ދެ ދުވަސްމަތިން 800 ޓަނުގެ މަސް ގަނެފިން: މިފްކޯ
ދެ ދުވަސްމަތިން 800 ޓަނުގެ މަސް ގަނެފިން: މިފްކޯ

ވޭތުވެ ދިޔަ 11 އަހަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅު ނުވާ މިންވަރަށް މިހާރު ރަނގަޅު ވެފައިވާ ކަމަށާއި މި ދިޔަ ދެ ދުވަހު ވެސް 800 ޓަނުގެ މަސް ގަނެފައިވާ ކަމަށް މިފްކޯއިން ބުުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާ ގިނަ އަދަދަކަށް މަސް ބާނާއިރު، މަސް ފިނި ކުރުމަށާއި ރައްކާކުރުމަށާއި ކޮލިޓީ ހިފެހެއްޓުމަށް ދަތިތަކެއް މެދުވެރިވެދާނެ ކަމަށެވެ. ކޮންމެ ދޯންޏަކުން 2.5 މެޓްރިކް ޓަނުގެ މަސް ގަންނަން ނިންމީ ވެސް، މަސް ފިނިކޮށް ރައްކާކުރުމަށް އިތުރު ވަގުތު ނަގާތީ އާއި ހުރިހާ މަސްވެރިންނަށް ވެސް މަސް ކިރުވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސްވެރިކަން ވަރަށް ރަނގަޅުވެ ބާނާ ހުރިހާ މަހެއް ނުގަނެވޭތީ މަސްވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.

އެކަމަކު މަސް ގަންނަ މިންވަރު މި ވަގުތަށް ކޮންޓްރޯލް ކުރި ނަމަވެސް މަސްވެރިކަން ހުންނަ ގޮތަކުން، ލިބޭ ހުރިހާ މަހެއް ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.

"މަސްވެރިކަން ރަނގަޅުވެ، ފާއިތުވި 16 ވަރަކަށް ދުވަހު އެއް ދުވަހުން އަނެއް ދުވަހު ބާނާ މަހުގެ އަދަދު އިތުރުވަމުން ގޮސްފައިވާއިރު މިހާތަނަށް އެއްވެސް މަހެއް ދޫކޮށް ނުލާ މިފްކޯއިން މި އައީ ސަރުކާރުގެ ފުރިހަމަ ސަޕޯޓާއެކު ގަންނަމުންނެވެ." މިފްކޯގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެތަނުން ބުނިގޮތުގައި އެ 16 ދުވަހު މަސްވެރިންނަށް 54 މިލިޔަން ރުފިޔާ ވަނީ ދީފަ އެވެ.

އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް މިފްކޯ އަށް މިވަގުތު ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅާފައި ހުންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.