27 އެޕްރީލް 2017 - 06:17

އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމު "ބަހޫބަލީ 2" އަންނަ ހުކުރު ދުވަހު ރިލީޒްކުރުމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ. ފިލްމު ރިލީޒްކުރުމުގެ މާކުރިއްސުރެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ކުރީ ޒަމާނުގެ ހަނގުރާމައެއް ދައްކުވައިދޭ މި ޑްރާމާ ވަނީ ރެކޯޑްތައް ހަދަން ފަށައިފަ އެވެ.
މި ފިލްމު މިހާތަނަށް ހެދި އާ ރެކޯޑްތަކުގެ ތެރޭގައި އިންޑިއާގެ އެންމެ ގިނަ ސިނަމާތަކުގައި އެއްފަހަރާ ރިލީޒްކުރާ ފިލްމުގެ ރެކޯޑް ހިމެނެ އެވެ. އިންޑިއާގެ އެކި ކަންކޮޅުތަކުގެ 9000 ސްކްރީންގައި މި ފިލްމު ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ. މިހާތަނަށް އެންމެ ގިނައިން ވެސް އެއްފަހަރާ ފިލްމެއް ރިލީޒްކޮށްފައި ވަނީ އެންމެ 4500 ސިނަމާގަ އެވެ.
"ބަހޫބަލީ"ގެ ފުރަތަމަ ފިލްމު ވެސް ރިލީޒްކުރީ 4000 ސިނަމާގަ އެވެ. އަދި މި ފިލްމު އިންޑިއާގައި މީހުން ވާހަކަ ދައްކާ ހުރިހާ ބަހަކުން ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން ކުރީގެ ފިލްމަށް ވުރެ އެތައް ގުނައެއް އިތުރަށް މި ފިލްމަށް ފައިދާ ވެސް ވާނެ ކަމަށް މިހާރުއްސުރެ ވަނީ ލަފާކޮށްފަ އެވެ. ސަބަބަކީ "ބަހޫބަލީ" ރިލީޒްކުރި ދުވަސްވަރު ސަލްމާން ޚާންގެ ފިލްމެއް ރިލީޒްކުރުމާ ގުޅިގެން އެ ފިލްމާ ވާދަކުރަން ޖެހުނީމަ އެވެ. އެއާ އެކު ވެސް "ބަހޫބަލީ"ގެ ހިންދީ ވާޝަން އަށް އެކަނި ވެސް 100 ކްރޯޑު (1000 މިލިއަން ރުޕީސް) ލިބުނެވެ.
ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރުން މި ފިލްމުގެ ތިއެޓްރިކަލް ރައިޓްސް އާއި އެންޑޯސްމަންޓްސް އާއި މާކެންޑައިސް ރައިޓްސް އިން އެކަނި ވިއްކާލައިގެން ވެސް 400-500 ކްރޯޑު (50-40 ބިލިއަން ރުޕީސް) ގެ ފައިދާއެއް ނަގާނެ އެވެ. އެހެންކަމުން މި ފިލްމު ވާނީ އެންމެ ގިނަ ބަޔަކު އެ ފިލްމެއްގެ ވާހަކަ އެންމެ ގިނައިން ދައްކާ ފިލްމުގެ އިތުރުން މިހާތަނަށް އުފެއްދި އެންމެ ބޮޑު ފައިދާއެއް ވީ ފިލްމަށެވެ.
ފިލްމު ރިލީޒްކުރުމުގެ ކުރިން މިހާތަނަށް މި ފިލްމަށް ވަނީ 500 ކްރޯޑު (50 ބިލިއަން ރުޕީސް) ލިބިފަ އެވެ. އެއީ ފިލްމުގެ ތަމަޅަ، ތެލުގޫ އަދި ހިންދީ ވާޝަން ޑިސްޓްރިބިއުޝަނުން ގަނެފައިވާ އަގުތަކެވެ.
