ތިން ފައި ހުރި ކުއްޖާ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ގައުމަށް ދަނީ
ތިން ފައި ހުރި ކުއްޖާ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ގައުމަށް ދަނީ

އުފަންވި އިރު ތިން ފައި ހުރި، ބަންގްލާދޭޝްގެ އަންހެން ކުއްޖާ އޮސްޓްރޭލިއާގައި ކުރި އޮޕަރޭޝަން ކާމިޔާބުވެ ގައުމަށް ދާން ތައްޔާރުވެއްޖެ އެވެ.

ތިން ފައި ހުރި ކުއްޖާ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ގައުމަށް ދަނީ
ތިން ފައި ހުރި ކުއްޖާ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ގައުމަށް ދަނީ

އުމުރުން ތިން އަހަރުގެ ޗޮއިޓީ ޚާތޫން އުފަންވި އިރު އޭނާގެ ޕެލްވިސް އިން އިތުރު ފައެއް ފަޅާފައި އިނެވެ. މިއީ އެއްމާބަނޑު ދެ ކުދިން އަށަގަތުމަށް ފަހު އޭގެ ތެރެއިން އެއް ކުއްޖަކު ބޮޑުވެ ނުވެ، އަނެއް ކުއްޖާގެ ހަށިގަނޑާ އެކުވުމުން ދިމާވާ ކަމެކެވެ.

ޗޮއިޓީގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމުން ވަނީ، އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތަކާާއި އޮޕަރޭޝަނަށް ފަހު ޕެލްވިސް އޭރިއާގެ އައިބު ފިލުވާނެ ގޮތްތަކާ ބެހޭ ގޮތުން، އޮޕަރޭޝަންގެ ކުރިން ވަރަށް ގިނަ ދުވަހު މަޝްވަރާކޮށްފަ އެވެ.

މި ކުއްޖާގެ އޮޕަރޭޝަން ކުރުމަށް، އެ ކުއްޖާގެ އަވަށުން އޮސްޓްރޭލިއާ އަށް ގެންގޮސްދިނީ އެހީގެ ޖަމިއްޔާއެއް ކަމަށްވާ "ޗިލްރެން ފަސްޓް ފައުންޑޭޝަން" އިންނެވެ.

ވިކްޓޯރިއާގައި ހުންނަ މޮނާޝް ޗިލްރެން ހޮސްޕިޓަލްގެ ސާޖަރީތަކާ ބެހޭ ބައިގެ ވެރިޔާ ޑރ. ކްރިސް ކިމްބާ ވިދާޅުވީ ޗޮއިޓީ އަށް ދިމާވެފައި ވަނީ ވަރަށް ނާދިރު ހާލަތެއް ކަމަށާއި ސާޖަރީ ހެދުމަކީ ވެސް ބިރުވެރި ކަމަކަށްވި ކަމަށެވެ.

ބަންގްލާދޭޝްގައި ވެސް އެ ގައުމުގެ ޑޮކްޓަރުން މީގެ ކުރިން ވަނީ ޗޮއިޓީގެ ތިން ވަނަ ފައި ނަގަން އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ. އެހެންވެ އޮސްޓްރޭލިއާގެ ޑޮކްޓަރުންގެ ޓީމުން ވަނީ ކުރިން ދިމާވި މައްސަލަތަކާއި ޗޮއިޓީގެ ހާލަތާ ބެހޭ ގޮތުން ބަންގްލާދޭޝްގެ ޑޮކްޓަރުންނާ ވެސް މަޝްވަރާކޮށްފަ އެވެ. މިދިޔަ އަހަރު ޗޮއިޓީ އޮސްޓްރޭލިއާއަށް ގެންދިއުމުގެ ކުރިން، އޭނާގެ ސާޖަރީއެއް ކޮންމެހެން މުހިންމުތޯ އާއި ސާޖަރީ ހަދައިގެން ކާމިޔާބު ވާނީ ކިހާ ވަރަކަށްތޯ ވެސް މަޝްވަރާކުރި އެވެ.

ބަންގްލާދޭޝްގެ ޑޮކްޓަރުން ޗޮައިޓީގެ އިތުރު ފައިގެ ބައެއް ބުރިކޮށްލައިގެން ނެގި ނަމަވެސް، އާދައިގެ ގޮތުގައި ބޭނުން ކުރެވޭ ދެ ފައިގެ މެދަށްވާ ގޮތަށް އިން ފައިގެ ބޮޑު ބައެއް އޮތީ ދޫކޮށްލާފައި ކަމަށް ޑރ. ކިމްބާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަޔަކީ ޗޮއިޓީގެ އެއްމާބަނޑު ކުއްޖެއްގެ ބައިތައް ކަމަށް ވާތީ، އުނަގަނޑުން ތިރީގައި ކޮންމެ ގުނަވަނެއްގެ އިތުރު ގުނަވަނެއް އިން ކަމަށެވެ. އެހެންވެ، އިތުރަށް އިން ފައި ނައްޓާލިޔަސް އެހެން ގުނަވަންތައް ހުންނާނެތީ މިއީ ހަމައެކަނި ފައެއް ބުރިކޮށްލައިގެން ނެގުމުގެ އޮޕަރޭޝަނެއް ނޫންކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

މި ހުރިހާ ކަމަކަށް ވިސްނައި، އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އިތުރަށް އިން ފައި ނަގައި، އައިބުކަން ފިލުވުމުން ޗޮއިޓީ މިހާރު ހިނގައި ދުވެ އުޅޭ ކަމަށާއި ހަށިގަނޑުގެ ބަރުދަން އިތުރުވެ ސިއްހަތު ވެސް ރަނގަޅުވެއްޖެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ލޮލުގެ ފެނުމުގައި ވެސް ކޮންމެވެސް ވަރަކަށް މައްސަލަ ހުރި ޗޮއިޓީއަށް މިހާރު އިތުރަށް ބޭހެއް ފަރުވާއެއް ބޭނުން ނުވާ ކަމަށާއި އެކަމަކު ފުރާވަރަށް އަރައިގެން އަންނައިރު އާދައިގެ ސާޖަރީއެއް ހަދަން ޖެހުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. - ބީބީސީ