27 އެޕްރީލް 2017 - 13:30

އިލްނޯއީ (އެޕްރީލް 27) - އެމެރިކާގެ އިލްނޯއީ ސްޓޭޓުގައި 69 އަހަރު ވަންދެން ކައިވެނިކޮށްގެން އެކުގައި އުޅުނު ދެމަފިރިން އެކުއެކީގައި މަރުވެފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

ޑެއިލީ ހެރަލްޑް ނޫހުން ބުނީ އަނބިމީހާ ޓެރެސާ، 89، އަލްޒެއިމާސް ބަލީގައި މިދިޔަ ހޮނިހިރު ދުވަހު މަރުވި އިރު ފިރިމީހާ އިސާކް ވަޓްކިން، 91، އޮތީ އަނބިމީހާގެ އަތުގައި ހިފަހައްޓާލައިގެން ކަމަށެވެ. އަނބިމީހާ މަރުވިތާ 40 މިނިޓް ތެރޭ ފިރިމީހާ ވެސް މަރުވި ކަމަށް ހެރަލްޑުން ބުންޏެވެ.
"މަންމަ އާއި ބައްޕަ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ލޯބިވި. އެއީ އެކަކާ ނުލައި އަނެކަކަށް ނޫޅެވޭހާ ލޯބިވި ދެ މީހުން،" އެ ދެމަފިރިންގެ އަންހެން ދަރިއެއް ކަމަށްވާ ކްލާރާ ގެސްކްލިން ބުންޏެވެ. "އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަންމަ އާއި ބައްޕަ އުޅުނީ ލޯބިން."
އިލްނޯއީގެ ހައިލޭންޑް ޕާކް ހޮސްޕިޓަލުގެ ސްޓާފަކު ބުނީ ވަޓްކިންގެ ދެ މަފިރިންގެ ހާލު ދެރަވެ ނާވާލާން އުނދަގޫވުމުން އެ ދެ މީހުން އޮތް ހެނދު ކައިރި ކުރި ކަމަށެވެ. އަދި އާއިލާގެ މެންބަރުން ވަނީ އެ ދެ މީހުންގެ އަތާއި އަތް ގުޅުވާލާފައި ކަމަށް ބުންޏެވެ.
އެ ދެމަފިރިންނަށް ތިން ދަރިން ލިބިފައިވެ އެވެ. އަދި ކާފަ/މާމަ ދަރިންނާ ގާތް ގުޅުމެއް ބޭއްވި ކަމަށް އާއިލާގެ މެންބަރުން ބުންޏެވެ.