26 އެޕްރީލް 2017 - 15:59

ބެއިޖިން (އެޕްރީލް 26) - ޗައިނާގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ ޕްރޮގްރާމުގެ ދަށުން އެ ގައުމުން މަތިންދާ ބޯޓު އުފުލާ އާ މަނަވަރެއް މިއަދު ނެރެފި އެވެ.

މިއީ ޗައިނާގެ ދެ ވަނަ މަތިންދާ ބޯޓު އުފުލާ މަނަވަރެވެ. އަދި މިއީ ޗައިނާގައި ތައްޔާރު ކުރި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަރުވަރު ވެސް މެ އެވެ. ރަސްމީ މީޑިއާ އިން ބުނީ އަދި ވަކި ނަމެއް ދީފައި ނުވާ މަނަވަރު ކަނޑަށް ނެރުނީ އިރުމަތީގެ ދާލިއާން ބަނދަރުން ކަމަށެވެ. މި މަނަވަރު ރަސްމީކޮށް ބޭނުން ކުރާނީ އަދި ތިން އަހަރު ފަހުން ކަމަށް ވެސް ބުނެފައިވެ އެވެ.
ޗައިނާ އިން މަތިންދާ ބޯޓު އުފުލާ އާ މަނަވަރެއް ނެރުނު އިރު ނޯތު ކޮރެއާ އާއި އެމެރިކާއާ ދެމެދު ވަނީ ބަހުގެ ހަމަލާތައް ހޫނުވެފަ އެވެ. އެމެރިކާ އިން ވަނީ މަތިންދާ ބޯޓު އުފުލާ މަނަވަރަކާއި ސަބްމެރިނެއް ކޮރެއާ ޕެނިންސުލާ އަށް ފޮނުވައިފަ އެވެ. ޗައިނާ އިން ވަނީ ދެ ފަރާތުން ވެސް ހަމަޖެހުމަށް ގޮވާލައިފަ އެވެ.
ޗައިނާގައި މިހާރު ވެސް މަތިންދާ ބޯޓު އުފުލާ މަނަވަރެއް އޮވެ އެވެ. އެއީ ޔޫކްރޭނުން ގަނެފައިވާ އެއްޗެކެވެ. ޗައިނާ އިން ދަނީ އެ ގައުމުގެ އަސްކަރިއްޔާ ޒަމާނީ ކުރަމުންނެވެ. ޗައިނާ އިން މި އަހަރު ވަނީ އަސްކަރީ ކަންކަމަށް ހުރާ ހޭދަ ހަތް ޕަސެންޓް އިތުރު ކުރަން ނިންމައިފަ އެވެ.