މިހާރު 30: ހުވަފެން
މިހާރު 30: ހުވަފެން

އިއްޔެ ނޫހާ ގުޅޭ

ނުޒްހާ ހަޅޭއްލަވަން ފެށިއެވެ. ކެނޑުވުނު ގޮތަކަށް އަހަރެން އެ އަޑު ކަނޑުވައިލީމެވެ. ރޯވެފައި ހުރި ލޯބީގެ ހުޅުކޮޅުން ނަފުރަތުގެ ހުޅުގަނޑު ފަޅައިގެންދިޔައީ ބަސް ބުނި ހިނދުންނެވެ. އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ގޭތެރެއަށް ވެއްދީމެވެ. ނުޒްހާގެ ކޮޓަރިއަށް ވެއްދީމެވެ. އެ ގޭގެ އެހާ އެތެރެއަކަށް ކުރިން އަހަރެން ނުވަންނަމެވެ. ނުޒްހާގެ ކޮޓަރިއެއް ވެސް އަހަންނަކަށް ނޭނގެއެވެ. އެކަމަކު، ހުވަފެނުގައި އެ ހުރިހާ އެއްޗެއް އަހަންނަށް އެނގެއެވެ. ހުވަފެނުގެ ތެރެއަށް އަނިޔާވެރިކަމުގެ ރަތްކުލަ ފޭދިގެން ދިޔައީ ވަރަށް އަވަހަށެވެ. އަހަންނަށް އެނގެއެވެ. ހޭލެވޭއިރު އަހަރެން އޮންނާނީ އަހަރެންގެ އެނދުގައެވެ. ވީ ހުރިހާ ކަމަކީ ނުވާ ކަމެކެވެ. ކުށެއް ނެތެވެ. ފާފައެއް ވެސް ނެތެވެ. އަހަރެން ކުރި އެއްވެސް ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އެ ފަދަ ބާރެއް ލިބުނު މީހަކަށް މެނުވީ އެ ބޮޑާކަމެއް އިހުސާސެއް ނުކުރެވޭނެއެވެ.

"މަށަށް ތިހެން ނަހަދާ!" ނުޒްހާ އާދޭސްކުރިއެވެ. "ހެޔޮނުވާނެ މަށަށް ތިހެން ނަހަދާ!"

"މައިތިރިވެބަލަ!" އަހަރެން އަމުރުކުރީމެވެ. "މަށަށް ތިހެން ނަހަދާ މަށަށް ތިހެން ނަހަދާ ގޮވާއިރު، މަށަށް ތިހެން ހަދަންވާނެތަ؟ ނުޒްހާއަށް އެނގޭނެ ކިހާ ކުޑައިރުއްސުރެ ނުޒްހާދެކެ މަ ލޯބިވާކަން. ނޭނގޭ؟ ހަނދާނެއް ނެއްތަ އަހަރުމެން ދެ މީހުން އެކީގަ ކުޅެ ސަކަރާތްޖެހި ދުވަސްތަކެއް؟"

ނުޒްހާގެ އަތުގައި އަހަރެން ހިފަހައްޓައިގެން ހުރިއިރު، ބައެއް ފަހަރު އެއީ އަހަރެންގެ އަނބިމީހާހެން ވެސް ހީވެއެވެ. އެ އިން ވެސް އަހަންނަށް ކަށަވަރު ވި ކަމަކީ އެއީ ހުވަފެނެއްކަމެވެ. ހުވަފެނުގައި އެ ފަދަ ހަމަނުޖެހޭ ކަންކަން ފެންނާނެއެވެ.

"އެކަމަކު މިހާރު އެއީ މާޒީ!" ނުޒްހާ ރޮމުން ބުންޏެވެ. "އަހަރުމެންނަކަށް ނުވިސްނޭ އަހަރުމެންނަށް މި ކުރެވެނީ ކީއްކަމެއް. މިހާރު.."

ބަޔަކު ދޮރުގައި ތަޅައިގަތެވެ. ނުޒްހާގެ ނަމުން ގޮވަންފެށިއެވެ. މަންމާ ކިޔާފަ އެކަކު ގޮވިއިރު ދައްތާ ކިޔާފަ ވެސް މީހަކު ގޮވިއެވެ. އަހަރެން ބޭނުންވީ، ހޭލާ ހުރެ އަޖުމަ ބަލައިނުލެވޭނެ އެ ހާލަތު ހުވަފެނުގައި ތަޖުރިބާކޮށްލާށެވެ. އެއްވެސް ހާސްކަމެއް ނެތިއެވެ. ނުޒްހާ ގެނެސް އަހަރެންގެ އުނގުގައި ހައްޔަރުކޮށްލީމެވެ. ނުޒްހާ ގަދަހެދިއެވެ.

