ވޭނެއް ކޮންޓްރޯލުން ނެއްޓި މީހެއްގެ ގައިގައި ޖެހި، ފަޅުގައި އޮތް ބޯޓަކަށް އަރައިފި
ވޭނެއް ކޮންޓްރޯލުން ނެއްޓި މީހެއްގެ ގައިގައި ޖެހި، ފަޅުގައި އޮތް ބޯޓަކަށް އަރައިފި

މީރުބަހުރު ބަނދަރުން ދަތުރު ކުރި ވޭނެއް ކޮންޓްރޯލް ނުވެ ގޮސް މީހެއްގެ ގައިގައި ޖެހި، ފަޅުގައި އޮތް ބޯޓަކަށް މިރޭ އަރައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިރޭ 10:30 ހާއިރު ވޭނެއް ކޮންޓްރޯލް ނުވެ، ބޯޓަކަށް އެރި ހާދިސާގައި އަނިޔާވީ އެތަނުން ހިނގާފައި ދިޔަ މީހަކަށެވެ. އަދި އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވަރަށް ވަރަށް ބާރަށް ދުއްވާފައި ދިޔަ އެ ވޭން އެ މީހާގެ ގައިގައި ޖެހުމާ އެކު އޭނާ ވިއްސައިގެން ގޮސް ބޯޓުގައި ޖެހުނެވެ. އަދި ވެއްޓުނު ވަގުތު ވޭން އޭނާގެ އަރިކަށި މަތިން ލާފައި ދިޔަ ކަމަށް ވެ އެވެ. އަދި އެ ވަގުތު ބޯޓުގެ ބައެއް ބިއްލޫރިތައް ތަޅައިގެން ގޮސް އޭނާގެ ގައިމައްޗަށް ވެސް ވަނީ ފައިބައިފަ އެވެ. އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގައި އޭނާގެ އެކްސްރޭ ނެގުމަށް ފަހު އަންނަނީ ފަރުވާދެމުންނެވެ. ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފުސީލެއް އަދި ނުލިބެ އެވެ.