18 ޖޫން 2016 - 08:02

"ފާސްޓް އެންޑް ފިއުރިއަސް 8" ގެ ކާސްޓިން މި ފަހަރު މާ ބޮޑަށް ވެސް ވަރުގަދަ އެވެ. ފިލްމުގެ ތަރިންގެ ލިސްޓަށް މި ފަހަރު އިތުރުވެގެން ދިޔައީ އަނެއްކާވެސް ހަމަ އެހާމެ މަޝްހޫރު އަދި މޮޅު ތަރިއެއްގެ ނަމެވެ.

އެއީ "ދަ ކްއީން" ކުޅެގެން އޮސްކާ ހާސިލްކޮށްފައިވާ ބަތަލާ ހެލެން މިރެން އެވެ. އޭނާ ވަނީ "ފާސްޓް އެންޑް ފިއުރިއަސް 8" އަށް ސޮއި ކުރިކަން ކަށަވަރުކޮށް ދީފަ އެވެ.
އެކަމަކު މިރެން ފެނިގެންދާ ރޯލް އަދި އޮތީ ވަރަށް ބޮޑަށް ސިިއްރުކޮށްފަ އެވެ.
"އަހަންނަކީ ޑްރައިވް ކުރަން ވަރަށް ލޯބި ކުރާ މީހެއް. ފާސްޓް އެންޑް ފިއުރިއަސް އަށް އެއްބަސްވީ ވެސް އެ ކަހަލަ މަންޒަރުތަކެއް ދައްކައިލެވޭނެ ކަހަލަ ފުރުސަތެއް ލިބުނީމަ،" މިރެން، 70، ބުންޏެވެ. "އެހެން ނޫން ނަމަ މިއަކަށް ޝައުގުވެރި ކަމެއް ނުވެސް ދޭނަން."
އުމުރުން ދުވަސް ވިޔަސް މިރެންއަކީ އެކްޝަން ފިލްމުތަކަށް އާ ބަތަލާއެއް ނޫނެވެ. އޭނާ ވަނީ "ރެޑް" އާއި "ރެޑް 2" ގައި ވެސް އެކަން ސާބިތުކޮށް ދީފަ އެވެ.
މިރެން އަދި ބުނީ ވަރުގަދަ ކާސްޓެއް ހިމެނޭ ފިލްމެއްގައި ހިއްސާވާން ފުރުސަތެއް ލިބުމަކީ ވެސް ވަރަށް އުފާވާ ކަމެއް ކަމަށެވެ.
އެފް ގެރީ ގްރޭ ޑައިރެކްޓް ކުރާ "ފާސްޓް އެންޑް ފިއުރިއަސް 8" ގެ ވިލަންގެ ރޯލުން މި ފަހަރު ފެނިގެން ދާނީ ޗާލީޒް ތެރަން އެވެ. އޭނާ އާ އެކު މި ފްރެންޗައިޒްގެ އާންމު މޫނުތައް މި ފަހަރު ވެސް ތަކުރާރުވެގެން ދާނެ އެވެ.
އޭގެ ތެރޭގައި ވިން ޑީސަލް، ޑްވޭން ޖޯންސަން (ރޮކް)، ޖޭސަން ސްޓެތަމް އަދި ކާޓް ރަސަލް ފަދަ ތަރިން ހިމެނެ އެވެ.
ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް 8" ސިނަމާތަކަށް އަންނާނީ އެޕްރީލް 12، 2017 ގަ އެވެ.