"ތީގެ މާނައަކީ މިހާރު އަހަރެންދެކެ ނުޒްހާ ލޯތްބެއް ނުވެއޭ؟" އަހަރެން އެހީމެވެ. "މަ އެކަނިދޯ މޮޔަވެގެން މި އުޅެނީ؟ އެހެންވެ ދޯ މަ ފެންނައިރަށް އިސްޖަހައިގެން ދަނީ؟"

އަހަރެންގެ އަތުތެރެއިން ސަލާމަތްވާން ނުޒްހާ ތެޅިފޮޅުނެވެ. ނުޒްހާ ހަޅޭއްލަވަން ފެށިއެވެ. ދޮރުގައި ތެޅި ބަޔަކު ދޮރު ހަލާކުކޮށްލި އަޑު އިވުނެވެ. އަހަރެން ފިލާކަށް ނުދުވަމެވެ. އައި ބަޔަކު ކުރާނެކަމެއް ކުރަން ދޫކޮށްލައިގެން ހުރީއެވެ. އަހަރެން ގައިގަ އެ މީހުން ތަޅައިގަތެވެ. ތަޅުންގަނޑު މައްޗަށް ވައްޓައިލައިފައި އަހަރެން ބަނދެލިއެވެ. އަނިޔާވާން ފެށުމުން ދެން އަހަރެން ބޭނުންވީ ހޭލާށެވެ. ހޭލެވުނުއިރު އަހަރެން އޮތީ އެނދުގައެވެ. ކަރަންޓެއް ނެތެވެ. އޭސީ ހުރީ ނިވިފައެވެ. އަހަރެން ތެދުވީމެވެ. ބުރިކަށި ހުރީ ތެމިފޯވެފައެވެ. ހުވަފެނުގައި ކަންތައް ހިނގައިދިޔަ ގޮތް އަހަންނަކަށް ކުޑަކޮށް ވެސް ކަމަކުނުދިޔައެވެ. ހިތަށްއެރިއެވެ. އެއީ ހުވަފެނެކެވެ. އަހަންނާ ދޭތެރޭގައި ނުޒްހާ އެ ގޮތަކަށް ނުދެކޭނެއެވެ. އަހަރެންދެކެ ނުޒްހާ ލޯބިވެއެވެ.

ކުރިން އަހަރެން ބޭނުންވީ އެ ފަދަ ހުވަފެނެއް ފެންނާށެވެ. އެހެންނަމަވެސް، އެ އިން އަހަންނަށް ލިބުނީ އުފަލެއް ނޫނެވެ. ނުތަނަވަސްކަމެކެވެ. މަގުމަތިން ނުޒްހާ ފެނުނަސް ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. އެ ހިތުގައި އޮތީ ކީކޭބާއެވެ؟ އަހަންނަކީ ނުޒްހާގެ މާޒީން ވަކިކޮށްލައިފައިވާ ސަފުހާއެއްބާއެވެ؟ ހުވަފެނަކުން އަހަރެން ފެނުނަސް ނުޒްހާގެ ރުހުމެއް ނުލިބޭނެބާއެވެ؟ ޙަޤީޤަތުގައި އަހަންނަކީ ނުޒްހާގެ ނުރުހުމުގައި އޭނަގެ ގައިގަ އިނގިލި ކުރި ވެސް ޖައްސައިލާނެ މީހެއް ނޫނެވެ. އެ އަށް ވުރެ ބޮޑަށް އޭނަދެކެ ލޯބިވެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެ އޮޅުންބޮޅުންގަނޑުގެ ތެރެއިން އަހަރެން ނެރެދިނީ ހިންދާމެވެ. އެއީ ހެޔޮއެދޭ އެކުވެރިއެކެވެ.

