ކައިވެންޏެއް ނުކުރެވުނީތީ އުފާކުރަން: އާޝާ ޕަރެކް
ކައިވެންޏެއް ނުކުރެވުނީތީ އުފާކުރަން: އާޝާ ޕަރެކް

އާޝާ ޕަރެކް އަކީ 1960 އަދި 1970 ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަނިކަން ކުރި މަޝްހޫރު ބަތަލާ އެކެވެ. މިހާރު އުމުރުން 73 އަހަރު ވެފައިވާ އާޝާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރެ އެވެ. އޭނާ ކައިވެންޏެއް ނުކުރި ސަބަބާ ބެހޭ ގޮތުން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެ އެވެ.

ކައިވެންޏެއް ނުކުރެވުނީތީ އުފާކުރަން: އާޝާ ޕަރެކް
ކައިވެންޏެއް ނުކުރެވުނީތީ އުފާކުރަން: އާޝާ ޕަރެކް

ދާދިފަހުން ފިލްމްފެއާ މެގަޒިންއަށް އާޝާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއަށް ކައިވެންޏެއް ނުކުރެވުނީ އެކަން ތަގްދީރުގައި ވާން ނެތީމާ ކަމަށެވެ.

އާޝާގެ ޒުވާން ދުވަސްވަރު އޭނާ ކައިވެނި ކުރާނެ މީހަކު ހޯދުމުގެ މަސައްކަތް އޭނާގެ މަންމަ ކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކާ އޭނާއާ ކައިވެނި ކުރެވޭ ގޮތެއް ނުވި އެވެ. އާޝާ ބުނަނީ މިޒަމާނުގައި މައިންބަފައިންނާއި ދަރިންގެ މެދުގައި އޮތް ބޮޑު ހަމަނުޖެހުންތައް ފެނިފައި، އޭނާއަށް ކައިވެނި ނުކުރެވުނީތީ އުފާކުރާ ކަމަށެވެ.

އާޝާ ބުނަނީ ހަޔާތުގެ ބައިވެރިއެއް ނެތް ކަމުގެ އިހްސާސް ދުވަހަކު ވެސް ނުކުރެވޭ ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ހަޔާތުގައި ކަންތައްތައް ގޮސްފައިވާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް އާޝާ ބުންޏެވެ.

"އަހަންނަށް ދުވަހަކުވެސް ބައިވެރިއެއް ނެތްކަމުގެ އިހްސާސެއް ނުވޭ. އަހަންނަކީ ވަރަށް ލަދުވެތި މިޒާޖެއްގެ މީހެއް. އަހަރެންގެ ގާތް އެކުވެރިން އެބަތިބި. އެމީހުންނާ އަހަރެން އަބަދުވެސް ވާހަކަ ދައްކަން. ތަގްދީރުގައި ހަޔާތުގެ ބައިވެރިއެއް ލިޔުއްވާފައި ނުވާ ނަމަ ކައިވެންޏެއް ކުރިޔަސް އޭނާ މަރުވެދާނެ ނޫނީ ދޫކޮށްލާފައި ހިނގައިދާނެ،" އާޝާ ބުނެފައިވެ އެވެ.

ވަރަށް ކުރިން އާޝާ ވެސް މީހަކު ދެކެ ލޯބިވެގެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުނުކަމަށް އޭނާ އެއްބަސްވެ އެވެ. ނަމަވެސް ލޯބީގެ ގިނަ ވާހަކަތަކުގައިވާ ގޮތަށް އޭނާގެ ލޯބީގެ ވާހަކަ ވެސް އޮތީ ފުރިހަމަ ނުވެ އެވެ.