29 އެޕްރީލް 2017 - 15:49

އޭނާގެ ދަރިފުޅު މަރާލުމުގައި ބައިވެރިވި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް މިހާތަނަށް އެ މައްސަލައިގެ ތުހުމަތަށް އެއްވެސް މީހަކު ހައްޔަރު ނުކުރެވޭތީ ކަންބޮޑުވާ ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު މިއަދު ބުނެފި އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން 29 މިދިޔަ ހޮނިހިރުދުވަހުގެ ރޭ މަރާލި މައްސަލާގައި، ސްރީ ލަންކާގެ ކޮލޮމްބޯގައި ތިބޭ ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާ ކުރުމަށް ފަހު، ނެރުނު ބަޔާނެއްގައި ޔާމީންގެ ބައްޕަ ބުނީ، ތަހުގީގުގައި "އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ" ކަންބޮޑުވާ ކަމަށެވެ.
ސ. ފޭދޫ އަށް އުފަން ޔާމީންގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅުގެ މަރުގެ ތަހުގީގުގައި ބައިނަލްއަގްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން އަދި ފުލުހުންގެ ކިބައިން ތަކުރާރުކޮށް އެދޭ ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅުގެ މަރުގެ މައްސަލާގައި އިންސާފު ހޯދުމުގައި ކަމާ ބެހޭ ފަރާތްތަކުން، ޚާއްސަކޮށް ފުލުހުން އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން މި ދަނޑިވަޅުގައި ހަނދުމަފުޅުކޮށް އަރުވަމެވެ،" ރަޝީދުގެ ބަޔާނުގައިވެ އެވެ.
ކޮލަމްބޯގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރުމަށް ފަހު، ޔާމީންގެ ބައްޕަ މީޑިއާގައި ބުނީ ދަރިފުޅުގެ މަރުގެ މައްސަލަ ދިވެހި ފުލުހުން ތަހުގީގު ކުރަނީ ޝައްކު އުފެދޭ ގޮތަށް ކަމަށެވެ. އެގޮތުން ޔާމީންގެ ލޭ ހޭކިފައި ހުރި ފާރުތަކާއި ތަންތަން ދޮވެ، އެތަނުގައި އަލުން ކުލަލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެތަނުގެ ފޮޓޯއެއް ނެގުން ވެސް ފުލުހުން އޮތީ މަނާކޮށްފައި،" ރަޝީދު ބުންޏެވެ.
ޔާމީންގެ މަރުގެ މައްސަލަ ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގުކޮށްދިނުމަށް އޭނާ ގޮވާލިއިރު، އދ. ން ވަނީ އެ މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގައި އެދިފަ އެވެ. އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން، ރާއްޖޭގައި ހުންނަވާ އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރު ޝޮކޯ ނޮޑާ ވަނީ ފުލުހުންގެ އިސްފަރާތްތަކާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފަ އެވެ.
ޔާމީން ރަޝީދުގެ ބައްޕަ ނެރުނު ބަޔާނުގައި ބުނީ ކޮލަމްބޯ އަށް ކުރި ދަތުރުގައި އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންނާއި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކާ ބައްދަލުކުރި ކަމަށެވެ. އަދި އެ މައްސަލާގައި އިތުބާރު ހިފޭ ތަހުގީގެއް ހިންގޭނީ ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގީ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައި ކަމަށް ގަބޫލުކުރެވޭތީ، އެކަމަށް ބާރު އަޅައިދިނުމަށް އެ ފަރާތްތަކުގައި އެދިފައިވާނެ ކަމަށް ވެސް ރަޝީދު ބުންޏެވެ.
ޔާމީން މަރާލުމުގައި ބައިވެރިވި ބަޔަކު ފެންނަ ސީސީޓީވީ ފުޓޭޖެއް ފުލުހުން މިދިޔަ އަންގާރަދުވަހު އާންމުކުރި ނަމަވެސް މިހާތަނަށް އެކަކު ވެސް ހައްޔަރު ކުރި ކަމެއް ނޭނގެ އެވެ. ފުލުހުން ބުނެފައި ވަނީ ޔާމީން މަރާލި މައްސަލާގައި ފިޒިކަލް އެވިޑެންސް ވެސް ލިބިފައިވާ ކަމަށާއި ދެން އޮތީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުން ކަމަށެވެ.