28 އެޕްރީލް 2017 - 10:34

ޝްވެކް ސިނަމާގައި އޮތީ "ވަރަށް ކުރު" ރެޑް ކާޕެޓް ހަފުލާއެކެވެ. ނަމަވެސް ރެއަކީ ދިވެހިންގެ ޑްރާމާ ސްޓޭޖުގެ ޒަމާނީ މޫނުކަމުގައިވީ މުހައްމަދު މުންތަސިރު (މުންކޮ) ގެ ކުރި ފަޅައިގެން ހެދެން ފެށި ފިލްމީ ހަޔާތުގެ އެންމެ ބޮޑު ރެއެވެ.
މި ބޮޑު ރެއަށް ތައްޔާރުވަމުން އަންނަނިކޮށް މުންކޮއަށް ގުޅާލުމުން އޭނާ ބުނީ "މިހިރީ ކުޑަކޮށް ފިނިވެ ހާސްވެފައި" ކަމަށެވެ. ނަމަވެސް އޭނާ ލީޑް ރޯލު ކުޅެފައިވާ ފިލްމު "އިލް ނޮއިސް" އިން ފެނިގެން ދިޔައީ "ފިނި ޕާފޯމަންސެއް" ނޫނެވެ.
މުންކޮގެ އެ ޕާފޯމަންސް ފެނި އޯޑިއަންސް ފިނިވެ ބަސްހުއްޓިފައި އޮތޭ ބުނުމަކުން ދޮގަކަށް ވެދާނެހެން ހިއެއް ނުވެ އެވެ.
ސަބަބަކީ އިސްމާއިލް ނިހާދު ޑައިރެކްޓްކޮށް ތިއޭޓާ މިރާޖާއި އޯކޭސް އިންކް އިން ގެނެސްދީފައިވާ މި ފިލްމެއްގައި އެޑްވަޑް ބެނެވިކްގެ ރޯލުން ފެނިގެން ދިޔަ މުންކޮ "ސީލިންގު ފަޅައިގެން"ދާ ވަރުގެ ޕާފޯމަންސެއް ދީފައިވުމެވެ. ބަލިމަޑުކަމަކާއި ހިޔާލީ ދުނިޔެއެއްގެ ތެރެއަށް ގެނބެމުންދިޔަ ސައިންސްވެރިއެއްގެ ރޯލުން މުންކޮ ދައްކުވައިދިން އެކްޓިން އަކީ ދިވެހި ސިނަމާ އިން ވަރަށް ނުފެންނަ ޒާތުގެ ކޮލިޓީއެކެވެ.
ތިއޭޓާ މިރާޖުން 2012 ވަނަ އަހަރު ގެނެސްދިން ސްޓޭޖު ޕްލޭއެއްގެ އަސްލަށް މުންކޮ ލިޔެފައިވާ ސްކްރީންޕްލޭއަކަށް އުފައްދާފައިވާ މި ފިލްމު ބަލަންޖެހޭ ހުރިހާ ވެސް ސަބަބީ މިއީ ކަމަށް ބުނެ ނިންމާލިޔަސް ރަނގަޅުވާނެ އެވެ. ފިލްމުގެ އަސްލު ކަމުގައިވީ "އިލް ނޮއިސް" ސްޓޭޖު ޕްލޭގައި ވެސް އެޑްވަޑް ބެނެވިކްގެ ރޯލު ކުޅެފައި ވަނީ މުންކޮ އެވެ.
ފިލްމު ޕްރިމިއާކުރުމަށް ޝްވެކް ސިނަމާގައި ބޭއްވި ކުރު ހަފުލާގައި އިނގިރޭސި ބަހުން ވާހަކަ ދައްކަމުން މުންކޮ ބުނީ އެންމެފަހުން "އިލް ނޮއިސް" ފިލްމެއްގެ ސިފައިގައި ބެލުންތެރިންނާ ހަމައަށް ގެނެސްދެވުމަކީ އޭނާ އާއި ފިލްމުގެ މުޅި ޓީމުގެ ވެސް ހުވަފެނެއް ހަގީގަތަށްވުން ކަމަށެވެ. އަދި މިފަދަ މަސައްކަތެއްގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ސިނަމާގެ ތޮށިގަނޑު ފަޅާލައި މި ހުނަރުވެރިކަން ބޭރުގެ ޝައުގުވެރި ފަރާތްތަކާ ހަމައަށް ގެންގޮސް ދިނުން ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހަފުލާގައި އޯކޭޒް އިންކްގެ ޑިރެކްޓަރު އަހުމަދު ސާޖިދު ބުނީ "އިލް ނޮއިސް" އަކީ ޓީމެއްގެ ބުރަ މަސައްކަތް ކަމަށާއި ދަތި އުނދަގޫތަކެއް ހުރަސްކޮށް ބެލުންތެރިންނާ ހަމަ އަށް އައިސްފައިވާ ފިލްމެއް ކަމަށެވެ.
"މިއީ ގުޅިގެން މަސައްކަތްކޮށްލީމަ ނުކުންނަ ނަތީޖާ. އަޅުގަނޑުމެންނަކީ އެއްވެސް ވަރަކަށް ފަންޑިންއެއް އޮވެގެން ނުވަތަ މާ ބޮޑު ފަންޑެއް ހޯދައިގެން މަސައްކަތްކުރި ބައެއް ނޫން. މިއީ ހަމަ ޓީމް ވޯކެއް،" ފިލްމުގެ މަސައްކަތުގައި އެކި ސިފަސިފައިގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން ސާޖިދު ބުންޏެވެ.
މި ފިލްމުގެ ޝޯތައް ކުރިއަށް އޮތް ދެ ހަފުތާ ނިމެންދެން، ރެއަކު ދެ ޝޯ ދައްކާނެ އެވެ. އެއަށް ފަހު ސާކް ސަރަހައްދުގެ ގައުމުތަކުގައި ވެސް ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
"އިލް ނޮއިސް" ގެ ޓިކެޓްގެ އަގަކީ 100ރ. އެވެ.