ޓްރަމްޕުގެ އަމުރާ ދެކޮޅަށް އަނެއްކާވެސް ކޯޓުގެ ނިންމުމެއް
ޓްރަމްޕުގެ އަމުރާ ދެކޮޅަށް އަނެއްކާވެސް ކޯޓުގެ ނިންމުމެއް

ވޮޝިންޓަން (އެޕްރީލް 26) - ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވެފައިވާ މީހުންނަށް ހިމާޔަތް ދޭ ސިޓީތަކަށް ސަރުކާރުން ފައިސާ ދޫކުރުން ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ކޯޓުން ހުއްޓުވައިފި އެވެ.

ސެން ފްރެންސިސްކޯގެ ފަނޑިޔާރު ނެރުއްވި އަމުރާ ގުޅިގެން މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ޖެނުއަރީ މަހު ޓްރަމްޕް ނެރުއްވި އަމުރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ފަނޑިޔާރު ވަނީ ޓްރަމްޕް ނެރުއްވި އަމުރުގެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ އެއާ ގުޅުން ހުރި ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. ވައިޓް ހައުސް އިން ވަނީ ކޯޓުގެ ނިންމުމަށް ފާޑު ކިޔުމަށް ފަހު އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބުނެފަ އެވެ. މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުމަށް ޓްރަމްޕް އެންމެ ފުރަތަމަ ނެރުއްވި އަމުރު ވެސް ވަނީ ކޯޓުން ހުއްޓުވައިފަ އެވެ.

ޓްރަމްޕް ސަރުކާރުން ވަނީ ފެޑެރަލް އިމިގްރޭޝަން އޮފިޝަލުންނަށް އެއްބާރުލުން ނުދީ، ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ މީހުންނަށް ރައްކާތެރިކަންދޭ ސިޓީތަކަށް ފައިސާ ނުލިބޭނެ ކަމަށް ބުނެފަ އެވެ. މި ފިޔަވަޅު އެޅި ނަމަ ފެޑެރަލް ބެޖެޓުން ސެން ފްރެންސިސްކޯ އަށް 1.2 ބިލިއަން ޑޮލަރު އަދި ސެންޓާ ކްލާރާ ކައުންޓީ އަށް 1.7 ބިލިއަން ޑޮލަރު ލިބުން ހުއްޓޭނެ އެވެ.

އެމެރިކާ އަށް އެތެރެވެފައިވާ މީހުންނަށް ހިމާޔަތްދޭ ސިޓީތަކުގެ ތެރޭގައި ޓްރަމްޕް ދިރިއުޅުއްވާ ނިއު ޔޯކު ވެސް ހިމެނެ އެވެ. ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯ ވަނީ ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އޭނާ ވިދާޅުވީ ރައީސް ޓްރަމްޕް އުޅުއްވަނީ ރިޔާސީ ބާރުތަކަށް ވުރެ ފުޅާ ދާއިރާއެއްގައި އަމުރުތައް ނެރުއްވަން ކަމަށެވެ.