ގައުމުގެ އިގުތިސާދު ފުނޑާލަން އުޅޭ ނަމަ ކުރިމަތިލާން ޖެހޭނީ ކޯޓާ: އިލްހާމް
ގައުމުގެ އިގުތިސާދު ފުނޑާލަން އުޅޭ ނަމަ ކުރިމަތިލާން ޖެހޭނީ ކޯޓާ: އިލްހާމް

ރާއްޖޭގެ އިގުތިސާދު ފުނޑާލައި، ގައުމު ފަހަތަށް ޖައްސަން އުޅޭ ނަމަ އެ ބަޔަކު ކުރިމަތިލާން ޖެހޭނީ ޝަރުއީ ކޯޓުތަކާ ކަމަށް ވިދާޅުވެ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކަށް ދަނގެތި ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިލްހާމް އަހުމަދު ބަހުގެ ހޫނު ހަމަލާތަކެއް ރޭ ދެއްވައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާ އަށް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު އަސީލަށް ތާއީދު ހޯދުމަށް، ބޭއްވި ޖަލްސާގައި އިލްހާމް ވިދާޅުވީ މިދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދުށް ތަރައްގީގެ ބާނީ އަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"ގައުމުގެ އިގްތިސާދު ފުނޑާލައި، ގައުމު ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރާނަމަ ދާން ޖެހޭނީ ގެއަށް. ނުވަތަ ކޯޓާ ކުރިމަތިލާން ޖެހޭނީ، އޮންނަ އުސޫލުން ކަންކަން ނުކުރާނަމަ،" އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނާއި ގަވާއިދާ ޚިލާފުވެގެން ކޯޓަށް ގެންދާނީ ވަކި ބޭފުޅެއް ނޫނެވެ. އޭގެ ބަދަލުގައި ގާނޫނާ ޚިލާފުވާ ކޮންމެ މީހަކު ވެސް ކޯޓަށް ހާޒިރު ކުރާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މި ގައުމު "އަނގަވަތަށް" ވައްޓާނުލެވޭނެ ކަމަށާއި ގިނަ ބަޔަކު ބޭނުން ވަނީ ގައުމު ތަރައްގީ ކުރަން ކަމަށް އިލްހާމް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އަމަންއަމާންކަން ގާއިމު ކުރަން ރައީސް ޔާމީން ނުފުރޮޅާނެ ގަލެއް ނޯންނާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އެކިއެކި ރަށްރަށް ޚާއްސަކޮށް މާލެ އަށް ބެލި ކަމުގައި ވިޔަސް، ފެނިގެން ދަނީ އެތައް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުތައް ހިނގަމުން އަންނަ މަންޒަރު ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ. އެގޮތުން މާލެ އާއި ހުޅުލެއާ ދެމެދު ނޭޅޭނެ ކަމަށް ބުނި ބްރިޖް އަޅަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ ކަމަށާއި 2019 ވަނަ އަހަރު އަންނަންވާ އިރަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.

"އެމަނިކުފާނު [ޔާމީން] ގެ ތަފާތަކީ ކަން ކުރައްވާތީ. މިއީ ވަރަށް ވާހަކަ. ސިޔާސީ ބޭފުޅުން ރަނގަޅުވާނީ ތަރައްގީއާއެކު ގޭގައި ތިއްބެވީމަ،" އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި އިލްހާމް ވިދާޅުވި އެވެ.

އިލްހާމަކީ މިހާރު ޕީޕީއެމް މެމްބަރެއް ނަމަވެސް އޭނާ މަޖިލިހަށް ހޮވިވަޑައިގަތީ، މިހާރު ބަންދުގައި ހުންނެވި އަދި ޝަރީއަތާ ކުރިމަތިލައްވާފައިވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސައްކަތްޕުޅާ އެކު، ޖޭޕީގެ ފަރާތުން ވާދަކުރައްވަ އެވެ. ދަނގެއްޗަކީ އިލްހާމާ އެއްވެސް ގުޅުމެއް ނެތް އެކަމަކު ސީދާ ގާސިމްގެ ސަޕޯޓް އޮތް ދާއިރާއެކެވެ.

އިދިކޮޅު ފަރާތްތަކަށް އިލްހާމް ބަހުގެ ހަމަލާއެއް ދެއްވިއިރު ގާސިމްގެ އިތުރުން އިދިކޮޅު އިއްތިހާދުގައި އިސްކޮށް މަސައްކަތް ކުރައްވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ޝަރީއަތެއް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން، ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.