އަލީ ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަލީ ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން "މިހާރު" އަށް ވިދާޅުވީ ފުލުހުން އޮފީހުން އޭނާ އަށް މިއަދު ގުޅައި، ތަހުގީގު ކުރާ މައްސަލައަކަށް ފުލުހަށް ހާޒިރުވާން އެންގި ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ފުލުސް އޮފީހުން ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު މިހާރު މިހުރީ ރަށުން ބޭރުގައި. އެހެންވީމާ މާލެ ގޮސް ފުލުސް އޮފީހަށް ދެން ދެވޭނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އެއީ ފުލުހުންނާ ގުޅޭގޮތުން ކުރި ޓްވީޓާ ގުޅިގެން ފުލުހުން ބަލަމުންދިޔަ މައްސަލައެއްގަ އެވެ.

މިދިޔަ އަހަރުގެ ޖުލައި 22 ގައި އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނުހައްގުން ފުލުހަކު މީހަކު ގައިގައި އަތްލައިފި ނަމަ، ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު އެ މީހަކަށް އޮންނާނެ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކޮށްފައިވާއިރު، ތަފާތު ތުހުމަތުތަކުގައި އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރުން މިދުވަސްކޮޅު ވަނީ އާންމުވެފަ އެވެ. އަދި ބައެއް ލީޑަރުންގެ މައްޗަށް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ވެސް ފަށައިފަ އެވެ.