އެސްޓީއޯގެ ހިއްސާއަކަށް 51ރ. ބަހަން ފާސްކޮށްފި
އެސްޓީއޯގެ ހިއްސާއަކަށް 51ރ. ބަހަން ފާސްކޮށްފި

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 51ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ފައިދާ އިން ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 51ރ. ބަހަން ފެންނަ ކަމަށް ބޯޑުން ނިންމީ މިދިޔަ އަންގާރަދުވަހު ކަމަށެވެ. އަދި ސީއެމްޑީއޭގެ ގަވައިދުގައިވާ ގޮތަށް އެކަން ބޯޑުން ފާސްކުރުމަށް ފަހު އިއުލާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިގެންދަނީ މިދިޔަ އަހަރުގެ އަހަރީ ހިސާބުތައް އާއްމު ކުރަން ތައްޔާރުވަމުން. މާދަމާ އެ ހިސާބުތައް އާއްމުކުރުން އެނގޭނެ މިދިޔަ އަހަރުގެ ތެރޭގައި ފައިދާގެ ގޮތުގައި ލިބުނު މިންވަރު،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ މިންވަރު ކަނޑައެޅި ނަމަވެސް އެކަން ނިންމާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އަހަރީ އާއްމު ޖަލްސާ ބާއްވާނެ ދުވަހެއް އެ ކުންފުނިން އަދި އިއުލާނެއް ނުކުރެ އެވެ.

ތެލާއި ގޭހާއި ކާޑާއި ބޭހުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރާ ކުންފުނީގެ 2015 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހާފައި ވަނީ 57ރ. އެވެ. އަދި 2014 ވަނަ އަހަރުގެ ފައިދާއިން ބަހާފައި ވަނީ ހިއްސާއަކަށް ބަހާފައި ވަނީ 76ރ. އެވެ. އަހަރުން އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ މިންވަރު ދަށްވި ނަމަވެސް، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިއްސާދާރުންނަށް މިއަހަރު ވެސް އެންމެ ބޮޑު ފައިދާއެއް ބަހަނީ އެސްޓީއޯ އިންނެވެ.