27 އެޕްރީލް 2017 - 13:56

ސިވިލް ސާވިސްގެ މުވައްޒަފުން މަތީ ތައުލީމު ހޯދުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިނޭންސް ކޮށްދޭ ސްކީމެއް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ ހުރިހާ ސިވިލް ސާވެންޓުންނަށް ހުޅުވާލާފައިވާ ސްކީމްގެ އެއްބަސްވުމުގައި އެމްއައިބީ އާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެމްއޯޔޫގައި ސިވިލް ސާވިސް ކޮމިޝަނުން ސޮއި ކުރެއްވީ އެތަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫނެވެ.
މި ސްކީމުގެ ދަށުން ސިވިލް ސާވެންޓުން އެމީހަކު ކިޔަވަން ބޭނުންވާ ކޯހުގެ މައުލޫމާތު އެމްއައިބީއަށް ހުށަހެޅުމުން އެ ބޭންކުން ކޯހުގެ ފީ ސެމިސްޓާތަކަށް ބަހާލައިގެން ދައްކައިދޭނެ އެވެ. ބަދަލުގައި މުވައްޒަފު ފައިސާ ދައްކަން ޖެހޭނީ ބޭންކަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ސިވިލް ސާވެންޓުންނަށް ފުރަތަމަ ފަހަރަށް ދޫކުރަން ފެށި މި ލޯނުގެ ދަށުން ރާއްޖޭގެ ކޮންމެ ޔުނިވަސިޓީއެއް ނުވަތަ ކޮލެޖަކުން ވެސް ބޭނުން ދާއިރާއަކުން ކިޔެވިދާނެ ކަމަށެވެ. އެކަމަކު އެންމެ އެދެވިގެން ވަނީ އެ މީހަކު މިހާރު ވަޒީފާ އަދާ ކުރާ ދާއިރާއަކުން ކުރިއަށް ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ލޯނުގެ ދަށުން ކޮންމެ ދާއިރާއަކުން ވެސް ކިޔެވުމުގެ ފުރުސަތު އޮންނާނެ. އެކަމަކު ވަޒީފާ އަދާ ކުރާ ނޫން އެހެން ދާއިރާއަކުން ކިޔަވައިފިނަމަ ކިޔަވާ ނިންމާފައި އަނެއްކާ ވެސް ބަދަލު ކުރަން ޖެހޭނެ،" ޝަމީމް ވިދާޅުވި އެވެ.
އެމްއައިބީން ބުނީ މި ސްކީމްގައި ބައިވެރިވެވޭނީ ހަމައެކަނި އެ ބޭންކުގައި އެކައުންޓެއް ހުޅުވާފައި އޮންނަ މީހުންނަށް އެކަނި ނޫން ކަމަށާއި އެކަމަކު ސްކީމްގައި ބައިވެރިވުމަށް ފަހު އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށެވެ. މި ސްކީމުގެ ދަށުން ނެގެނީ 250،000 ރުފިޔާ އާއި 30،000 ރުފިޔާ އެވެ.
އެމްއައިބީން ބުނީ ސްކީމްގެ ދަށުން ފައިސާ އަނބުރާ ދައްކަން ޖެހޭނީ މަހަކު އެ މުވައްޒަފަަކަށް މުސާރައިގެ ގޮތުގައި ލިބޭ އަދަދުގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ނުވާނެ ގޮތަށެވެ.