27 އެޕްރީލް 2017 - 06:15

ރެބެކާ ޝެރޮކްގެ އެންމެ ދުރު ހަނދާންތަކުގެ ތެރޭގައި އޭނާގެ އުމުރުން އެންމެ 12 ދުވަހު ވީ ކަންތައް ހިމެނެ އެވެ. އޮސްޓްރޭލިއާގެ މި އަންހެންމީހާ ބުނި ގޮތުގައި ތުއްތު ކުއްޖެއްގެ ގޮތުގައި އޮތް އިރުން ފެށިގެން އޭނާގެ ހަޔާތުގައި ދިމާވި ކޮންމެ ކަމެއްގެ ހަނދާން މިހާތަނަށް ވެސް އެބަހުއްޓެވެ.
ބްރިސްބޭންގެ މި އަންހެންމީހާ އަކީ މި ވަގުތު ދުނިޔޭގައި ތިބި "ހައިލީ ސުޕީރިއާ އޮޓޮބައިގްރެފިކަލް މެމޮރީ" (އެޗްސީއޭއެމް) ހުރި މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި މި ވަގުތު ދުނިޔޭގައި ތިބީ މީގެ 80 މީހުންނެވެ.
ވަރަށް މަދުން ނޫނީ ދިމާނުވާ މި ސިއްހީ ހާލަތުގެ ސަބަބުން އޭނާގެ ހަނދާނުގެ ބާރު އެހެން މީހުންނަށް ވުރެ މާ ގަދަ އެވެ. އޭނާގެ ކޮންމެ އުފަން ދުވަހަކު ލިބުނު ހަދިޔާ ވެސް ވަރަށް ތަފްސީލުކޮށް މިހާރު ވެސް ހަނދާނުގައި އެބަހުއްޓެވެ. އަދި މައުލޫމާތުތައް ސިކުނޑީގައި ރައްކާކުރުމަކީ ވެސް އޭނާއަކަށް އުނދަގޫކަމެއް ނޫނެވެ. މިސާލަކަށް ހެރީ ޕޮޓާ ފޮތްތައް އެއްކޮޅުން އަނެއް ކޮޅަށް ކިޔާލާފައި އެ ފޮތްތައް އަކުރުން އަކުރަށް ކިޔައިދިނުމަކީ އެއްވެސް ކަމެއް ނޫނެވެ. އަދި އެޗްސީއޭއެމް ހުންނަ މީހުންނަށް ހިތާމަވެރި ހާދިސާތައް މާ ތަފްސީލުކޮށް ހަނދާން ހުރެ އެވެ.
ބްލޮގިން ސައިޓެއްގައި ދާދިފަހުން ޝެރޮކް ލިޔެފައިވާ "އައި ކޭން ރިމެމްބާ ބެކް ޓު ވެން އައި ވޯޒް އަ ނިއުބޯން ޗައިލްޑް (އެންމެ ޅަފަތުގައި ވީ ކަންތައްތައް ވެސް އަހަރެން ހަނދާން ހުރެ އެވެ.) ގައި އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ އެންމެ ދުރު ހަނދާނަކީ އުމުރުން 12 ދުވަހުގެ ހަނދާނެވެ.
އޭނާގެ މައިންބަފައިން އޭނާ ގޮވައިގެން ގޮސް ކާރުގެ ޑްރައިވަރު ސީޓުގައި ފޮޓޯއެއް ނަގަން ބޭއްވި ހަނދާން އެބަހުރި ކަމަށް ޝެރޮކް ލިޔެފައިވެ އެވެ.
"ތުއްތު ކުއްޖަކަށް ވާތީ ސީޓު ކަވަރާއި ބޯމަތިން ފެންނަން ހުރި ހުންގާނަކީ ކޯޗެއްބާއޭ އޭރު އަހަރެން ހިތަށް އެރި. ނަމަވެސް އެއީ ކޮން އެއްޗެއްކަން ދެނެގަތުމުގެ ގާބިލްކަމެއް އަހަރެން ކުޑަކަމުން އަދި އަހަރެންގެ އޭރަކު ނެތް،" ޝެރޮކް ލިޔެފައިވެ އެވެ.
އޭނާގެ ކުޑަކުޑަ އެނދުގައި ފަންކާ އާއި ކުޅޭ އެއްޗިއްސަށް ބަލަން އޮންނަ ހަނދާނާއި އޭނާގެ މަންމަ އާއި ބައްޕަ އޭނާގެ ފުރަތަމަ އުފަން ދުވަހު ލެއްވި "ގައި ހިރުވާ ސެޓިން ފޮތީގެ ހެދުން" އަދި މިނީ މައުސް ސްޓަފް ޓޯއީ ދެކެ ބިރުން އޭނާ އުޅުނު ގޮތުގެ ވާހަކަ ވެސް ޝެރޮކް ލިޔުނެވެ. އުމުރުން 18 މަހުގައި ހުވަފެންތައް ފެންނަން ފެށިކަން ވެސް ހަނދާނުގައި އެބަހުއްޓެވެ.
އިންސާނުންގެ ހަނދާނާ ގުޅިފައިވާ ކަންތައްތައް މިހާރަށް ވުރެ ރަނގަޅަށް ދެނެގަތުމުގެ މަގްސަދުގައި އެމެރިކާ އާއި އޮސްޓްރޭލިއާގެ ސައިންސްވެރިން މިހާރު ކުރިޔަށް ގެންދާ ދިރާސާއެއްގައި ވެސް ޝެރޮކް ބައިވެރިވެ އެވެ. އޭނާގެ އުންމީދަކީ މި ދިރާސާތަކުގެ ސަބަބުން ހަނދާނުގައި މައްސަލަތައް ހުންނަ މީހުން ޚާއްސަކޮށް ޑިމެންޝާ ޖެހިފައިވާ ބަލި މީހުންނަށް އެހީތެރިކަމެއް ލިބުމެވެ.
އެޗްސީއޭއެމް ހުރުމުގެ ސަބަބަން، އެންމެ ތުއްތު އިރުގެ ހަނދާންތަކަށް ދަންދެން ހުރީ ހަމައެކަނި ޝެރޮކް އެއް ނޫނެވެ. އެމެރިކާގެ މޭރީލެންޑްގެ އެލެކްސެންޑްރަ ވޮލްފް އަކީ ވެސް މިފަދަ މީހެކެވެ. އުމުރުން މިހާރު 25 އަހަރު ވެފައިވާ ވޮލްފް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އެންމެ ތުއްތުއިރު ބަލިވެގެން ހޮޑުލެވުނު ދުވަހާއި ބޮލުގައި ރިއްސި ދުވަސްތައް ވެސް އޭނާ ހަނދާން އެބަހުއްޓެވެ. މީގެ މާނައަކީ ވޮލްފް އަށް އޭނާގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ވަގުތުތައް ވެސް އެންމެ ކުދި ތަފްސީލުތަކާ އެކު ވެސް ހަނދާން ހުރުމެވެ. ވޮލްފް ބުނި ގޮތުގައި ކޮޓަރީގައި އެކަނި އޮންނަ ވަގުތުތަކުގައި އޭނާ އުފާވެރި ހަނދާންތައް އާކުރެ އެވެ.