28 އެޕްރީލް 2017 - 16:35

އދ. ފެންފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސައީދު ޖުމްހޫރީ ޕާޓީ އަށް މިއަދު ސޮއި ކުރައްވައިފި އެވެ. އޭނާ މިހާތަނަށް ހުންނެވީ ވެރިކަން ކުރާ ޕީޕީއެމްގަ އެވެ.
ސައީދަކީ އަންނަ މަހުގެ ހައެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ފެންފުށީ ކައުންސިލަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓެކެވެ. ސައީދު ޖޭޕީ އަށް ސޮއި ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފެންފުއްޓަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ސައީދު ވިދާޅުވި ގޮތުގައި އޭނާ ޖޭޕީ އަށް ސޮއި ކުރެއްވީ ޕީޕީއެމްގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުލިބުމާ ގުޅިގެން ކަމަށެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލައްވާނީ ޖޭޕީގެ ފުރިހަމަ އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމުން ފުރުސަތު ނުލިބި ހުއްޓާ ޖޭޕީން ހުށަހެޅީ، އެހެންވެ ޖޭޕީ އަށް ސޮއި ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.
ސައީދަކީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ސޮއި ކުރެއްވީ ޕީޕީއެމަށެވެ.
ސައީދު ޖޭޕީ އަށް ސޮއި ކުރެއްވުމާއެކު ފެންފުށީ ކައުންސިލްގައި މިހާރު ތިއްބަވަނީ ޖޭޕީގެ ކައުންސިލަރެއްގެ އިތުރުން ޕީޕީއެމްގެ ތިން ކައުންސިލަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ކައުންސިލަރެކެވެ.