28 އެޕްރީލް 2017 - 15:20

ގދ. ނަޑެއްލާ ގެއެއްގައި އަލިފާން ރޯވެ މިއަދު އަނދައިފި އެވެ.
ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު ވިދާޅުވީ އެ ރަށު ފާލްސާގޭގައި ހެނދުނު 9:20 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި ރޯވި ގޭގައި އެ ވަގުތު ކުޑަކުއްޖަކާ އެކު ހަ މީހުން ދިރިއުޅެމުން ދިޔަ އެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ގޮތް އަދި ބުނާކަށް ނޭނގޭ. ފުލުހުންނާއި ސިފައިން މިހާރު ދަނީ ތަހުގީގު ކުރަމުން،" ފައިސަލް ވިދާޅުވި އެވެ.
އެ ގޭގައި ދެ ކޮޓަރި އާއި ބަދިގެއަކާއި ސިޓިން ރޫމެއްގެ އިތުރުން ފާހަނާއެއް ހުރެ އެވެ.
"ފަހުން ހެދި ބަޔަކާއި ކުރިން ހެދި ބައިގައި އަލިފާން ރޯވެ އެނދީ، އެއްވެސް އެއްޗެއް ސަލާމަތްވެފައެއް ނުވޭ،" ފައިސަލް ވިދާޅުވި އެވެ.
ނަޑެއްލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނައިބު ރައީސް އަބްދުﷲ ޖިހާދާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު އެ ރަށަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.