04 މެއި 2017 - 11:13

ނިއު ރޭޑިއަންޓްގެ ޔޫތު ޓީމުތަކަށް ކުޅުންތެރިން ހޮވުމަށް ރޭ ފެށި ސިލެކްޝަނުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ ސިލެކްޝަނަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ނިއު އިން ކުޅުންތެރިން ހޮވަނީ އެ ޓީމުގެ 16 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމު އެކުލަވާލުމަށެވެ. ރޭގެ ސިލެކްޝަނުގައި 100 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިިވި ކަމަށް ނިއު އިން ބުނެ އެވެ.
މި ސިލެކްޝަނުގެ ތެރެއިން ދެ ކުޅުންތެރިއަކު ހޮވުމަށް ފަހު އިންގްލެންޑުގެ މަޝްހޫރު ކްލަބް ރެޑިން އެކެޑަމީ އިން ފުރުސަތު ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރެޑިން އިން ނިއު އަށް ދިނީ އެ ކްލަބުން ފޮނުވާ ހުނަރުވެރި ދެ ކުޅުންތެރިޔަކަށް ރެޑިންގެ އެކަޑަމީގައި ހަތަރު ހަފުތާގެ އެސެސްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. މި މުއްދަތުގައި ރެޑިން އިން އެ ދެ ކުޅުންތެރިން އެކަޑަމީގެ ފުލް ތަމްރީން ޕްރޮގްރާމުގައި ބައިވެރިކޮށް، ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ވެސް ހަރަކާތްތެރިކުރުވާނެ އެވެ.
މީގެ ތެރެއިން ކުޅުންތެރިޔަކު ނުވަތަ ދެ ކުޅުންތެރިން އެސެސްމަންޓުން ކޮލިފައިވެއްޖެ ނަމަ ރެޑިން އެފްސީގެ އެކަޑަމީގެ ދިގު މުއްދަތުގެ ތަމްރީން ފުރުސަތު އެ ކްލަބުން ދޭނެ އެވެ.
އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުވެފައިވާ ރެޑިންގެ އެކަޑަމީ އަކީ ކެޓަގަރީ އެކެއްގެ އެކަޑަމީ އެކެވެ. އެހެންވެ އެ ކްލަބުގެ އެކަޑަމީގެ ނުވަ އަހަރުން ދަށުން ފެށިގެން 23 އަހަރުގެ ދަށުގެ ޓީމު ވާދަކުރަނީ އިނގިރޭސި ގަދަބާރުތައް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އާއި އަދި އާސެނަލާ އެވެ.