އަޔަކްސްގެ ސްޓޭޑިއަމް ކްރައިފްގެ ނަމަށް ބަދަލުކުރަނީ
އަޔަކްސްގެ ސްޓޭޑިއަމް ކްރައިފްގެ ނަމަށް ބަދަލުކުރަނީ

އެމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރިލް 26) – ނެދަލެންޑްސްގެ މަޝްހޫރު ފުޓްބޯޅަ ކްލަބް އަޔަކްސްގެ އެމްސްޓެޑަމް އެރީނާ ސްޓޭޑިއަމުގެ ނަން ޔޮހާން ކްރައިފް އެރީނާ އަށް ބަދަލުކުރަން ނިންމައިފި އެވެ.

ކެންސަރު ބަލީގައި މިދިޔަ އަހަރު މަރުވި ކްރައިފަކީ އަޔަކްސްގެ ރަމްޒެކެވެ. އެގޮތުން އޭނާ ވަނީ އަޔަކްސް އަށް ދެ ފަހަރެއްގެ މަތިން ކުޅެ އަދި އެ ކްލަބުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. ކުޅުންތެރިއެއްގެ ގޮތުން އެ ކްލަބާ އެކު ނެދަލެންޑްސް ލީގު އަށް ފަހަރު އަދި ޔޫރަޕުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު ހޯދި އެވެ. ކޯޗެއްގެ ގޮތުގައި ޑަޗް ކަޕް ދެ ފަހަރު އަދި ޔުއެފާ ކަޕްވިނާސް ކަޕް އެއް ފަހަރު ހޯދައިދިނެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ވަނީ 60ގެ އަހަރުތަކާއި 70ގެ އަހަރުތަކުގައި ނެދަލެންޑްސް ގައުމީ ޓީމާއި އަޔަކްސް އިން ޒަމާނީ ފުޓްބޯޅަ ނުވަތަ ޓޯޓަލް ފުޓްބޯޅަ ތައާރަފްކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ބާސެލޯނާ އަށް ވެސް ކުޅެ ކޯޗުކޮށްދީފައިވާ ކްރައިފުގެ ހަދާނުގައި އެ ކްލަބުން ވަނީ އެ ކްލަބުގެ ބީ ޓީމުގެ ސްޓޭޑިއަމަށް އޭނާގެ ނަން ދޭން ނިންމައިފި އެވެ. ބާސެލޯނާގެ ބީ ޓީމަކީ، ކްރައިފުގެ ބޮޑު ހިއްސާއަކާ އެކު ބާސެލޯނާ ތަރައްގީކުރި އެ ކްލަބުގެ އެކަޑަމީން ތައްޔާރުކުރާ ކުޅުންތެރިން ސީނިއާ ޓީމަށް ކުޅެން ފެށުމުގެ ކުރިން ޕްރޮފެޝަނަލް ފުޓްބޯޅަ ތަޖުރިބާކުރާ ޓީމެވެ.

މީގެ އިތުރުން ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ކްރައިފުގެ ސްޓެޗޫއެއް ބަހައްޓައި ކްލަބުގެ ދާރުލްއާސާރުގައި ކްރައިފަށް ހާއްސަ ބަޔެއް ހެދުމަށް ވެސް ކްލަބުން ވަނީ ނިންމައިފަ އެވެ