27 އެޕްރީލް 2017 - 13:01

ދިމިޝްގު (އެޕްރީލް 27) - ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބައިނަލްއަގުވާމީ އެއާޕޯޓުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އެއާޕޯޓުގައި ގޮއްވާލި ބާރުގަދަ އެއްޗެއްގެ އަޑުފައްގަނޑު ދިމިޝްގަށް ވެސް އިވުނު ކަމަށެވެ. އެއާޕޯޓް އޮންނަނީ ދިމިޝްގުގެ އިރު ދެކުނުން 25 ކިލޯ މީޓަރު (15 މޭލު) ދުރުގަ އެވެ. އެއާޕޯޓުގައި ގޮއްވާލި އެއްޗަށް ފަހު އަލިފާން އެރި ކަމަށްވެ އެވެ. ނަމަވެސް އެއާޕޯޓުގައި ގޮއްވާލީ ކޮން އެއްޗެއް ކަމެއް އޮބްޒަވޭޓަރީން ބުނެފައެއް ނުވެ އެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށް ވެސް ބުނެފައެއް ނުވެ އެވެ.
ލުބުނާނުގެ ހިޒްބުﷲ އިން ހިންގާ އަލް މަނާރު ޓީވީން ބުނީ ދިމިޝްގުގެ އެއާޕޯޓުގައި ގޮއްޗެއް ގޮއްވާލީ އިޒްރޭލް ސިފައިން ދިން ވައިގެ ހަމަލާތަކުގައި ކަމަށް ބެލެވޭ ކަމަށެވެ. އިޒްރޭލުން ދޭ ވައިގެ ހަމަލާތައް ސީރިއާގެ އެކި ހިސާބުތަކަށް މީގެ ކުރިން އަރާފައިވެ އެވެ. އިޒްރޭލުގެ އިންޓަލިޖެންސް މިނިސްޓަރު ވިދާޅުވެފައި ވަނީ ސީރިއާ އަށް ވައިގެ ހަމަލާ ދެނީ ގަވާއިދާ ޚިލާފަށް ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމަށް ކަމަށެވެ. އިޒްރޭލުން ބުނެފައި ވަނީ ސީރިއާ އަށް ހަތިޔާރު ސަޕްލައި ކުރަނީ ހިޒްބުﷲ އިން ކަމަށެވެ.
ސީރިއާގައި 2011 ވަނަ އަހަރު ފެށި މަދަނީ ހަނގުރާމައިގައި މިހާތަނަށް ވަނީ 320،000 މީހުން މަރުވެފަ އެވެ.