިމީހާ ކަމަށެވެ. އެއް ވަޒަން އޭނާގެ އަތަށް އަރާފައިވާއިރު އަނެއް ވަޒަން ވަނީ ބަނޑަށެވެ.
ޝަބާނާ ހޭ ނާރާ އޮތް ހުރިހާ ވަގުތެއްގައި އޭނާގެ ފިރިމީހާ އުޅުމަށް ފަހު އޭނާ ހޭއެރިކަން އެނގުމުން ފިލައިގެން ދިޔައީ އެވެ.
ފުލުހުން ގާތު ސަލީމް ބުނެފައި ވަނީ މަގުމަތިން ތިން މީހަކު ވެހިކަލެއްގައި އައިސް އެމީހުންގެ ކާރަށް ވުރެ ކުރިއަރައި މަގު ބައްދާލުމަށް ފަހު ހަމަލާ ދިނީ ކަމަށެވެ. އަދި އެމީހުން އޭނާގެ އަންހެނުންގެ ގައިގައި ހުރި ރަން ރިހީގެ ގަހަނާތައް އަތުލަން އުޅުމުން އަންހެނުން ގަދަ ދެއްކުމުން ބަޑި ޖެހީ ކަމަށް ބުނެފައިވެ އެވެ.
މި ޝަކުވާ ހުށަހެޅުމާ އެކު ފުލުހުންގެ ޓީމަކުން މި މައްސަލަ ތަހުގީގުކުރަން ފެށި އެވެ. ނަމަވެސް ހަމަލާ ދިން ހިސާބުގަނޑުން ޝައްކު ކުރެވޭ ކަހަލަ އެއްވެސް ނިޝާނެއް ނުފެނުމުން ސަލީމަށް ޝައްކު ކުރެވެން ފެށީ އެވެ. ސަބަބަކީ އޭނާ ކިޔައިދިން ވާހަކައާ އެކަން ހިނގި ސަރަހައްދުގައި ކަންތައްތައް ހުރި ގޮތް ދިމާނުވާތީ އެވެ.
ޝަބާނާ ހޭ އެރުމަށްފަހު ކިޔައިދިން ގޮތުގައި އޭނާ އިނީ ކާރުގެ ފަހަތު ސީޓުގަ އެވެ. ކާރު މަޑުކުރުމަށްފަހު ސަލީމް ބަޑިއެއް ނަގައި އޭނާގެ ގަޔަށް ދެ ވަޒަން ފޮނުވާލީ އެވެ.
މިހާރު ސަލީމް ހައްޔަރުކޮށް އޭނާ ވަނީ އެ ކުށަށް އެއްބަސްވެފަ އެވެ. ފުލުހުން ބުނި ގޮތުގައި މި ދެމަފިރިން ކައިވެނި ކުރީއްސުރެ ވަރަށް ގިނައިން މައްސަލަ ޖެހި އަރާރުންވެ އެވެ. އަދި ބައެއް ފަހަރަށް ޝަބާނާ އަށް އޭނާގެ ފިރިމީހާ އަނިޔާވެސް ކުރެ އެވެ.