27 އެޕްރީލް 2017 - 15:05

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މުހިއްމު މެޗެއް އޮތް ނަމަވެސް ހޮނިހިރު ދުވަހު އޮފީސް ޓީމަށް ފުޓްސަލް ކުޅެން އީގަލްސްގެ ހަތަރު ކުޅުންތެރިއަކު ދޫކޮށްލަން އެ ޓީމުގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ނިންމައިފި އެވެ.
ސާންތީ ބުނީ މާލޭ ލީގާއި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުށުއަރައި މިވަގުތު މިކަމަށް އިތުރު ހައްލެއް ނެތް ކަމަށާއި މިއީ ކުޅުންތެރިންނާއި ކްލަބުގެ މުސްތަގުބަލަށް ބަލާފައި އޭނާ ނިންމި ނިންމުމެއް ކަމަށެވެ. ސާންތީ ބުނީ މި މަހުގެ 22 ވަނަ ދުވަހު އޮފީސް ޓީމަށް އެ ކުޅުންތެރިން ކުޅެފައި 23 ވަނަ ދުވަހު އީގަލްސް އަށް އެ ކުޅުންތެރިން ކުޅުނު ކަމަށާއި އެ ފަހަރު ކުރެވުނީ ހިތި ތަޖުރިބާއެއް ކަމަށެވެ.
"އެހެންވެ މިފަހަރު 28 ގައި (މާދަމާ) އީގަލްސް އަށް ކުޅެފައި އަނެއް ދުވަހު އޮފީސް ޓީމުގެ މެޗެއް އޮތުމުން އަޅުގަނޑު މި ނިންމީ އެ ކުޅުންތެރިން އޮފީސް ޓީމަށް ދޫކޮށްލަން. ކޮންމެ ގޮތެއް ވިޔަސް އޮފީސް ވެސް މުހިއްމު. މީގައި ގެނެވޭނެ އިތުރު ހައްލެއް މިވަގުތު ނެތް،" ސާންތީ ބުންޏެވެ.
މިއީ ހިތްހަމަނުޖެހިގެން ނިންމާ ނިންމުމެއްތޯ އެހުމުން ސާންތީ ބުނީ އޮފީސް ޓީމަށް ދިއުން ހުއްޓުވޭނެ ގާބިލްކަމެއް އީގަލްސްގެ މެނޭޖްމަންޓުގައި ނެތް ކަމަށާއި އެހެންވެ، ދެ މެޗު ކުޅެ ކުޅުންތެރިޔާ އަށް އަނިޔާއެއް ވުމަށް ވުރެ، މިގޮތް ރަނގަޅު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުޓްސަލްގައި މިއޮތީ ރައުންޑް އޮފް 16 ގެ މެޗެއް. މެޗުގެ ޕްރެޝަރު އެނގޭ އަޅުގަނޑަށް. އިތުރު ޗޮއިސްއެސް ނެތް. އަޅުގަނޑުމެންނަށް މާދަމާގެ މެޗު ވެސް މުހިއްމު. އެކަމަކު އަޅުގަނޑުމެންގެ މެނޭޖްމަންޓުގައި ނެތް މިކަން ހުއްޓުވޭނެ ސްޓްރެންތެއް. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑެތި ބައެއް ކްލަބްތަކުން މިކަން ހުއްޓުވައިފި،" ސާންތީ ބުންޏެވެ.
ސާންތީ ބުނީ މާދަމާގެ މެޗު ފަސޭހަކޮށްނުނަގާ ކަމަށާއި އެކަމަކު އިތުރު ބުރެއް އޮތުމާ އަދި އީގަލްސް އޮތީ ގަދަ ހަތަރަކަށް އެރޭނެ ފައްތަރެއްގައި ކަމަށްވާތީ އަނެއް ބުރަށް ކުޅުންތެރިން ސަލާމަތުން ބައިތިއްބަން ބޭނުންވާ ކަމަށެވެ. އަދި ދެ މެޗު ކުޅެ ކުޅުންތެރިޔަކަށް އަނިޔާވެގެން މުޅި ސީޒަން ގެއްލިއްޖެ ނަމަ މާބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.
ސާންތީ ބުނީ އީގަލްސް އިން ސީޒަނަކަށް 6 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށާއި އެހެންކަމުން މިއީ ވިސްނަން ޖެހޭ ކަންކަން ކަމަށެވެ.
"އަޅުގަނޑު (ފުޓްސަލާ) ދެކޮޅެއް ނޫން. އެއީ ޔޫތުންނަށް އެކަށޭނެ ގޭމެއް. އެކަމަކު މަތީ ފަންތީގެ ފުޓްބޯޅަ ކުޅުންތެރިން ނުލާ ވެސް ފުޓްސަލް ކުޅެވޭނެ ބޮޑު ފެމިލީއެއް އެބައޮތް. ފުޓްސަލަކީ ގިނަ މީހުން ބަލާ ހިތްވާ ކުޅިވަރެއް. އެކަމަކު މިނޫން ގޮތަކަށް މިކަން އެބަޖެހޭ ކުރިއަށް ދާން،" ސާންތީ ބުންޏެވެ. "އޮފީހަށް ނުކުޅެ ނެތް ވާކަށް ވެސް. ވަޒީފާ ވެސް މުހިއްމު. ކޮންމެ ގޮތެއް ވިޔަސް މިކަމަށް އަދި ހައްލެއް ނުފެނޭ."
އޭނާ ބުނީ އެފްއޭއެމުންގެ މިހާރުގެ މެނޭޖްމަންޓުން މިކަމަށް ހައްލެއް ގެނެސް އަންނަ އަހަރު ރަނގަޅު ބަދަލެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާލް އަދީލް ޖަލީލް ދާދި ފަހުން ވިދާޅުވީ ފުޓްބޯޅަ އާއި ފުޓްސަލް ވަކިކޮށްލުމަށް ފަހު ކުޅުންތެރިން މީގެ ތެރެއިން ކޮންމެވެސް އެއް ކުޅިވަރެއް ކުރިމަގުގައި އިހުތިޔާރުކުރަން ޖެހޭނެ ކަމަށެވެ.