"މިސާލަކަށް، އޮލިމްޕަސް ކުރިމަތީގަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއްޔޯ،" ހިންދާމް ފާހަގަކުރީ މުހިންމު ނުކުތާއެކެވެ. "އޭގެ މާނައަކީ، އޮލިމްޕަސް ކުރިމައްޗަކީ ނުރައްކާތެރި ތަނެކޭތަ؟ އޮލިމްޕަސް ކުރިމައްޗަށް ހުއްޓޭއިރަށް އެކްސިޑެންޓެއް ވާނެއޭތަ؟ ޖަވާބަކީ ނޫނެކޭ. އޮލިމްޕަސް ކުރިމަތި ނުރައްކާވީ އެކްސިޑެންޓް ހިނގި ދަނޑިވަޅުގަ. މިސާލަކަށް އެއީ ހަތަރެއް ޖެހިއިރު ކަމަށް ވަންޏާ، ހަތަރެއް ޖަހައި އެއް ސިކުންތުން ފެށިގެން އޮލިމްޕަސް ކުރިމައްޗަކީ އަނެއްކާ ވެސް އަމާން ތަނެއް. އެ ތަނުން ހިނގާކަށް ބިރުގަންނާކަށް ނުޖެހޭ. މާނައަކީ، އެއް ހުވަފެނުގަ ނުޒްހާ އިންކާރު ކުރިޔަސް ހުރިހާ ހުވަފެނެއްގަ އެހެނެއް ނުވާނޭ. ޓްރައި ކޮށްބަލަ!"

އަހަންނަށް ގަބޫލުކުރެވުނެވެ. އެހެންނަމަވެސް، ދެވަނަ ހުވަފެނަށް ތައްޔާރުވާން އަހަންނަށް ހިތްވަރު ބޭނުންވިއެވެ. އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އެ ހިތްވަރު ހޯދީމެވެ. އެއް ދުވަހަށް ވުރެ ގިނަ ދުވަސް އެ ކަމުގައި ހޭދަކުރީމެވެ. ހުވަފެން ފެށުނުއިރު އަހަރެން އޮތީ ރަސްފަންނުގެ ޖޯއްޔެއްގައެވެ. ވަގުތެއް ނޭނގެއެވެ. ތަނަށް ވެރިވެފައި އޮތީ ނޫކުލައެކެވެ. ފެންނަން ހުރީ ހަނދެކެވެ. އަލިކަން އިރު ފަދައެވެ. އެ ގޮތަށް ދުނިޔެ އޮތުމުން އެއީ ހުވަފެނެއްކަން ކަށަވަރު ވިއެވެ. އަހަރެންގެ އަތްފައިގެ އިނގިލިތައް ވަރަށް އައިބެވެ. އަތުގައި އޮތް ގަޑީގެ ސިކުންތުކަށި ފިޔަވައި އެހެން ކަށްޓެއް ނެތެވެ. އަހަރެން އުދުހިގަތީމެވެ. މާލެ އާއި ހުޅެލެއާ ދެމެދު އަޅަމުންދިޔަ ބުރިޖު ވެސް ދުށީމެވެ. ދިޔަގޮތަށް ގޮސް ނުޒްހާގެ ގެއަށް ތިރިކޮށްލީމެވެ. އެކަމަކު އަމާޒުން ކައްސައިލައިގެން ގޮސް އަހަރެން ޖެހުނީ އެ ގޭގެ ދޮރާށީގައެވެ. އަނިޔާއެއް ނުވެއެވެ. ދޮރުން އެތެރެއަށް ވަނީމެވެ. ނުޒްހާ ފެންނާކަށް ނެތެވެ. ދެ މީހަކު ބަލަހައްޓައިގެން ތިއްބެވެ. އެކަކު ހުރީ، ސިފައިންގެ ޔުނީފޯމުގައެވެ. އަނެކަކު ހުރީ، އޮޕަރޭޝަން ޑޮކްޓަރުން ލާ ކަހަލަ ހެދުމެއްގައެވެ. އަހަންނަށް އެނގެއެވެ. ހުވަފެނުގައި އެ ފަދަ ހަމަނުޖެހޭ ކަންކަން ފެންނާނެއެވެ. އަހަރެން ދިޔަ ގޮތަށް ގޮސް ނުޒްހާގެ ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. ނުޒްހާ އޮތީ ނިދާފައެވެ. އުދުހިލައިފައި އަހަރެން ގޮސް ނުޒްހާގެ އެނދު ކައިރިއަށް ތިރިކޮށްލީ ކޮކާލެއްހެންނެވެ. ނުޒްހާ ލޯ ހުޅުވައިލިއެވެ. ހިނިތުންވެލައިފައި އަހަރެންގެ ނަމުން ގޮވައިލިއެވެ.

