ބެޓްމިންޓަން ޗެމްޕިއަން ސާއިނާގެ ފިލްމުގައި ދީޕިކާގެ ބަދަލުގައި ޝްރައްދާ
ބެޓްމިންޓަން ޗެމްޕިއަން ސާއިނާގެ ފިލްމުގައި ދީޕިކާގެ ބަދަލުގައި ޝްރައްދާ

އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން ސާއިނާ ނެހެވަލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ސާއިނާ"ގެ ވާހަކަޔާ އެކު އެންމެން ވެސް ހީކުރީ އެ ފިލްމުގައި ސާއިނާގެ ރޯލު އަދާކުރަނީ ދީޕިކާ ޕަދުކޯން ކަމަށެވެ.

ސާއިނާ ވެސް އޭނާގެ ކެރެކްޓާ ދީޕިކާ އަދާކުރަން ވަރަށް ހިތްހަމަޖެހޭ ކަމަށް ކުރިން ބުނެފައިވެ އެވެ. ސަބަބަކީ ދީޕިކާގެ ބައްޕަ އަކީ ވަރަށް މޮޅު ބެޑްމިންޓަން ކުޅުންތެރިޔަކަށް ވުމާއި ދީޕިކާ ވެސް ފުދޭވަރަކަށް މޮޅަށް ބެޑްމިންޓަން ކުޅޭތީ އެވެ.

ދީޕިކާ ވެސް ވަނީ ސާއިނާގެ ބައޮޕިކްގައި އޭނާގެ ކެރެކްޓާ ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ސާއިނާއާ އެކު އޭނާ ކުރިން ބެޑްމިންޓަން ކުޅުނެވެ.

ނަމަވެސް ސާއިނާގެ ބައޮޕިކް އުފައްދާ ފަރާތަށް ދީޕިކާއާ އެކު އެއްބަސްވުމަކަށް އާދެވޭ ގޮތް ނުވުމުގެ ސަބަބުން މި ފިލްމު މިހާރު ޝްރައްދާ ކަޕޫރަށް ވަނީ ލިބިފަ އެވެ.

ބޮމްބޭ ޓައިމްސް އާ ވާހަކަދައްކަމުން ޝްރައްދާ ވަނީ ސާއިނާގެ ފިލްމު ކުޅެނީ އޭނާކަން ޔަގީންކޮށްދީފަ އެވެ. އަދި ކޮލެޖުގައި އުޅުނުއިރު ކޮންމެވެސް ވަރަކަށް ބެޑްމިންޓަން ކުޅުނު ކަމަށާއި އެހެންވެ ބެޑްމިންޓަން ކުޅުންތެރިއެއްގެ ރޯލު ޚާއްސަކޮށް ސާއިނާގެ ރޯލު ކުޅެން ވަރަށް ޝައުގުވެރިވާ ކަމަށް ވެސް ޝްރައްދާ ބުންޏެވެ.

ދީޕިކާގެ ބަދަލުގައި އޭނާގެ އޮން ސްކްރިން ރޯލު ޝްރައްދާ ކުޅުމާ ބެހޭ ގޮތުން ސުވާލުކުރުމުން ސާއިނާ ބުނީ އޭނާއަށް އެކަން އެނގުނީ އަދި ކިރިޔާ ކަމަށެވެ. ޝްރައްދާއަކީ ވަރަށް ހުނަރުވެރި އެހާމެ ބުރަކޮށް މަސައްކަތްކުރާ ބަތަލާއެއް ކަމަށާއި އޭގެ އިތުރުން އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ސައިނާ ބުންޏެވެ. އެހެންވެ އޭނާގެ ފިލްމަށް ޝްރައްދާ އެކަށީގެންވާ ގޮތެއްގައި އިންސާފު ކޮށްދޭނެކަމާ މެދު ސާއިނާ ޝައްކެއް ނުކުރެ އެވެ. އަދި އެކުވެރިއަކަށް ވާތީ ޝްރައްދާއަށް ބެޑްމިންޓަން ކުޅުމުގެ ހުނަރުތައް ދަސްކޮށްދޭން ވެސް މާ ފަސޭހަވާނެ ކަމަށް ސާއިނާ ބުންޏެވެ.

"ވަރަށް ގިނަ މީހުން ބުނޭ އަހަންނާ ޝްރައްދާ އާ ވަރަށް ވައްތަރޭ. އެއީ އަހަންނަށް ލިބޭ ތައުރީފެއްގެ ގޮތުގައި އަހަރެން ދެކެނީ. ސަބަބަކީ ޝްރައްދާ އަކީ ވަރަށް ރީތި ބަތަލާ އަކަށް ވާތީ،" ސައިނާ ބުންޏެވެ.