މޫވެންޕިކް ބްރޭންޑް ފުރަތަމަ ރިސޯޓް ކުރެދިވަރުގައި ހުޅުވަނީ
މޫވެންޕިކް ބްރޭންޑް ފުރަތަމަ ރިސޯޓް ކުރެދިވަރުގައި ހުޅުވަނީ

ސުވިޓްޒަލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން، މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް ނ. ކުރެދިވަރުގައި އަންނަ އަހަރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ 105 ކޮޓަރީގެ ކުރެދިވަރު ހިންގުމުގެ އެއްބަސްވުމުގައި މޫވެންޕިކްއިން ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ރަށް އަންނަ އަހަރުގެ ދެވަނަ ކުއާޓަރު ހުޅުވާނެ ކަމަށް ވެސް އެ ކުންފުންޏާ ހަވާލާދީ ބުނެފައިވެ އެވެ.

ނ. އަތޮޅުގައި އޮންނަ ހިތްގައިމު އެ ރަށުގައި 72 މޫދު ވިލާ އާއި 33 ބީޗް ވިލާ ހުރެ އެވެ.

"ޗުއްޓީ ހޭދަކުރަން އެންމެ މަގުބޫލް އެއް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ އަދިވެސް އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން. މޫވެންޕިކް އެންމެ މަތީފެންވަރުގެ ހިދުމަތް އެ ރިސޯޓުން ލިބެން ހުންނާނެ،" އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު އެންޑްރޫ ލިންގްޑަން ވިދާޅުވެފައިވެ އެވެ.

މޫވެންޕިކްއިން ބުނެފައި ވަނީ ވަށައިގެން ހިތްގައިމު މޫދާއި ފަރު ހިމެނޭ އެ ރަށަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓަކަށް ވާނެ ކަމަށެވެ. އެގޮތުން އެ ރަށުގައި އެންމެ މަތީ ފެންވަރުގެ ޑައިވް ސެންޓަރަކާއި ބީޗް ސްޕޯޓްސް ސެންޓަރަކާއި ޓޫރިސްޓުންނަށް ހާއްސަ ސުޕަ ޔޮޓަކާއި އާދައިގެ ފެންވަރުގެ މެރިން ރިސާޗް ސެންޓަރެއްގެ އިތުރުން ޕްރައިވެޓް މެރީނާއެއް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކުރެދިވަރުގައި ޓޫރިސްޓުންނަށް އެންމެ ކަމުދާ ގޮތަށް ކާއެއްޗެތި ތައްޔާރުކުރަން ފަސް ރެސްޓޯރަންޓާއި 14 ކޮޓަރީގެ ޕްރައިވެޓް ރޫމް ހިމެނޭ ސްޕާއެއް އަދި ޔޯގާ އާއި އެންމެ ޒަމާނީ ފެންވަރުގެ ޖިމްއަކާއި ތަފާތު ކުޅިވަރު ކުޅޭނެ ތަންތަން އެ ރިސޯޓުގައި ހުންނާނެ ކަމަށް ވެސް މޫވެންޕިކް އިން ބުންޏެވެ.