28 އެޕްރީލް 2017 - 09:32

މީހަކާ ވާހަކަ ދައްކާއިރު، އޭނާ އެދައްކާ ވާހަކަތައް ކަނުލައި އަޑުއެހުމަކީ އަޅުގަނޑުގެ އާދައަކަށް ހެދޭތޯ އަބަދު ވެސް ބަލަމެވެ. އާންމު ގޮތެއްގައި، އެދައްކާ ވާހަކައެއްގެ ރާގާއި އަދި ވަކިން ހާއްސަކޮށް އެމީހާގެ ވާހަކައިގައި އުއްމީދީ އަދި ނާއުއްމީދީ ބަސްތައް ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯ ބެލުމަކީ ވެސް އަޅުގަނޑު ކުރާ ކަމެކެވެ. މިއީ، އެމީހެއްގެ ހިތްހެޔޮ މިންވަރު ދަނެގަތުމަށް ވަރަށް ފަސޭހަ ވެސް ގޮތެކެވެ.
އިންސާނެއްގެ ސިކުނޑީގައި ނަފްރަތުކަން އުފެދިގެން އަންނަނީ އޭނާ އަށް ބޭނުންކުރެވޭ ނާއުއްމީދީ ބަސްތަކާއި ނޭއްގާނި ހިޔާލާއި ފިކުރުންނެވެ. ނަފްރަތާއި ރުޅިވެރިކަމުން އިންސާނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވޭންތަކެއް ތަހައްމަލް ކުރަން ޖެހެ އެވެ. އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ބަލިކަށިކޮށް، ޖިސްމާނީ ގޮތުން ވެސް ބަލިމީހަކަށް ހަދާލަ އެވެ.
މީހެއްގެ ކިބައިގައި އަނެކާ އަށް ނަފްރަތު އުފެދިއްޖެ ނަމަ، ހަށިގަނޑުގައި ކެންސަރު އުފެދި އެބަލި ހަށިގަނޑުގައި ފެތުރިގެން ދާހާ ބާރުމިނުގައި، މީހާގެ ޖިސްމާއި ނަފްސު އޭގެ ތެރެއަށް ވެރިވެގަނެ، އެކަމުގެ އަސަރު މުޅި މީހާއަށް ކުރެ އެވެ. އެހެންކަމުން ނަފްރަތާއި، ރުޅިވެރިކަން އުފައްދައި އެއް އިންސާނަކު އަނެއް އިންސާނަކަށް ގެއްލުންދިނުމުގެ ނިޔަތް ބަލައިގަނެވޭނީ ޝައިތޯނީ އަމަލެއްގެ ގޮތުގަ އެވެ.
ރުޅިވެރިކަން ނުވަތަ ނަފްރަތުން އެއްވެސް ކަމެއް ހައްލެއް ނުކުރެވޭނެ އެވެ. މީގެ ބަދަލުގައި، އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަތުމާއި، އޯގާވެރިވުމާއި، ލޯތްބާއި، އަޅާލުން ދެވިއްޖެ ނަމަ ކޮންމެ ފަދަ ހާލަތަކުން ވެސް މީހަކު ސަލާމަތް ކުރުމަކީ ކުރެވޭނެ ކަމެކެވެ.
ކަންކަމުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ބަދަލުގައި އުއްމީދީ ވިސްނުން ވަރަށް މުހިއްމެވެ. އެއީ، ކޮންމެ ފަދަ ކަމެއް ހާސިލުކުރަން ވެސް އަދި އުއްމީދު ކުރާ ކުރިމަގަށް ވާސިލުވުމުގެ ރާސްތާ އެވެ. އެއީ، ކަންކަން ހަމަ މަގަށް އަޅުވާލުމަށް އިންދާލެވޭ އޮށެކެވެ. އަދި މުޖުތަމައެއްގައި ސުލްހަމަސްލަހަތު ގާއިމުކުރުމުގެ އަސްލެވެ. އެހެންކަމުން، ނަފްރަތާއި ރުޅިވެރިކަމުގެ އުނި ސިފަ އެއްފަރާތްކޮށް ކަންކަމުގައި ރަނގަޅު ވިސްނުން ހިޔާރު ކުރުމަކީ އުޖާލާ މުސްތަގުބަލަކަށް އޮތް އެންމެ އަލި މަގުކަމުގައި ބަލާށެވެ. މިއީ މާތް ވެގެންވާ އިސްލާމް ދީނުގައި ވެސް އަޅުގަނޑުމެންނަށް ދައްކަވާފައި އޮތް ރީތި މަގެވެ. ނޫންތޯ އެވެ؟