ފިލްމު ނުކުޅެ ހުރީ ބައްޕަ ބަލިވެގެން: ސުނިލް ޝެޓީ
ފިލްމު ނުކުޅެ ހުރީ ބައްޕަ ބަލިވެގެން: ސުނިލް ޝެޓީ

ސުނިލް ޝެޓީ ފިލްމެއް ނުކުޅޭތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ގިނަ ބަޔަކު ހީކުރީ އޭނާއަށް ރަނގަޅު ފިލްމުތައް ނުލިބެނީ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ކަންވީ އެހެން ނޫން ކަމަށް ސުނިލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމު ކުޅުމާ ދުރުވާން ޖެހުނީ އޭނާގެ ބައްޕަ މާ ބޮޑަށް ބަލިވެގެން ބައްޕަ ބަލަން ގޭގައި ހުންނަން ވެގެންނެވެ. އަދި މި އަހަރު ފެށުނުތަނާ ބައްޕަ މަރުވުމުން މިހާރު އަލުން ފިލްމީ މަސައްކަތް ފެށުމަށް ސުނިލް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސުނިލް ބުނި ގޮތުގައި އޭނާގެ ބައްޕަ އަބަދުވެސް ބޭނުންވީ އޭނާ މަސައްކަތް ކުރާށެވެ. ނަމަވެސް އެކަން އިހްސާސް ކުރެވުނީ ބައްޕަ މަރުވި ފަހުންނެވެ.

ސުނިލް މިހާރު އަންނަނީ "އިންޑިއާޒް އަސްލީ ޗެމްޕިއަން... ހޭ ދަމް" ކިޔާ ޓީވީ ޝޯއެއްގައި މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ފިލްމުތައް ވެސް ކުޅެން ވަނީ ސޮއިކޮށްފަ އެވެ.

ސުނިލް ބުނީ އޭނާއަކީ ބައްޕަދެކެ ވަރަށް ލޯބިވާ މީހަކަށް ވާތީ ބައްޕަގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު އެކުގައި ހޭދަކުރުމަށް ބޭނުންވީ ކަމަށެވެ. އަދި މަސައްކަތެއް ނުކޮށް ގޭގައި ހުންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފާއިތު ވީއިރުވެސް ނޭނގުނު ކަމަށް އޭނާ ބުންޏެވެ.

"އެ ދުވަސްވަރު އަހަންނަށް ކުރާ މަސައްކަތާ މެދު ނަފްރަތު ކުރެވެން ފެށި. އަދި ކުރާ އެއްވެސް ކަމަކުން ހިތްހަމަ ޖެހުމެއް ނުލިބުނު،" މަސައްކަތް ހުއްޓާލި ސަބަބު ބަޔާން ކުރަމުން ސުނިލް ބުންޏެވެ.

ސުނިލް ވަނީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 120 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ. އޭގެ ތެރެއިން ގިނަ ފިލްމުތަކަކީ އޭނާ ވަރަށް ކުޅޭ ހިތުން ކުޅުނު ފިލްމުތަކެކެވެ. ނަމަވެސް ބައްޕަ ބަލިވެ އޮތް ދުވަސްވަރު ލިބުނު 25 ވަރަކަށް ފިލްމަށް ނޫނެކޭ ބުނެފައި ވާނެ ކަމަށް ސުނިލް ބުންޏެވެ.