"ކިހާ ދުވަހެއް ވެއްޖެ އިންތިޒާރުކުރާތާ." ނުޒްހާގެ ރާގުގައި ލޯބި ފިޔަވައި އެހެން އެކައްޗެއް ވެސް ނެތެވެ.

އަހަންނަށް އިވެން ފެށީ އަހަރެން އުންމީދުކުރި ބަސްތަކެވެ. ފެންނަން ފެށީ ފެންނަން ޖެހޭ އޯގާތެރިކަމެވެ. އެއީ ޙަޤީޤަތެއް ނަމައޭ ހިތަށްއެރިއެވެ. ކުއްލިއަކަށް ހީވީ ފިލްމެއްގެ މެދުތެރެއިން ބައެއް ކަނޑައިލިހެންނެވެ.

"ދޫކޮށްލާ!" ނުޒްހާ ހަޅޭއްލަވަން ފެށިއެވެ. "ދޫކޮށްލާށޭ!"

ބަޔަކު އައި ތަނެއް ނުދެކެމެވެ. އަހަންނަށް ފެނުނީ ބަޔަކު އަހަރެންގެ ގައިގައި ހިފައިގަނެގެން ތިއްބައެވެ. ދެން ފެނުނީ ނުޒްހާ ރޯތަނެވެ. ވާނުވާ އޮޅެން ފެށުމުން އަހަރެން ބޭނުންވީ ހޭލާށެވެ. ހޭލެވުމުގެ ބަދަލުގައި އަހަރެން އަނބުރައިގަތެވެ. އެ އަށް ފަހު ހޭލެވުނެވެ. އަހަރެން ފުން ނޭވައެއް ބޭރުކޮށްލީމެވެ. ހިތަށްއެރިއެވެ. ހުވަފެނެއްގައި ވެސް ނުޒްހާގެ ރުހުން ދެން ނުލިބޭނެ ހެއްޔެވެ؟ ދެން ފެނުނީ ނަރުސްކުއްޖެކެވެ. ޑޮކްޓަރަކު ވެސް އައެވެ. އަހަރެން އޮތީ ހޮސްޕިޓަލެއްގައެވެ. އެ ތަނަށް އަހަރެން އައީ ކިހިނެއްބާއެވެ؟ ފުލުހުންގެ މީހަކު އައެވެ. ވާނުވާ އޮޅުންފިލީ އެ ހިސާބުންނެވެ. ހުވަފެން އަހަންނަށް ފެނުނީ ހުވަފެނުގައި އަހަރެން ނިދާފައި އޮއްވައެވެ. ވީމާ، ހޭލެވުނީ ވެސް ހުވަފެނަކަށެވެ. އަދިވެސް، ޙަޤީޤަތުގައި އަހަންނަކަށް ނުހޭލެވެއެވެ.

"އާދަމް ރާޝިދު ކީއްކުރައްވަންތޯ ނުޒްހާ ޢަލީގެ ގެއަށް ދުރުވީ؟" ވަރަށް އޯގާތެރިކަމާ އެކު ފުލުހަކު ސުވާލުކުރިއެވެ.

ފުލުސްމީހާގެ ނަމަށް އަހަރެން ބަލައިލީމެވެ. އަދި އެ ނަމުން މުޚާޠިބު ކުރީމެވެ.

"ހަސަން މަޖީދު!" އަހަރެން ބުނީމެވެ. "އެއީ ކަލެއާ ބެހޭކަމެއް ނޫން."

