"ސައިލެންސް އޮފް ދަ ލޭމްބްސް"ގެ ޑައިރެކްޓަރު ޖޮނަތަން ޑެމީ މަރުވެއްޖެ
"ސައިލެންސް އޮފް ދަ ލޭމްބްސް"ގެ ޑައިރެކްޓަރު ޖޮނަތަން ޑެމީ މަރުވެއްޖެ

ސައިލެންސް އޮފް ދަ ލޭމްބްސް ޑައިރެކްޓްކޮށްގެން 1992 ގައި އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ހޯދާފައިވާ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޖޮނަތަން ޑެމީ މަރުވެއްޖެ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 73 ގައި ޖޮނަތަން މަރުވީ ބުދަ ދުވަހު އެވެ. އޭނާގެ މަރުވި ހަބަރާ އެކު، ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ހިތާމަ ފާޅުކޮށްފަ އެވެ.

ޖޮނަތަންގެ ދިގު ކެރިއަރުގައި ވަރަށް މޮޅެތި ގިނަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އިރު، އޭނާ ވަނީ ވަރަށް ގިނަ ޖޯންރާތަކަށް ފިލްމް ހަދައިފަ އެވެ.

އޭގެ ތެރޭގައި ސައިކޮލިޖިކަލް ތުރިލާސް، ކޮމެޑީ، ސޯޝަލް ޑްރާމާ، މިއުޒިކަލް ފަދަ ޖޯންރާތައް ހިމެނެ އެވެ.

ޖޮނަތަން ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ފިލްމަކީ އެންތަމނީ ހޮޕްކިންސް އާއި ޖޮޑީ ފޮސްޓާގެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ 1991 ގައި ރިލީޒް ކުރި ހޮރޯ-ތުރިލާ "ސައިލެންސް އޮފް ދަ ލޭމްބްސް" އެވެ.

މީގެ އިތުރުން ޑައިރެކްޓް ކުރި ފިލަޑެލްފިއާ (1993) އާއި ރެޗެލް ގެޓިން މެރިޑް (2008) ފަދަ ފިލްމްތަކަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު ފިލްމުތަކެވެ.

ގިނަ އަދަދެއްގެ ޓީވީ ޝޯތަކާއި ޑޮކިއުމަންޓްރީތައް ވެސް ހަދާފައިވާ ޖޮނަތަން އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2015 ގައި ރިލީޒް ކުރި "ރިކީ އެންޑް ފްލެޝް" އެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ މެރީލް ސްޓްރީޕެވެ.