އަންނަ އަހަރު ވެސް ޔާރާގެ ފިލްމެއް ފެންނާނެ: ރިޝްމީ
އަންނަ އަހަރު ވެސް ޔާރާގެ ފިލްމެއް ފެންނާނެ: ރިޝްމީ

މި އަހަރު ބެލުންތެރިންނަށް "ވިޝްކާ" ގެނެސްދިން ޔާރާ ޕްރޮޑަކްޝަނުން އަންނަ އަހަރު ވެސް ފިލްމެއް އުފައްދާނެ ކަމަށް ބަތަލާ ރިޝްމީ ރަމީޒް ބުނެފި އެވެ.

އޭނާ ބުނީ ފިލްމަކަށް ސްކްރީންޕްލޭއެއް ލިޔުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

"މި އަހަރު ތަންކޮޅެއް ޑާކް ތުރިލާއެއް މި ގެނެސް ދެވުނީ. އެކަމަކު ކުރިއަށް ފިލްމް ވާނީ ލައިޓްހާޓެޑް އެއްޗަކަށް،" ޔާރާ އިން އުފެއްދި "ހުކުރު ވިލޭރެ" އާއި "ފަނާ" ޑައިރެކްޓް ކުރި ރިޝްމީ ބުންޏެވެ.

ނަމަވެސް އަންނަ އަހަރު ގެނެސްދޭ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި ތަންކޮޅެއް އަވަސް ކަމަށް ރިޝްމީ ބުންޏެވެ.

"ވަރަށް ބޭނުން އަންނަ އަހަރު ވެސް ޔާރާގެ އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން. ސްކްރީންޕްލޭ ވެސް އަދި ތަންކޮޅެއް އާލީ ސްޓޭޖްގައި އޮތީ. އެހެންވެ މީގެ ތަފުސީލަކަށް ދާން އަދި މާ އަވަސް،" އޭނާ ބުންޏެވެ.

ދެހާސް ބާރަ ވަނަ އަހަރު "ހިތް ޔާރާ ދީފާ" ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ޔާރާގެ އާ ފިލްމު ޑައިރެކްޓް ކުރާނެ މީހަކު ވެސް އަދި ނުނިންމަ އެވެ.

މިއަހަރު ރިލީޒްކުރި ކްރައިމް ތުރިލާ "ވިޝްކާ" އަކީ ފަސް އަހަރަށް ފަހު، ޔާރާގެ ފުރަތަމަ ފިލްމެވެ. އަދި އެއީ މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ.

މި އަހަރު ރިޝްމީގެ އިތުރު ފިލްމެއް ސްކްރީނަށް އަންނަން ހަމަޖެހިފައި ނުވާ އިރު، އޭނާ ވަނީ ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސް ކުރާ "ބޮސް" ގެ ޑައިރެކްޝަނާ ހަވާލުވެފަ އެވެ.

ރަވީ ފާރޫގް ޑައިރެކްޓްކުރި "ވިޝްކާ" އަކީ ވެސް ކުރިން ރިޝްމީ ޑައިރެކްޓްކުރަން ޕްލޭން ކުރި ފިލްމެކެވެ. އެކަމަކު އޭގެ ޓައިޓްލް ރޯލާ އެކު، ވަރަށް ޗެލެންޖިން ރޯލެއް ކުޅެެން ޖެހޭތީ އޭނާ ޑައިރެކްޓް ނުކުރަން ނިންމީ އެވެ.

އެހެންވެ "ބޮސް" އަކީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު، ރިޝްމީ ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ ފުރަތަމަ ފަހެރެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި "ފަނާ" ސިނަމާ އަށް އައީ 2010 ގަ އެވެ.

ކްރިސްޓަލް އެންޓަޓައިންމަންޓްގެ "ބޮސް" ސިނަމާ އަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރުގަ އެވެ.