އަދަބު ކުޑަކޮށް އަހަރެން ވާހަކަދެއްކީ ހުވަފެނެއްވީމައެވެ. ހިތަށްއެރިއެވެ. ޖަލަށް ވެސް ވަދެލާނަމެވެ. ހުވަފެނެއްގައި ނޫނީ އަހަންނަކަށް އެ ތަނެއް ނުފެންނާނެއެވެ. ހޮސްޕިޓަލުން ނެރެގެން އަހަރެން ގެންދިޔައީ ޖަލަށެވެ. ޖަލަކު އަހަންނަކަށް ކެތެއް ނުވިއެވެ. ދެން ވާ ގޮތް ބަލަން ޖަލުގައި އޮންނާކަށް ވެސް ބޭނުމެއް ނުވިއެވެ. ލޯ ހުޅުވަން މަސައްކަތް ކުރީމެވެ. ނުހުޅުވުނެވެ. އަހަރެން އޮތީ ޖަލުގައެވެ. އަހަރެންގެ އަތަށް ބަލައިލީމެވެ. އިނގިލިތައް ހަމައެވެ. ޖަލުގެ ފާރުގައި ލިޔެފައި ހުރި އެއްޗެހިތަކަށް ބެލީމެވެ. ވަރަށް ސާފެވެ. ހިތް ބިރުގަންނަން ފެށިއެވެ. ހުވަފެނުގައި އަހަރެން އުޅުނީ ކޮންއިރަކު ހެއްޔެވެ؟ ހޭލެވުނީ ކޮންއިރަކު ހެއްޔެވެ؟

ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔައެވެ. މަސްތުވާ އެއްޗެހި ބޭނުން ކުރި ކަމުގެ ތުހުމަތު ވެސް އަހަރެންގެ ބޮލުގައި ވަނީ އެޅިފައެވެ. ހިތަށްއެރިއެވެ. އެ މީހުންނަށް އެ ކަން އެނގުނީ ކޮންއިރަކު ހެއްޔެވެ؟ އަހަރެން އަނބުރައި ޖަލަށް ގެނައެވެ. އައްޔަންކުރި ވަކީލު އައިސް އަހަންނާ ބައްދަލުކުރިއެވެ. ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.

"ޔޫރިން ޓެސްޓު ޕޮޒިޓިވް ވެއްޖެ،" ވަކީލުގެ ވާހަކަ ނިންމާލަމުން ބުންޏެވެ. "ތި ގެއިން ޑްރަގްސް ފެނިއްޖެ! އެކަމަކު ތި ގެއަށް ޑްރަގްސް ވެއްދީ ކާކުކަމެއް ނޭނގެޔޭ ކިޔާފަ އެ ކަމުން ސަލާމަތްވެވިދާނެ. ރޯމާ ދުވާލު ނުޒްހާގެ ގެއަށް ދެވުނީ ހަމަހޭގަ ހުރެގެން ނޫނޭ ބުނެ އެ ކަމުން ވެސް ސަލާމަތްވެވޭތޯ ބެލިދާނެ. މަގޭ ސުވާލަކީ ނުޒްހާއަށް އަނިޔާކުރީ ކީއްވެގެންހޭ؟"

ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނެވެ. ވީ ގޮތް އެނގުނެވެ. މަސްތުވެގެން އަހަންނަށް ދެވުނީ ރަސްފަންނުގެ ޖޯއްޔަކާ ހަމައަށެވެ. އެ ތަނުން ތެދުވުން އެއީ ޙަޤީޤަތެކެވެ. ހުވަފެނެއް ނޫނެވެ. ނުޒްހާގެ ގެއަށް ދަންދެން އަހަންނަށް ފެނުނު ހުރިހާ ކަމަކީ މަސްތުގެ ފީތާއަކުން އަހަންނަށް ދެއްކި މަންޒަރުތަކެކެވެ. އެއީ އަސްލެވެ. ހުވަފެނެއް ނޫނެވެ. އަހަރެންގެ އަދަބު ލުއިވެދާނެއެވެ. އެކަމަކު، އަބުރު ދެން ސަލާމަތެއް ނުކުރެވޭނެއެވެ. ހުވަފެން ކޮންޓުރޯލު ކުރަން އަހަންނަށް ދަސްވިއެވެ. އެހެންނަމަވެސް، ޙަޤީޤަތުގެ މުށުތެރޭގައި އަހަރެން ހައްޔަރުވީއެވެ. އެންމެން ގާތުގައި ވެސް އެ ވާހަކަ ބުނީމެވެ. އެކަކު ވެސް ގަބޫލެއް ނުކުރިއެވެ. އަންހެނަކަށް އަނިޔާކޮށް، ޖިންސީގޯނާ ކުރިކަމުގެ ކުށް ސާބިތުވެ މިހާރު ދުވަސްތައް ގުނަމުން މި ދަނީ ޖަލުގައެވެ.

ނިމުނީ