މި ފިލްމުގެ ހިންދީ ވާޝަންގެ ޑިސްޓްރިބިއުޓަރަކީ ކަރަން ޖޯހަރެވެ. އޭނާ ޑިސްޓްރިބިއުޝަން ރައިޓްސް ގަތީ 120 ކްރޯޑު (12 ބިލިއަން ރުޕީސް) އަށެވެ.
ފިލްމު ހަދާފައިވާ އަނެއް ރެކޯޑަކީ ފުރަތަމަ ޓްރެއިލާ އޮންލައިންކޮށް ބެލި މީހުންގެ އަދަދެވެ. އެންމެ 24 ގަޑިއިރުގެ ތެރޭގައި މި ފިލްމުގެ ޓްރެއިލާ 50 މިލިއަން ފަހަރު ބަލާފައިވެ އެވެ. މިއީ މިހާތަނަށް އެއްވެސް ފިލްމެއްގެ ޓްރެއިލާ އަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ. އެންމެ މަޝްހޫރު ފިލްމުތަކުގެ ގޮތުގައި ބެލެވޭ ރަޖްނީކާންތުގެ "ކަބާލީ" ވެސް 24 ގަޑިއިރު ތެރޭ ބެލީ 4.5 މިލިއަނެވެ. ޝާހްރުކް ޚާންގެ "ރައީސް" ގެ ޓްރެއިލާ ދައްކަން ފެށީއްސުރެ ރިލޒްކުރުމާ ހަމައަށް ވެސް ބަލާފައިވަނީ 51 މިލިއަން މީހުންނެވެ.
"ބަހޫބަލީ 2"ގެ ޓިކެޓްގެ އަގު ވެސް ވަނީ މިހާތަނަށް ދުވަހަކު ވެސް ފިލްމެއްގެ ޓިކެޓްގެ އަގު ނާރާހާ މައްޗަށް އަރާފަ އެވެ. ދިއްލީ ކަހަލަ ސިޓީއެއްގައި އަރާމުގައި އިނދެލައިގެން މި ފިލްމު ބަލާލަން ބޭނުންނަމަ 2400 ރުޕީސް (ގާތްގަނޑަކަށް 600 ދިވެހި ރުފިޔާ) ދައްކަން ޖެހޭނެ އެވެ. އެހެންކަމުން މި ފިލްމުގެ ޓިކެޓް ވެފައިވަނީ އިންޑިއާގެ ސިނަމާއެއްގައި ވިއްކާފައިވާ އެންމެ އަގުބޮޑު ޓިކެޓަށެވެ. ތަންކޮޅެއް ކުރިން ރިލީޒްކުރި "އޭ ދިލް ހެ މުޝްކިލް"ގެ ޓިކެޓް 2200 ރުޕީސް އަށް ވިއްކާފައިވާ ކަމަށްވެ އެވެ. ނަމަވެސް އެ ޓިކެޓްގެ ރެކޯޑް ވެސް "ބަހޫބަލީ 2" މި ވަނީ މުގުރާލާފަ އެވެ.
ފިލްމުގެ ޓިކެޓް ބުދަ ދުވަހުން ފެށިގެން ވިއްކަން ފަށާފައިވާއިރު އިންޑިއާގެ އެކި ސްޓޭޓްތަކުގެ ސިނަމާތަކުގެ ބޭރުގައި ފަތިހުންސުރެ ފެށިގެން ދިގު ކިއޫތައް ވަނީ ދަމާލާފަ އެވެ. ފިލްމު ބަލަން މީހުން ބޭނުންވެފައި ތިބި މިންވަރުން މިއީ އިންޑިއާގައި މިހާތަނަށް އުފައްދާފައިވާ ހުރިހާ ފިލްމެއްގެ ހުރިހާ ރެކޯޑެއް މުގުރާލާނެ ފިލްމެއްކަން ވަނީ ޔަގީންވެފަ އެވެ.