27 އެޕްރީލް 2017 - 09:21

ލަންޑަން (އޭޕްރިލް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.
ޓޮޓެންހަމް ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވީ 1-0 އިންނެވެ. އަދި އަމިއްލަ ދަނޑުގައި އާސެނަލުން ލެސްޓާ ސިޓީގެ މައްޗަަށް ކުރިހޯދީ ވެސް 1-0 އިންނެވެ.
ރޭގެ މެޗުން ޓޮޓެންހަމް މޮޅުވުމުން ލީގު އެއް ވަނައިގައި ޗެލްސީގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. ޗެލްސީ އެއް ވަނައިގައި އޮތީ 33 މެޗުން 78 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 33 މެޗުން 74 ޕޮއިންޓެވެ. އާސެނަލް ރޭގެ މޮޅާ އެކު ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އާސެނަލަށް 32 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ޕެލަސް ކޮޅަށް ޓޮޓެންހަމްގެ ހަމައެކަނި ލަނޑު މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެރިކްސަން މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ލީގުގެ ރޭހުގައި ދެމި އޮތުމަށް ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓް ވަރަށް މުހިއްމު ކަމަށެވެ.
"ޕެލަސް އޮތީ ވަރަށް ފޯމުގައި. މިއީ އަހަރެން ވަރަށް ހިތްހަމަ ޖެހޭ ނަތީޖާއެއް. ލީގުގެ ރޭހުގައި އޮންނަން ބޭނުންނަމަ މި މެޗުން މޮޅުވުން ނޫން ގޮތެއް އަހަރެމެންނަށް ނެތް. އެ ގޮތަށް ބަލާއިރު މި މެޗުގެ މުހިއްމުކަން ބޮޑު،" ޕޮޗެޓީނޯ ބުންޏެވެ.
ލެސްޓާ އަތުން އާސެނަލް މޮޅުވި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 86 ވަނަ މިނިޓްގައި ލެސްޓާގެ ޑިފެންޑަރު ރޮބަޓް ހުތު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި އާސެނަލް ކުޅުންތެރިން ވަނީ ލެސްޓާ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އަލެކްސިސް ސަންޗޭޒް ފޮނުވާލި ޝޮޓެއް ހުރަސް ދަނޑިއަށް އަމާޒުވިއިރު، އާރޮން ރަމްސޭ ފޮނުވާލި ހަމަލާތަށް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ކުރީގެ ފޯމަށް އެނބުރި އަންނަން މި ވަގުތު ކޮންމެ މޮޅެއް ވެސް ވަރަށް މުހިއްމު ކަމަށެވެ.
"ސިޓީ އަތުން ލިބުނު މޮޅާ އެކު ކުރިއަށްދާން ބޭނުންވި. ޓީމު ރަނގަޅު ޓްރެކުގައި މިއޮތީ. ދެން ބޭނުންވަނީ ވަރުގަދަކޮށް ސީޒަން ނިންމާލަން،" ވެންގާ ބުންޏެވެ.