ކަޝްމީރުގައި ސޯޝަލް މީޑިއާ މަނާކޮށްފި
ކަޝްމީރުގައި ސޯޝަލް މީޑިއާ މަނާކޮށްފި

ސްރީނަގަރު (އެޕްރީލް 27) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި އެއް މަސް ދުވަހުގެ މުއްދަތަށް ސޯޝަލް މީޑިއާގެ 11 ޚިދުމަތެއް އިންޑިއާ އިން މަނާކޮށްފި އެވެ.

ފޭސްބުކާއި ޓްވިޓާ އަދި ވަޓްސްއަޕް ފަދަ ޚިދުމަތްތައް މަނާކުރި ސަބަބެއް ކަމަށް ސްޓޭޓް ސަރުކާރުން ބުނެފައި ވަނީ ސަރުކާރާ ދެކޮޅު ފަރާތްތަކުން ހަމަނުޖެހުން އުފެއްދުމަށް ސޯޝަލް މީޑިއާ ބޭނުންކުރާތީ ކަމަށެވެ. ސްޓޭޓް ސަރުކާރުގެ އަމުރެއްގެ ދަށުން ޔޫޓިއުބް، ސްކައިޕް، ޓެލެގްރާމް އަދި ސްނެޕްޗެޓް ވެސް ވަނީ މަނާކޮށްފަ އެވެ.

ކަޝްމީރުގައި މިހާރު ވެސް ދޭތެރެދޭތެރެއިން ހަމަނުޖެހުންތައް ހިންގަ އެވެ. މި މަހު 9 ވަނަ ދުވަހު ސްރީނަގަރުގައި އޮތް ބައި-އިކްޝަނަކަށް ފަހު، ހިންގި ހަމަނުޖެހުންތަކުގައި ވަނީ އަށް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފަ އެވެ. އޭގެ ފަހުން ކިޔާވާ ކުދިން ނުކުމެ އިންޑިއާއާ ދެކޮޅަށް މަގުތަކުގައި ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ. ވޭތުވެދިޔަ ހަފުތާތަކުގައި ތިން ސްކޫލެއްގައި އަލިފާން ޖަހާ އަދި ސިޔާސީ ތިން މީހުން މަރާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ހަމަނުޖެހުންތަކަށް ހިތްވަރު ލިބެނީ ސޯޝަލް މީޑިއާގައި ޝެއާ ކުރާ ވާހަކަތަކާއި ފޮޓޯތަކުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.