26 އެޕްރީލް 2017 - 15:16

ދިރާގު ޓީވީ ހިދުމަތް ތައާރަފްކުރިތާ އެއްގަޑިއިރު ތެރޭގައި 100 ކަނެކްޝަން ދީފި އެވެ.
މެނޭޖަ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ ރޭ ތައާރަފްކުރި ދިރާގު ޓީވީގެ އިންޓްރޮޑަކްޓަރީ ޕެކޭޖްގައި 60 އަށް ވުރެ ގިނަ ޗެނަލްތައް ހިމެނޭ ކަމަށެވެ.
ދިރާގުން ވަނީ ޓީވީގެ ހިދުމަތަށް އެދުނު އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފައެއްގެ ގޮތުން އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ފީ އާއި ޖޯއި ބޮކްސް އަދި ހިލޭ ގުޅައިދޭ ގޮތަށް ހަމަޖައްސައިފަ އެވެ.
"އަޅުގަނޑުމެން ލަފާކުރި ވަރަށް ވުރެ މާބޮޑު ތަރުހީބެއް ލިބުނު. އަޅުގަނޑުމެން މިހާރު މިދަނީ ބްރޯޑްކާސްޓިން ކޮމިޝަނާއެކު އަގުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން. އެ މަސައްކަތް ނިމުމާއެކު އާއްމުންނަށް ހިދުމަތް ހޯދަން ކުރިމަތިލެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގުން އެ ހިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް ދޭން ފެށީ މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭއެކްސްއެން، ޓެން ސްޕޯޓްސް، ސޮނީ އީއެސްޕީއެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާތުއާ އެކު އެވެ. މީގެ އިތުރުން ވެސް ބައިނަލްއަގުވާމީ އެތައް ޗެނެލަކާއި ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ފެންނާނެ ކަމަށް ދިރާގުން ބުންޏެވެ.
"އަޅުގަނޑުމެން މި ހިދުމަތް ތައާރަފް ކުރި އިރު ހިންދީ ވަރަށް ގިނަ ޗެނަލްތަކާއި ސްޕޯޓްސް ޗެނަލްތަކާއި ކިޑްސް އަދި އެންޓަޓެއިންމަންޓް ޗެނަލްތައް ހިމެނޭ. އާއްމުންނަށް ހުޅުވާލާނީ ވެލިއު ފޯ މަނީ ޕެކޭޖްތަކެއް،" އެ ކުންފުނިން ބުންޏެވެ.
ދިރާގަކީ އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ. އައިޕީޓީވީ އަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފެންނަ ޓެކްނޮލޮޖީއެކެވެ.