ޓޮޓެންހަމް ކުޅުންތެރިންނަށް ފާރަލާތީ ހައިރާނެއް ނުވޭ: ޕޮޗެޓީނޯ
ޓޮޓެންހަމް ކުޅުންތެރިންނަށް ފާރަލާތީ ހައިރާނެއް ނުވޭ: ޕޮޗެޓީނޯ

ލަންޑަން (އޭޕްރިލް 26) - ޔޫރަޕްގެ ނަން މަޝްހޫރު ބޮޑެތި ކްލަބްތަކުން ޓޮޓެންހަމް ހޮޓްސްޕާސް ކުޅުންތެރިންނަށް ފާރަލާތީ އެކަމާ ހައިރާންނުވާ ކަމަށް ޓޮޓެންހަމްގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގަށް ވާދަކުރަމުން އަންނަ ޓޮޓެންހަމްގެ ބައެއް މުހިއްމު ކުޅުންތެރިން މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި ކްރިސްޓިއަން އެރިކްސަން އާއި ޑެލޭ އަލީ، ޑެނީ ރޯސް އަދި ކައިލް ވޯކާ ހިމެނެ އެވެ. އެރިކްސަން ހޯދަން ބާސެލޯނާ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އަލީ ގެންދަން މެންޗެސްޓާ ސިޓީން ބޮޑު ބިޑެއް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

"ކުޅުންތެރިން ބޮޑު އަގުގައި ވިއްކައިގެން ފައިސާ ހޯދާނެ ކްލަބެއް ނޫން މިއީ. އަހަރެމެން މި ކްލަބްގައި ބަހައްޓަން ބޭނުންވާ ކުޅުންތެރިން މަޑުކުރާނެ. އަހަރެން ހައިރާނެއް ނުވޭ މި ޓީމުގެ ކުޅުންތެރިންނަށް ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން ފާރަލާތީ. އޭގެން އެނގެނީ މި ކްލަބްގެ ކުޅުންތެރިންގެ ފެންވަރު ހުރި ހިސާބު،" ކުރިން އެސްޕަންޔޯލާއި ސައުތެމްޓަނަށް ކޯޗު ކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން ޗެލްސީން ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި އެ ޓީމުން ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިރޭ ޓޮޓެންހަމް ރަށުންބޭރުގައި ނުކުންނާނީ މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

ޕެލަސް ވަނީ ރަށުންބޭރުގައި ލިވަޕޫލާއި ޗެލްސީ ބަލިކުުރުމުގެ އިތުރުން އަމިއްލަ ދަނޑުގައި އާސެނަލްގެ މައްޗަށް ވެސް ކާމިޔާބު ހޯދައިފަ އެވެ.

ޕޮޗެޓީނޯ ބުނީ ޕެލަސް އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް މާ ބޮޑު ސަމާލުކަމެެއް ދޭން ބޭނުންނުވާ ކަމަށެވެ.

"އަހަރެމެން ހަމައެކަނި ބޭނުންވަނީ އިދިކޮޅަށް ނުކުންނަ ޓީމު ދެނެގަންނަން. އެ ޓީމު ނެރެފައިވާ ނަތީޖާތަށް މުހިއްމެއް ނޫން. އެއީ އަހަރެމެން ބޭނުންވާ ގޮތަށް ކުޅެގެން ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. ތެދެއް މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތް އެއް ޓީމު ޕެލަސް އަކީ. އެކަމު ނަތީޖާ ނެރޭނީ ދަނޑުމަތީގައި ކުރާ ހިތްވަރުން،" ޕޮޗެޓީނޯ ބުންޏެވެ.

ޕެލަސް އާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.