28 އެޕްރީލް 2017 - 10:37

މެންޗެސްޓާ (އޭޕްރިލް 28) – ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރަން މަސައްކަތްކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ސިޓީ އަށް ވަނީ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު މިވަގުތު އޮތީ 65 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 64 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ތިން ވަނައިގައި 66 ޕޮއިންޓާ އެކު އޮތީ ލިވަޕޫލެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ ގަދަ ތިން ޓީމަށެވެ. ހަތަރު ވަނަ ޓީމަށް ޖެހޭނީ ކޮލިފައިންގައި ވާދަކުރާށެވެ.
ގަދަ ހަތަރެއްގެ ތެރެއިން ފުރުސަތު ނުލިބުނު ނަމަވެސް ޔުނައިޓެޑަށް އިތުރު އުއްމީދެއް އެބައޮތެވެ. އެއީ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމެވެ. އެ ޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ހޮވިފަ އެވެ.
ރޭގެ މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ސިޓީ އެވެ. ޔުނައިޓެޑުން ބޮޑަށް ކުޅުނީ ޑިފެންސަށް ސަމާލުކަންދީގެންނެވެ. ހާއްސަކޮށް މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމުގެ މައުރޯނޭ ފެލައިނީ އަށް ދެއްކި ރަތްކާޑާ އެކު ފަހުބައިގައި ކުޅުނީ އެއްކޮށް ފަހަތަށް ޖެހިގެންނެވެ. ފެލައިނީ އަށް ރަތްކާޑު ދެއްކީ ސާޖިއޯ އަގުއޭރޯ އަށް ކުރި ފައުލަކަށް ރީނދޫ ކާޑު ދައްކާފައިވަނިކޮށް ދިޔަ ގޮތަށް ގޮސް އަނެއްކާ އަގުއޭރޯ އަށް ފައުލްކޮށް އަދި ބޮލުން އޭނާގެ މޫނުގައި ޖައްސައި ވައްޓާލުމުންނެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުގެ މުހިއްމު މިޑްފީލްޑަރު ޕައުލް ޕޮގްބާ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. މޮރީނިއޯ ބުނީ ނެތް ކުޅުންތެރިންގެ ވާހަކަދައްކަން ބޭނުންނުވާ ކަމަށާއި އެކަމަކު މެދުތެރެ އާއި ފޯވާޑް ލައިން ގުޅުވައިދޭނެ ފެންވަރުގެ ކުޅުންތެރިއަކު ނެތުމުން އެތަން ދެއްކި ކަމަށެވެ. މީގެ އިތުރުން މޮރީނިއޯ ވަނީ ވަރުގަދަ ޓީމަކާ ދެކޮޅަށް އޭނާގެ ޓީމުން ހާއްސަކޮށް 10 ކުޅުންތެރިންނާ އެކު ދެއްކި ވަރުގަދަ ކުޅުމަށް ތައުރީފްކޮށްފަ އެވެ.